އަބްދުﷲ ޖާބިރު

ޖާބިރުގެ ކާސާ މިއާގައި އަލިފާނުގެ ހާދިސާއެއް

އއ. މަތިވެރިގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިންގާ ކާސާ މިއާ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ކާސާ މިއާ އަށް ކަރަންޓް ދިނުމަށް ގެސްޓްހައުސްއާ ވަކިން ހަދާފައިވާ ސްޓޭޝަންގަ އެވެ.

މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް އަވަސްއަށް ވިދާޅުވީ ޖާބިރުގެ ފަރާތްޕުޅުން އެއީ ގަސްދުގައި މީހަކު ކުރި ކަމެއް ކަމަށް ތުހުމަތުކުރެއްވި ނަމަވެސް އެއީ އެރަށު ރައްޔިތަކު ގަސްދުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ އަސްލަމް ވިދާޅުވީ ބޮޑަށް ބެލެވެނީ އެތަނުގައި ރޯވީ ކަރަންޓު ޝޯޓެއް ދިމާވެގެން ކަމަށެވެ. ނަމަވެސް އެކަން ހިނގައިދިޔަ ގޮތް އެނގޭނީ ފުލުހުން ތަހުގީގު ކުރުމުން ކަމަށް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އަސްލަމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު މުޅި ރަށުން ވެސް ކަރަންޓު ދިޔަ ކަމަށެވެ. ރަށުން ކަރަންޓު ދިޔުމާއި އެތަނުގައި ރޯވުމަކީ ގުޅިފައިވާ ކަމެއް ކަމަށް ވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ނުބުނާނަން އެއީ މީހަކު ގަސްދުގައި ކުރި ކަމެކޭ. ޖާބިރު އެދިވަޑައިގަތް ގޮތަށް އަޅުގަނޑުމެންވެސް ބޭނުންވަނީ ވީހާވެސް އަވަހަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން މި މައްސަލަ ރަގަޅަށް ބެލުމަށް. ޖާބިރަކީ މިރަށު ރައްޔިތުންނަށް ބިރު ދައްކާ ވަރަށް ހަޑިހުތުރު ބަހުން މުހާތަބު ކުރައްވާ ބޭފުޅެއް. ޖާބިރު ކަންތައް ކުރައްވާ ގޮތުން ރައްޔިތުން ކުށްވެރިވާކަށް ނުޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.

ފަހަކަށް އައިސް މަތިވެރި ރައްތިޔުންނާއި ޖާބިރާ ދެމެދު ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން އަސްލަމް ވިދާޅުވީ އެރަށުގެ ރައްޔިތުންނަކީ ދުވަހަކު ވެސް ރަށަށް ޒިޔާރަތް ކުރާ މީހަކު ރަށަށް އެރިޔަ ނުދީ ހަމަނުޖެހުން ހިންގާ ބައެއް ނޫން ކަމަށެވެ. ޖާބިރަކީ އެރަށު ރައްޔިތުންނަށް ބިރު ދައްކައި، ސީދާ އޭނާ އަށް ގުޅުއްވައިގެން ހަޑިހުތުރު ބަސްތަކުން ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

ކާސާ މިއާ ގެސްޓް ހައުސް ހުރި ބިމަށް ޖާބިރު ކުލި ނުދައްކަވާތާ އެތައް މަހެއް ވެފައިވާ ކަމަށާއި، ރަށު ކައުންސިލަށް 4.7 މިލިއަން ރުފިޔާ ދައްކަން މިހާރު ވެސް އެބަ އޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޖާބިރުގެ ކާސާ މިއާ ގެސްޓް ހައުސްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. ޖާބިރު ތުހުމަތު ކުރައްވަނީ އެއީ އެ ރަށުގެ ބަޔަކު ގަސްދުގައި ކުރާ ކަމެއްގެ ގޮތުގަ އެވެ.