ހެމާ މާލިނީ އާއި ދަރުމެންދުރަގެ ލޯބީގެ ވާހަކަ އަކީ ބޮލީވުޑްގައި މިހާތަނަށް އެންމެ މަޝްހޫރުވި އެއް ވާހަކަ އެވެ. ވަރަށް އުނދަގޫ އިމްތިހާނުތަކަކުން ފާސްވެ ހެމާ އާއި ދަރުމެންދުރަ އެމީހުންގެ ލޯބި ހާސިލުކުރި އެވެ. އަދި ކައިވެނިކޮށް މި ދެ މީހުންނަށް ދެ ދަރިން ވެސް ލިބުނެވެ. އީޝާ އާއި އާހަނާ ޑިއޯލް އެވެ.
ގިނަ ބައްޕައިން ފަދައިން ދަރުމެންދުރަ ވެސް އޭނާގެ އަންހެން ދަރިން ލައްވާ ފިލްމު ކުޅުވާކަށް ބޭނުމެއް ނޫނެވެ. ދަރުމެންދުރަގެ ދޮށީ އަނބި ޕްރަކާޝްގެ ދެ އަންހެން ދަރިން އެއްގޮތަކަށް ވެސް އާއްމުންނަށް ފެނިފައި ނުވަނީ އެހެންވެ އެވެ. ފިލްމީ ހަފުލާއަކުން ވެސް އޭނާގެ އަޖީތާ އާއި ވިޖޭތާ އެއްގޮތަކަށް ވެސް ނުފެނެ އެވެ. ހަމަ އެގޮތަށް އީޝާ އާއި އާހަނާ ވެސް ފިލްމު އިންޑަސްޓްރީ އާއި ދުރުގައި ބައިތިއްބަން ދަރުމެންދުރަ ބޭނުންވި އެވެ.
ސިމީ ގަރެވާލް ޝޯގައި މަންމަ ހެމާއާ އެކު ބައިވެރިވި އީޝާ ވަނީ އޭނާ ފިލްމު ކުޅުމާ ބައްޕަ ދެކޮޅު ހެދި ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
އީޝާ ބުނި ގޮތުގައި އޭނާ ފިލްމު ކުޅެން ޝައުގުވެރިވާކަން ހާމަކުރުމުން ބައްޕަ ކަނޑައެޅިގެން އެކަމަށް ބުނީ ނޫނެކޭ އެވެ. އަދި ދަރުމެންދުރަ އެއްބަސް ކުރުވޭތޯ ހެމާ ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ހެމާގެ ވާހަކަ ވެސް ދަރުމެންދުރަ ގަބޫލެއް ނުކުރި އެވެ.
"އީޝާ އާއި އާހަނާ އުފަންވުމާއެކު ވެސް ދަރަމްޖީ (ދަރުމެންދުރަ) ބުނި އޭނާގެ އަންހެން ދަރިން ނަށަން ދަސްކުރިޔަސް މައްސަލައެއް ނެތޭ. ފިލްމު ކުޅެގެން ނުވާނޭ،" ހެމާ ކިޔައިދިނެވެ.
އީޝާ ބުނި ގޮތުގައި ބައްޕަ އެއްބަސް ކުރުވަން އޭނާ ދެން މަޑުމަޑުން މަސައްކަތް ފެށީ އެވެ.
"އެ ވާހަކަ އެހިޔަސް ބައްޕަ ރުޅިއެއް ނާދޭ. އެކަމަކު ބައްޕަ އަކީ ވަރަށް ދަރިން ރައްކާތެރިކޮށް ގެންގުޅެން ބޭނުންވާ މީހަކަށް ވާތީ ހުއްދަ ނުދީ ހިފެހެއްޓީ. ބައްޕަ ގަބޫލުކުރާ ގޮތުގައި އަންހެން ކުދިން ތިބެން ޖެހޭނީ ގޭގައި. މަންމައާ ވަކިން އަހަރެމެންނަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދައެއް ވެސް ނޯވޭ. އަދި ކުރު ހެދުމާއި އަތް ކެނޑި ހެދުން އެޅުން ވެސް މަނާ ކުރޭ. ބައްޕަ ގެއަށް އަންނަކަން އެނގޭ އިރަށް އަހަރެމެން އަވަހަށް އަތް ދިގު ހެދުމާއި ދިގު ހަރުވާޅު ލަން،" އީޝާ ބުންޏެވެ.
ވަރަށް މަސައްކަތުން ބައްޕަގެ ރުހުން ހޯދައިގެން އީޝާ ވަނީ 2002ގައި ފިލްމީ ދުނިޔެއަށް ނުކުމެފަ އެވެ. އޭނާ ފުރަތަމަ ކުޅުނީ 'ކޮއި މެރެ ދިލްސޭ ޕޫޗޭ" އެވެ.