ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވިސްގެ އިސްލާހުތަކުން ކުރަނީ ކޮން ކަމެއް

ރާއްޖޭގެ އާބާދީގެ ނިސްބަތުން ދިވެހި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ގިނަ އެވެ. އެކަމަކު ސަރުކާރުގެ އޮފީސް ތަކުން ފޯރުކޮށްދޭ ހިދުމަތްތައް ލަސްވުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ދިވެހި ސިވިލް ސާވިސްގެ ހިދުމަތްތައް ރަނގަޅުކޮށް، ހިންގަން ހަވާލުކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށެވެ. ސަރުކާރުގެ ނުފޫޒު ނުހިނގާ ގޮތަށް ވަކި ހާއްސަ ގާނޫނަކުން ބޮޑެތި ބާރުތަކެއް ދީގެން ކޮމިޝަން އުފައްދާފައިވީ ނަމަވެސް ފާޑުކިޔުންތަކުން ސަލާމަތެއް ނުވެ އެވެ. ކޮމިޝަން އުފެދިގެން 13 އަހަރުވީއިރު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ސަރުކާރުގެ ނުފޫޒު ކޮމިޝަނަށް ހިނގާތީ އެވެ. ކޮމިޝަންގެ މެންބަރުން އެއްބަސްވެވަޑައިނުގެންނެވި ނަމަވެސް އެއްވެސް ދުވަސްވަރަކު ސީއެސްސީ ހިނގަނީ ނުފޫޒުތަކުން ސަލާމަތްވެ ތިބެގެނެއް ނޫނެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އަށްވަނަ އިސްލާހު ގެނެސް ބުރާސްފަތި ދުވަހު އިސްލާހުތައް ގެޒެޓް ކުރުމާ އެކު ކޮމިޝަނަށް އަނެއްކާވެސް ބޮޑެތި ފާޑުކިޔުންތަކެއް މިވަނީ އަމާޒުވެފަ އެވެ. އިސްލާހުތައް ގެނައީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތުކުރާ ބަޔަކު ވެސް އުޅެ އެވެ. އިސްލާހު ގެނެސްފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމުން ފިޔަވަޅު އެޅޭ ގޮތަށެވެ. އެގޮތުން ފުރަތަމަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތް ދެވޭއިރު ދެވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ ލިޔުމުން އިންޒާރު ދެވޭނެ އެވެ. އަދި ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ މަގާމު ދަށްކުރެވޭ ގޮތަށް އަޅާނެ ފިޔަވަޅުތަކެއް ފަހުގެ އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

ފާޑުކިޔުންތަކުގެ ދިފާއުގައި ސީއެސްސީ ބުނެފައިވަނީ ބުރާސްފަތި ދުވަހު ގެޒެޓް ކުރީ އަލަށް ގެނައި އިސްލާހުތަކެއް ނޫން ކަމަށެވެ. ދެން ބުނީ އެ އިސްލާހުތައް ގެނައި 2015 ވަނަ އަހަރު ނިމިދިޔަ ސަރުކާރުގައި ކަމަށެވެ. މިހާރު މިއޮތް ކޮމިޝަނުން ކުރިހާ ވެސް ކަމަކީ ގާނޫނާއި ގަވައިދުގައި ބުނެފައިވާ "ސިޔާސީ ހަރަކާތް" އިތުރަށް ފުޅާކޮށް މާނަކޮށްދިނީ ކަމަށެވެ.

"ހަގީގަތުގައި ގަވައިދު ކުރިން އޮތް ގޮތުން 'ސިޔާސީ ހަރަކާތް' ބޭނުން ގޮތަކަށް މާނަކޮށްގެން މިސާލަކަށް ފޭސްބުކްގައި އެއްޗެއް ޖަހައިގެންވެސް ވަޒީފާ އިން ވަކިކޮށްލެވޭ ގޮތަށް ގަވައިދު އޮތީ. އެކަމަކު އަޅުގަނޑުމެން މިކުރި ކަމަކީ ސިޔާސީ ހަރަކާތް ހިންގުން މާނަކުރުން ފުޅާކޮށް މުވައްޒަފުން ވަކިކުރުން ހަގީގަތުގައި ހަނިކޮށްލީ،" ސީއެސްސީގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު ގަވައިދަށް ގެނައި އިސްލާހު

  • ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުން (އެއްވަނަ ދަރަޖައިގެ ކުށް)
  • ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދައްކައި ސިޔާސީ ބަހުސް ކުރުން (ދެވަނަ ދަރަޖައިގެ ކުށް)

