ވާހަކަ

ސިއްތާ

(2 ނޮވެމްބަރ 2021 އާ ގުޅޭ)

"ކޮންމެވެސް މީހަކު އެބަގުޅާ ކަންނޭނގެ." ބަންޑުން އޮތްއިރު ވެސް ނީރާގެ ފޯނުގެ އިސްކުރީނު ދިއްލޭތަން ފެނިގެން ރިޔާން ބުންޏެވެ.

ނީރާ ފޯނު ހިއްލާލައި ބަލާލިއެވެ. އަންނަމުންދިޔަ ކޯލު ކަނޑާލާފައި ޖޯލިން ނީރާ ތެދުވީއެވެ. ނިދަން ދަނީތޯ ރިޔާން އަހާލުމުން ނީރާ ބޯޖަހާލުމަކާއެކު އާނއެކޭ ބުނެލިއެވެ. އެތެރެއަށް ނީރާ ވަދެގެން ދިޔައިރު ރިޔާން ޖޯލީގައި ބަލަން އިނީއެވެ.

ލައިޒަލްކަން ގުޅަނީ އެނގޭއިރު އެ ކޯލު ނަގަން ބޭނުންނުވެ އެނދުގައި ނީރާ އޮތެވެ. ކައިރީގަ އޮތް ފޯނު "ސައިލެންޓް" ކުރެވިފައި އޮތަސް އޭގެ އިސްކުރީނު ދިއްލިފައި ނިވޭތަން ނީރާއަށް ފެނެއެވެ. އަންނަ މެސެޖުތައް ބެލުމުގެ ޝައުގުވެރިކަމެއް މިފަހަރު އޭނާގެ ނެތެވެ. ހަގީގަތަކީ ލައިޒަލްއާ ކުރިމަތިލާނޭ ހިތްވަރެއް ނީރާގެ ނެތްކަމެވެ. ހިތުގައި އޮތް ލޯބި ފުހެލުން ފަސޭހަކަމަކަށް ނުވާތީއެވެ. ހިތުގެ ހާލު އަންގައިދީގެން އުޝާއާއި ލައިޒަލްއާ ދެމެދަށް ވަންނަ އިތުރު އަންހެނާއަށް ނީރާ ވާން ބޭނުންނުވަނީއެވެ. ލައިޒަލް ވަނީ ނީރާ އޭނާގެ ހަޔާތަށް އަޔަސް އުޝާ ދޫކޮށްނުލާނޭކަން ބުނެފައެވެ. އީހާނާ ކައިވެނި ކުރުމުގެ ސަބަބުން ލައިޒަލް ދޭން ގަސްދުކުރި ސަޒާއެއްކަން ނީރާއަށް ރަނގަޅަށް އެނގެއެވެ.

ނިދިފައި އޮތް ނީރާއަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ޓަކި ދޭ އަޑަށެވެ. އެނދުމަތީ ކަނާއަތް ހިންގާލީ ފޯނު ހޯދާށެވެ. އަތުގައި ފޯނު ޖެހުމާއެކު ފުރަތަމަ ވެސް ނީރާ ބަލާލީ ގަޑިން ވީއިރެކެވެ. ފަތިހު ފަސްގަޑި ބައިވާން ހަތަރުވަރަކަށް މިނެޓު ހުއްޓެވެ. ދޮރުގައި ޓަކިދޭ އަޑު އޭރު ވެސް ކަނޑައިގެން ނުދެއެވެ. ދެން އިވުނީ ނީރާއަށް ލަމްހާ ގޮވާލި އަޑެވެ. ހައިރާންވީ ދެނެވެ. ލަމްހާ އައީބާއޭ ނީރާ ހިތަށް އެރިއެވެ. ލަމްހާ ގޮވާއަޑު ސާފުކޮށް އިވެއެވެ. އެހެންވިޔަސް ދޮރު ހުޅުވަން ނުކެރިފައި ނީރާ އިނެވެ. ލަމްހާއަށް ގުޅަން ވެގެން ފޯނު ހުޅުވާލިއެވެ. އެވަގުތު ލައިޒަލްގެ މިސްކޯލުތަކުގެ އިތުރުން ލަމްހާގެ ކޯލުތައް ވެސް ނީރާއަށް ފެނިއްޖެއެވެ. ދޮރުކައިރިން ފިރިހެނެއްގެ އަޑު އިވުނީ ދެނެވެ. އެ އަޑަށް ސަމާލުވެލި ނީރާގެ ފޯނަށް ލަމްހާ ގުޅިއެވެ. ކޯލު ނަގައި މަންމާއޭ ނީރާއަށް ބުނެވެންވާއިރަށް ލަމްހާ އެދުނީ ދޮރު ހުޅުވުމަށެވެ. އެނދުމަތިން ފުންމާލައިގެން ހަލުވިކޮށް ނީރާ އައިސް ކޮޓަރީގެ ދޮރު ހުޅުވީ ދެނެވެ. އޭރު ދޮރުމަތީ ލަމްހާއާއި ސުޖާއުގެ އިތުރުން ރިޔާން ހުއްޓެވެ.

