ބޮލީވުޑް

ކެޓުރީނާގެ އަވައިގައި ޖެހި ވިކީ ޒަމާންވީ ލޯބިވެރިޔާ ދޫކޮށްލި!

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރާ ވާހަކަ އަކީ މިހާރު ބޮލީވުޑުގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އެވެ.

ކެޓުރީނާ އާ ބައްދަލުވުމުގެ ކުރިން ވިކީ ކޯޝަލް ޓީވީ ބަތަލާ ހަރްލީން ޝެޓީއާ ރައްޓެހިވެގެން އެތައް އަހަރަކު އުޅެފައިވެ އެވެ. ވިކީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ދޫކޮށްލީ ކެޓުރީނާގެ އަވައިގައި ޖެހިގެންނެވެ.

ވެބް ސީރީޒް "ބޯލްޑް އެންޑް ބިއުޓިފުލް 2"ގެ ބަތަލާ ހަރްލީން ރުޅިވި ވާހަކަ އަކީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ހައިރާންވި ވާހަކައަކަށް ވިއެވެ. ސަބަބަކީ މި ދެ މީހުންގެ ލޯތްބަކީ ނަމޫނާ ލޯތްބެއް ކަމަށް އޭރު ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތީމަ އެވެ.

ވިކީ ރުޅިވުމާ ގުޅިގެން އިންސްޓަގްރާމްގައި ހަރްލީން ވަރަށް އަސަރުގަދަ މެސެޖެއް ޕޯސްޓްކުރި އެވެ. އެ ޕޯސްޓުގައި މީހަކު ވަކިވެގެން ދިޔަޔަސް އޭނާގެ ހަޔާތަށް ނިމުމެއް ނާންނާނެ ކަމަށާއި ހިތްވަރާއެކު ދާނީ ކުރިއަށް ކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ވެސް ހަރްލީން ވަނީ ވިކީ ކުއްލިއަކަށް އޭނާއާ ރުޅިވީ ގޮތް ކިޔައިދީފަ އެވެ. ހަރްލީން ބުނި ގޮތުގައި ވިކީ އަށް ބަދަލުތައް އަންނަން ފެށީ އޭނާގެ ފިލްމުތަކަށް ލިބެން ފެށި ކާމިޔާބާ އެކުގަ އެވެ.

"ރާޒީ" އާއި "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ކާމިޔާބުން އޭނާއަށް ގިނަ އަދަދެއްގެ މީހުންގެ ލޯތްބާއި ތާއީދު ލިބުނު ކަމަށާއި އެ ހިސާބުން ވިކީ އަށް ބަދަލު އަންނަން ފެށިކަން ފާހަގަ ކުރެވުނު ކަމަށް ހަރްލީން ބުންޏެވެ. އަދި "ސަންޖޫ" ކާމިޔާބުވީ ހިސާބުން ކުރީގެ ވިކީ ކުއްލިއަކަށް މުޅިން އެހެން މީހަކަށް ބަދަލުވެގެން ދިޔަ ތަން ފެނުނު ކަމަށްވެސް ވިކީގެ ކުރީގެ ލޯބިވެރިޔާ ބުންޏެވެ.

ހަގީގަތުގައި ވިކީ އަށް އައި ބަދަލުގެ އަސްލަކީ ކެޓުރީނާ ކަމަށް ހަރްލީން ގަބޫލުކުރެ އެވެ. ނަމަވެސް މިހާރު އޭނާ އެކަމާ ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށް ހަރްލީން ބުންޏެވެ.

ވިކީ އާއި ކެޓުރީނާގެ ކައިވެނީގެ ރަސްމިއްޔާތުތައް އަންނަ ޑިސެމްބަރު 1 ގައި ފަށަން ތައްޔާރުވަމުންދާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެ އެވެ.