ލައިފްސްޓައިލް

މާސްޓާޒް ޑިގްރީ އޮތަސް ވަޒިފާއެއް ނުލިބި ސައި ވިއްކަނީ

އިންޑިއާގެ ކަލްކަތާގައި ދިރިއުޅޭ ޒުވާން އަންހެނެއް ކަމަށްވާ ޓުކްޓުކީ ދާސްގެ މައިންބަފައިން އަބަދުވެސް އޭނާއަށް ދޭ ނަސޭހަތެއް އޮވެ އެވެ. މޮޅަށް ކިޔަވައިގެން މޮޅު ނަތީޖާއެއް ހޯދައިފިނަމަ އޭނާއަށް ކިތަންމެ އުހަކަށް ވެސް އެރިދާނޭ އެވެ.

ޓުކްޓުކީގެ މައިންބަފައިން ބޭނުންވީ ދަރިފުޅަކީ މޮޅު ޓީޗަރަކަށް ވާށެވެ. އެހެންވެ އޭނާ މޮޅަށް ކިޔަވައިގެން އިނގިރޭސިން މާސްޓާޒް ޑިގްރީ ހާސިލު ކުރި އެވެ. ނަމަވެސް މި ޑިގްރީއާ އެކު ވެސް ޓުކްޓުކީ އަކަށް ވަޒީފާއެއް ނުލިބުނެވެ.

އޭނާ އެކި ގޮތްގޮތުން މަސައްކަތް ކޮށްވެސް ވަޒީފާއެއް ނުލިބުމުން އެންމެ ފަހުން މަޖްބޫރުވެގެން މިހާރު ވަނީ ސައިވިއްކާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފަ އެވެ.

ހާބްރާ ސްޓޭޝަންގެ ބޭރުގައި ޓުކްޓުކީ މިހާރު ވަނީ ސައި ވިއްކާ ކުޑަކުޑަ ފިހާރައެއް ހުޅުވާ އެތަނުގައި ހުރެގެން ސައި ވިއްކުމުގެ މަސައްކަތް ކުރަން ފަށާފަ އެވެ. އެހިސާބުން ދަތުރުކުރާ މީހުންނަނީ ޓުކްޓުކީގެ ސައި ފިހާރައިގައި ދަމާފައިވާ ބެނާއެއް ފެންނާނެ އެވެ. މި ބެނާގައި "އެމްއޭ އިންގްލިޝް ޗާއިވާލާ" މިހެން ލިޔެފައިވެ އެވެ.

ތުކްޓުކީގެ ބައްޕަ އަކީ ވޭން ޑްރައިވަރެކެވެ. މަންމަ އުޅެނީ ތަރުކާރީ ވިއްކާ ކުޑަ ފިހާރައެއް ހުޅުވައިގެންނެވެ. އެހެންވެ ޓުކްޓުކީ ސައި ވިއްކާ ފިހާރަ ހުޅުވުމުން މައިންބަފައިން ފުރަތަމައިނުން އެހާ ހިތްހަމައެއް ނުޖެހެ އެވެ. ނަމަވެސް ޓުކްޓުކީ ހުރީ މޮޅު ވަޒީފާއެއް ނުލިބިގެންނޭ ކިޔާފައި ގޭގައި ދެއަތް އުރާލައިގެން ހުންނަ ކަހަލަ މޫޑެއްގައެއް ނޫނެވެ.

ޓުކްޓުކީ ބުނި ގޮތުގައި އެއްވެސް ވަޒީފާ އަކީ އޭގެ ޒާތުގައި ކުޑަ އަދި ދެރަ ވަޒީފާއެއް ނޫނެވެ. ބުރަ މަސައްކަތް ކޮށްގެން ފައިސާ ލިބޭނަމަ ކޮންމެ ވަޒީފާއެއްވެސް ރަނގަޅުވާނެ އެވެ.