ސިވިލް ސާވިސްގެ ގާނޫނު 2007 ވަނަ އަހަރު އެންމެ ފުރަތަމަ ވުޖޫދަށް އައި އިރުވެސް ސިވިލް ސާވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން އޮތީ މަނާކޮށްފަ އެވެ. އެގޮތުން އޭރު ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވަނީ "ދިވެހި ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ" ކަމަށެވެ. ނަމަވެސް ކުރިން ޔޫތު މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި އެމްއެންޕީގެ މިހާރުގެ ޑެޕިއުޓީ ރަޖިސްޓްރާ މުހައްމަދު ހާނިމު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ވަޒީފާ އިން ވަކިކުރުމާ ގުޅިގެން އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ސެޕްޓެމްބަރު 21، 2011 ގައި ގާނޫނުގެ 53 ވަނަ މާއްދާ ބާތިލުކޮށްފަ އެވެ. އެހެންވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ ފަހުން ވަނީ އިސްލާހުކޮށްފަ އެވެ. އޭރު އިސްލާހު ކުރީ ވެސް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން އުޅުން މަނާވާ ގޮތަށެވެ. އެކަމަކު އަޅާނެ ފިޔަވަޅު ތަކެއް އޭރު ގާނޫނުގައި ހިމަނާފައެއް ނުވެ އެވެ.

ގާނޫނުގެ 53 ވަނަ މާއްދާއަށް 2015 ގައި ގެނައި އިސްލާހުގައި މަނާކުރާ ކަންކަން

  • މަގާމުގެ ހައިސިއްޔަތާއި މަސްއޫލިއްޔަތުގެ ގޮތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުން
  • ސިވިލް ސާވިސްގައި ވަޒީފާގައި ހުންނައިރު ސިވިލް ސާވިސް ގާނޫނާއި ގަވައިދު މަނާކުރާ ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރުން
  • މަސައްކަތުގެ ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް ރަސްމީ މަސައްކަތެއް ކުރާނަމަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން
  • މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސް އެޅޭ ގޮތަށް ނުވަތަ ވަކިފަރާތަަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން
  • މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން

ސިވިލް ސާވިސްގެ ގަވައިދަށް މިހާރުގެ ކޮމިޝަނުން އައްވަނަ އިސްލާހު ބުރާސްފަތި ދުވަހު ގެނައީ 2015 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އެކަންކަމުގައި އަމަލީގޮތުން އުޅުއްވި ބޭފުޅުން އެ ވާހަކަތައް ދޮގުކުރައްވަ އެވެ. އެފަދަ އެއް ބޭފުޅަކީ 2015 ވަނަ އަހަރު ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައި އިރު މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ޑރ. އަބްދުﷲ ހަލީލް އެވެ. އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ކަން ވެސް ކުރިން ކުރައްވާފަ އެވެ.

ޑރ. ހަލީލް ވިދާޅުވާ ގޮތުގައި ސިވިލް ސާވިސް ގާނޫނަށް 2015 ގައި އިސްލާހު ގެނައީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބާއި، 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ރޫހާ އެއްގޮތްވާ ގޮތަށެވެ. ގާނޫނަށް އޭރު އިސްލާހު ގެނައި އިރު ސިވިލް ސާވިސް މުވައްޒަފުންނަށް އަޅާނެ ފިޔަވަޅުތަކެއް ނޯންނާނެ ކަމަށާއި ގަވާއިދެއްގެ ތެރެއިން އަޅާނެ ފިޔަވަޅުތަކެއް އެކުލަވާލީ މިސަރުކާރުގައި މިހާރުގެ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ހަލީލް ވިދާޅުވި އެވެ.

"އެހެންކަމުން ގަވައިދު މިހާރު އެ އޮތީ ވަރަށް ފުޅާކޮށް މާނަ ކުރެވޭ ގޮތަށް އަދި ސިޔާސީ ނުފޫޒު ވެސް އެ ކޮމިޝަނުން މުވައްޒަފުންނަށް ފޯރުވޭ ގޮތަށް،" ހަލީލް ވިދާޅުވި އެވެ.

