ދުނިޔެ

ގުދުސްގައި ކޮންސިއުލޭޓް ނުހުޅުވަން ބައިޑަންއަށް ދެންނެވިން: ބެނެޓް

ފަލަސްތީނުގެ ގުދުސްގައި އެމެރިކާ ކޮންސިއުލޭޓެއް ހުޅުވުމަކީ އިޒްރޭލު ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. ޖޯ ބައިޑަންގެ ސަރުކާރުން ފަލަސްތީނަށް އެހީތެރިވުމަށް ގުދުސްގައި ކޮންސިއުލޭޓެއް ހުޅުވާނެ ކަމަށް ބުނީއްސުރެ އިޒްރޭލުން ގެންދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.

އެމެެރިކާގެ ރައީސް ޖޯ ބައިޑަންއާ ވައިޓް ހައުސްގައި ބައްދަލު ކުރައްވާ އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް އެންމެ ފުރަތަމަ ދެންނެވި ތިން ކަމެއްގެ ތެރޭގައި ގުދުސްގައި އެމެރިކާ ކޮންސިއުލޭޓް ނުހުޅުވުން ހިމެނެ އެވެ.

ބެނެޓް ވިދާޅުވި ކަމަށް ޓައިމްސް އޮފް އިޒްރޭލުން ބުނާ ގޮތުން ގުދުސް ނޫން ތަނެއްގައި ކޮންސިއުލޭޓް ހުޅުވުން އެންމެ ރަނގަޅު ކަމަށް އޭނާ ބައިޑަންއަށް ދެންނެވި އެވެ. އެހެން ނަމަވެސް ބައިޑަން އެކަން ގަބޫލުފުޅެއް ނުކުރެއްވި އެވެ.

ބައިޑަންގެ އަރިހުގައި ބެނެޓް ދެންނެވީ ފަލަސްތީންގެ ރާމަﷲ ގައި ނުވަތަ ހުޅަނގު އައްސޭރީގެ އަވަށެއްގައި ވެސް ކޮންސިއުލޭޓް ހުޅުވިދާނެ ކަމަށާއި އެކަމުގައި އިޒްރޭލުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

ޓައިމްސް އޮފް އިޒްރޭލުން ބުނާ ގޮތުން ކޮންސިއުލޭޓް ހުޅުވާނެ ތަނަކާ ބެހޭ ގޮތުން ބެނެޓް ދެއްވި އެއްވެސް ޚިޔާލުފުޅެއް ބައިޑަން ގަބޫލުފުޅެއް ނުކުރެއްވި އެވެ.

ގުދުސްގައި އެމެރިކާ ކޮންސިއުލޭޓް ހުޅުވައިފި ނަމަ ނަފްތަލީ ބެނެޓްގެ ސަރުކާރަށް ލޮޅުން އަރާނެ ކަމަށް އޮތީ ވިދާޅުވެވިފަ އެވެ. އަދި އެކަމުގެ ސަބަބުން ކޯލިޝަނަކުން އެކުލަވާލާފައި އޮތް ސަރުކާރު ރޫޅި މަޝްރަހު ހަލަބޮލިވެދާނެ ކަމަށް ވެސް ދެންނެވުނެވެ.

ޚަބަރުތައް ބުނާ ގޮތުން ބައިޑަން މިހާރު ނިންމަވާފައި އޮތީ ބެނެޓްގެ ސަރުކާރު ރަނގަޅަށް ހިނގައިގަތުމުން ކޮންސިއުލޭޓް ހުޅުވާށެވެ. އަދި އިޒްރޭލު ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓް ފާސްކޮށް ނިމެންދެން މަޑު ކުރުމަށެވެ. ބުނެވޭ ގޮތުގައި ނޮވެމްބަރުގެ ކުރިން ބަޖެޓް ފާސް ކުރާނެ އެވެ.

އެމެރިކާ ކޮންސިއުލޭޓް އޮފީހެއް ފަލަސްތީންގެ ގުދުސްގައި ކުރިން ވެސް ހުއްޓެވެ. އެހެން ނަމަވެސް އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕްގެ ސަރުކާރުން ކޮންސިއުލޭޓް އުވާލައި ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީއަށް ހިދުމަތްތައް ބަދަލު ކުރެއްވީ އެވެ.

ބައިޑަންއާ ބައްދަލު ކުރައްވަން ބެނެޓަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އިޒްރޭލަށް އޮތް އެންމެ ބޮޑު ތިން ކަންބޮޑުވުމަކާ ބެހޭ ގޮތުން ދެންނެވި އެވެ. އެއީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމާއި ގުދުސްގައި އެމެރިކާ ކޮންސިއުލޭޓް ހުޅުވުން އަދި އީރާންގެ ނިއުކްލިއާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމެވެ.