ދުނިޔެ

އީރާނަށް ހަމަލާދެވިދާނެ، އެކަމަކު ސަލާމަތަކުން ނުތިބެވޭނެ: އިޒްރޭލް

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދައިފި ނަމަ މެދުއިރުމައްޗަށް ވާނެ ގޮތެއް ވެސް ނޭނގެ އެވެ. އިޒްރޭލުން ބުނަނީ އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ލާހިކެއް ނޫން ކަމަށެވެ. އީރާނުން ނިއުކްލިއާ ބާރަކަށް ވުމަކީ އިޒްރޭލް ބުނާ ގޮތުން އެމީހުންގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

އިޒްރޭލް ބުނާ ގޮތުން އީރާނަށް ހަމަލާ ދިނުމަކީ އެއްވެސް ކަމެއް ނޫނެވެ. އީރާނާ އަޅާބަލާއިރު އިޒްރޭލު އަތުގައި ފަނާ ކުރަނިވި ހަތިޔާރު މާގިނަ އެވެ. އެހެން ނަމަވެސް އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅަކީ އަމިއްލައަށް ކޮނެވޭ ކަށްވަޅަކަށް ވެދާނެ ކަމުގެ ބިރު އިޒްރޭލުގެ ވިސްނުންތޫނު މީހުންގެ މެދުގައި ވަރަށް ބޮޑެވެ.

އިޒްރޭލް ޑިފެންސް ފޯސްގައި ކުރިން ޖާސޫސަކަށް އުޅުނު އާމޯސް ޔަދްލިން ބުނި ގޮތުގައި އީރާނާއެކު އެމެރިކާއަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނާ ދެކޮޅަށް އަޅާނެ ވަކި ފިޔަވަޅެއް ބޮޑުވަޒީރު ނަފްތަލީ ބެނެޓް ނިންމަވަން ޖެހިވަޑައިގަންނަވާނެ އެވެ.

ޔަދްލިން ބުނި ގޮތުގައި އީރާން ހަމަލާދޭން ޖެހުނު ނަމަވެސް އެކަން ވެސް ކުރަންވީ އެވެ. އެހެން ނަމަވެސް އޮތް ބިރަކީ ދެން ވާނެ ގޮތެވެ. އީރާނުން ކޮށްފާނެ ކަމެއް އަންދާޒާ ކުރަން ވެސް އިޒްރޭލަކަށް ނޭނގެ އެވެ.

އީރާނުން ބުނަމުން ގެންދަނީ އަރާ ފޯރީގައި ހެދިދާނެ ގޯހަކާ މެދު އިޒްރޭލުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. ދުނިޔޭގެ ޗާޓުން އިޒްރޭލު ފޮހެވިގެން ދިއުން އޮތީ އިޒްރޭލަށް ހެދޭ ގޯހެއްގެ ސަބަބުންކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

އިޒްރޭލްއާ އީރާނާ ދެމެދު ބޮޑު ހަނގުރާމައެއްގެ ބިރު އެބަ އޮތެވެ. މިކަން ހުއްޓުވެން އޮތީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އެމެރިކާއިން ނިންމާ ނިންމުމަކުންނެވެ.

އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އާދެވޭތޯ ވިއެނާގައި ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހި މިވަގުތު އޮތީ ހުއްޓިފަ އެވެ. މި އެއްބަސްވުން ދިގު ދެމިގެން ގޮސްފައި ވަނީ އީރާނަށް ކަމެއް ކޮށްދިނުމެއް ނެތި އެމެރިކާ ބޭނުންވާހާ ގޮތަކަށް އީރާން އެއްބަސްވާން ޖެހޭތީ އެވެ.

އީރާނުން ބުނަނީ އެއްބަސްވުމަކަށް ރުހެވެން އޮތީ އެމެރިކާއިން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ. އެމެރިކާއިން ބުނަނީ ނިއުކްލިއާ މާއްދާތައް މުއްސަނދިކުރަން އީރާނުން މަސައްކަތްކުރާ ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރާނެ ކަމަށެވެ.