އޭނާގެ ފިހާރައިގައި ސައިގެ އިތުރުން ސްނެކްސް ވެސް ވިއްކާ ކަމަށާއި މާސްޓާޒް ޑިގްރީއެއް އޮތަސް އޭގެން ފައިދާއެއް ނުކުރާނަމަ މިފަދަ މަސައްކަތެއް ކުރަން ވެސް އޭނާ އަށް ހަމަ އޯކޭ ކަމަށް ޓުކްޓުކީ ބުންޏެވެ.

ޓުކްޓުކީގެ ސައިގެ ވިޔަފާރި ފުޅާކުރަން އޭނާ ދަނީ އެކި ކަހަލަ ވިސްނުންތައް ވިސްނަމުންނެވެ.

ޓުކްޓުކީގެ ބައްޕަ ޕްރަޝަންތޯ ދާސް ބުނި ގޮތުގައި އެހާ މޮޅަށް ކިޔަވައިގެން ދަރިފުޅު ސައި ވިއްކާ މީހަކަށް ވީމަ އޭނާ ފުރަތަމަ ވަރަށް ހިތްހަމަނުޖެހުނެވެ. އެމީހުން އުންމީދުކުރީ ޓީޗަރެއްގެ ވަޒީފާ ދަރިފުޅަށް ލިބޭނެ ކަމަށް ކަމަށާއި ނަމަވެސް ވަޒީފާ ނުލިބުމުން ދަރިފުޅު ނިންމި ނިންމުން ރަނގަޅުކަމަށް މިހާރު އޭނާއަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ.

"ޓުކްޓުކީގެ ސައި ފިހާރައިގެ ބޭރުގައިވާ ލިޔުން ކިޔާފައި ގިނަ ބަޔަކަށް އޭނާގެ ފިހާރައަށް ޒިޔާރަތްކުރޭ. އަދި ޓުކްޓުކީ ގޮތަށް މޮޅަށް ކިޔަވައި މޮޅު ޑިގްރީތައް ނަގައިގެން ވަޒީފާ ނުލިބި ތިބި އެތައް ލައްކަ ބަޔަކަށް މިއީ އޭނާ މި ދައްކަނީ ވަރަށް ރަނގަޅު މިސާލެއް ކަމަށް އަހަރެންނަށް މިހާރު ގަބޫލު ކުރެވޭ. އަދި އެފަދަ މީހުން މޮޅު ވަޒީފާތައް ލިބޭނެކަމުގެ އުންމީދުގައި ގޭގައި ނުތިބި ކޮންމެވެސް މަސައްކަތެއް ކުރަން ފަށަން ޓުކްޓުކީގެ ވާހަކަ އަޑުއަހާފައި ހިތްވަރު ލިބޭނެ ކަމަށް އުންމީދުކުރަން،" ޓުކްޓުކީގެ ބައްޕަ ބުންޏެވެ.

ޓުކްޓުކީ ނޫނަސް ކިޔަވައިގެން ތިބި ތައުލީމީ މީހުން އިންޑިއާގައި ސައި ވިއްކާ ވިޔަފާރިތައް ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޕްރަފުލް ބިއްލޯރޭ އެވެ.

ދަނޑުވެރިއެއްގެ ދަރިއެއް ކަމަށްވާ ޕްރަފުލް އަތުގައި އެކައުންޓީން ޑިގްރީއެއް އޮތެވެ. ނަމަވެސް ވަޒީފާއެއް ނުލިބިގެން އެންމެ ފަހުން އޭނާވެސް ފެށީ ސައި ވިއްކާށެވެ. މިހާރު އޭނާ އަކީ ބިލިއަނަރެކެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި އޭނާގެ 22 ވަރަކަށް ރެސްޓޯރަންޓް އެބަހުއްޓެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި މީގެ ގޮފިތައް ހުޅުވަން އޭނާ ދަނީ ތައްޔާރުވަމުންނެވެ.