ގަވައިދަށް ގެނައި އިސްލާހުގައި ވަޒީފާ އިން ވަކިކުރެވޭނެ ގޮތްތައް

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއި ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން
  • މަސައްކަތުގެ ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް ރަސްމީ މަސައްކަތެއް ކުރާނަމަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން
  • މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސް އެޅޭ ގޮތަށް ނުވަތަ ވަކިފަރާތަަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން

ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފަހުން ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހުތަކާ މެދު ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ވެސް ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރިން ކުރައްވާފައިވާ މުހުތާޒު ގަބޫލުކުރައްވާ ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްވެސް ގަވާއިދަކުން ހަނިކުރެވިގެންނުވާނެ އެވެ. އެއީ ޑިމޮކްރެޓިކް މުޖުތަމައުތައް ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ސިވިލް ސާވަންޓުންގެ ހައްގުތަކަށް އަރައިގަތުމުގެ ސަގާފަތާ ދުރުވުން ބުއްދިވެރި،" މުހުތާޒު ވިދާޅުވި އެވެ.

ކޮމިޝަނުގެ ފަހުގެ އިސްލާހުތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ގޮތްތަކެއް ބަޔާންކޮށްފައިވާތީ އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ އިދިކޮޅަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ. އޭނާ ވިދާޅުވީ މިހާރުގެ ކޮމިޝަނުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުތަކެއް ގެއްލޭ ގޮތަށް ގަވައިދު އިސްލާހުކުރުމަށްފަހު އެހެން މީހުންގެ ބޮލަށް "ކަނޑާލުމަކީ" އެންމެ ނާގާބިލް މީހުންގެ ސިފަ ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ގެއްލުމުގައި ކޮމިޝަންގެ އިހްމާލު ބޮޑު ކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ އެންމެ ފަހުން ގެޒެޓް ކުރި އިސްލާހުތައް އަލުން އިސްލާހު ކުރުމަށްވެސް ގޮވާލައްވާފަ އެވެ.

"ސަރުކާރުގެ މިސްރާބު ހުރީ ސިވިލް ސާވަންޓުނަށް ބިރުދައްކައި މަދަނީ ހައްގު ތަކުން މަހްރޫމުވާ ގޮތަށް. ސިޔާސީ ކަންކަމުގައި ބައިވެރިވުމުން ވަޒީފާ ގެއްލޭ ގޮތަށް ގަވައިދު ބަދަލުކުރުމަކީ ޑިމޮކްރަސީއާއި ބީރައްޓެހި ނާތަހުޒީބު އަމަލެއް،" ކުރިން ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ގަވައިދަށް ގެނެސްފައިވާ އިސްލާހު ތަކާ މެދު ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގެ ބައެއް ވަޒީރުންނާއި ކޯލިޝަންގެ ޕާޓީ ތަކަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ދެކޮޅު ހައްދަވަ އެވެ.

ސިވިލް ސާވިސްގައި 26،000 އަަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު ސިވިލް ސާވިސްގެ ހިދުމަތަކީ މިނިވަން މުސްތަގިއްލު އިދާރާ އަކުން ރެގިއުލޭޓް ކުރާ ހިދުމަތެކެވެ. ސިވިލް ސާވިސްގެ މުވައްޒަފުން ތަބާވާންްޖެހޭ އުސޫލުތައް ކަޑައަޅައި ތަންފީޒު ކުރުމާއި، ހިދުމަތުގެ ފެންވަރު މަތިކުރުމަކީ ކޮމިޝަންގެ ޒިންމާ އެކެވެ. އެކަމަކު ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ހިދުމަތް ރަނގަޅުކުރުމަށް ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެ އެވެ.

ކުރީގެ ކޮމިޝަނުން ހަދާފައިވާ އޮޑިޓަކުން އެކަން ފެންނަން އެބައޮތެވެ. ކޮމިޝަނުން އިސްކަން މިދިނީ "ސިޔާސީ ހަރަކާތް" މާނަކޮށް މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ގޮތްތަކެއް ފަހިކުރުމަށެވެ. ކޮމިޝަނުގެ ރޫހާއި ނިޔަތް އެކަމުގައި ރަނގަޅު ކަމަށް ދައްކަން މަސައްކަތް ކުރި ނަމަވެސް އަމަލުކުރި ގޮތުން އުފެދެނީ އިތުރު ސުވާލުތަކާއި ޝައްކުތަކެވެ. ސިވިލް ސާވިސްގެ ގަވައިދަށް ފަހުން ގެނައި އިސްލާހު ތަކަކީ ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތަށް ބަލާނެ ޖާގަ ލިބެނީ އެހެންވެގެންނެވެ.