ނީރާއަށް މަންމާއޭ ގޮވާލެވުނެވެ. ކަންބޮޑުވެ ހާސްވެފައި ހުރި ލަމްހާއަށް ނީރާ ފެންނައިރަށް އެކުއްޖާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. ލަމްހާ ގޮވައިގެން އެތެރެއަށް ނީރާ ވަނީއެވެ. ސުޖާއު ކައިރިއަށް ޖެހިލި ރިޔާން ކޮންމެވެސް ވާހަކަދެއްކިތަން ނީރާއަށް ފެނުނެވެ. އޭނާ ހިނގައިގަތުމުން ސުޖާއު ވެސް ވަނީ ނީރާގެ ކޮޓަރިއަށެވެ. ދޮރު ލައްޕާލަމުން ފަނޑުއަލިކަމުގައިވި އެ ކޮޓަރި ސުޖާއު އަލިކޮށްލިއެވެ. ކުޑަދޮރު ކައިރީ ހުރި ގޮނޑީގައި އޭނާ އިށީނެވެ. އެނދުގައި ނީރާއާއެކު ލަމްހާ އިނެވެ. ނީރާގެ ގައިގެ އެތަން މިތަނުގައި ލަމްހާ ފިރުމަނީއެވެ. ހާސްވެފައިވެފައި އިނދެ އޭނާގެ އެ ދަރިފުޅަށް ގެއްލުމެއް ލިބިފައިވޭތޯ ބަލާ ފަދައިންނެވެ.

"ތަދުވޭތަ އެއްވެސް ތާކަށް، ނިދަން އުނދަގޫވޭތަ؟... އެއްވެސް އެއްޗެއް ފެނުންތަ؟ ހުވަފެނުން ވިޔަސް، ނޫނީ ހޭލާ ހުއްޓާ ވިޔަސް... ހަގީގަތެއްހެން ހީނުވާ ކަހަލަ ކަމެއް ދިމާވިތަ؟... ނީރާ، މަންމަ ކައިރީ ބުނެބަލަ... އެއްވެސް އުނދަގުލެއް ވޭތަ؟." ލަމްހާ ދައްކަމުން ދިޔަ ވާހަކަތައް ނަގައިގަންނަން ނީރާއަށް ފަސޭހައެއް ނުވިއެވެ. މީގެ ކުރީން ލަމްހާ އެހާ ހާސްވެފައި ހުއްޓާ ނީރާ ދެކެފައެއް ނުވެއެވެ. އަދި ނީރާ ބޭނުންވި ގޮތަކަށް އެ މަންމަ ދެކޮޅު ހަދާފައެއް ވެސް ނުވެއެވެ.

"މަންމާ... އަހަންނަށް ކަމެއް ނުވެޔޭ." ލަމްހާގެ ދެ އަތުގައި ނީރާ ހިފަހައްޓާލިއެވެ.

ލަމްހާ ހަމަޖެހެން ވަގުތުކޮޅެއް ނެގިއެވެ. ހިމޭންކަމުގައި އޭނާ ނީރާ ގާތްކޮށްލައިގެން އިނެވެ. އެ ދެމައިންނަށް ބަލަން ސުޖާއު އިނީ ބަހެއް ވެސް ނުބުނެއެވެ.

ހެނދުނުގެ ނާސްތާ ކުރަން މޭޒުދޮށުގައި ނީރާއެކު ލަމްހާއާއި ސުޖާއު ތިއްބެވެ. ތަނުގައި ހުރި މޭޒުތަކުން މީހުންތައް މަދުވެލަންދެން ލަމްހާ މަޑުކޮށްލައިގެން އިނެވެ. އެހެން އިނދެ މޭޒުމަތީ އޮތް ނީރާގެ އަތުގައި ލަމްހާ ފިރުމާލިއެވެ.

"ސަބަބެއްނެތި މަންމަ މިހާތަނަށް ނީރާއަށް ކަމެއް މަނައެއްނުކުރަން. ނީރާ ކުރަން ބޭނުންވި އެއްވެސް ކަމަކަށް ހުރަސް އަޅާފައެއް ނުވާނެ. މިރަށަށް އަރާން ގަބޫލުނުވީ ރަނގަޅު ސަބަބެއް އޮތީމަ. އިލްޔާސްއާ ބައްދަލުވިއެއްނު. އެއީ ކާކުކަން ނީރާއަށް އެނގިއްޖެ ދޯ." ލަމްހާގެ ވާހަކައަށް ނީރާ ބޯޖަހާލީ އާނއެކޭ ބުނާ ފަދައިންނެވެ. ވަގުތުކޮޅަކަށް މަޑުކޮށްލަމުން ލަމްހާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭނާ ހާމަކުރަން އެ އުޅެނީ ފިރިމީހާއަށް ވެސް ކިޔައިދީފައި ނުވާ ވާހަކަތަކެކެވެ. އެ ސިއްރުތައް ގުޅިފައިވަނީ ނީރާއާއެވެ. އޭނާގެ ގާތުގައި މިހާރު އިން ނީރާއަކީ ކަންކަން ނޭނގޭވަރުގެ ކުޑަކުއްޖެއް ނޫނެވެ. ހަގީގަތް ހާމަކުރަންވީ ވަގުތު ޖެހުނީއެވެ.

"ނީރާ، މިހާރު ތިހުރީ ވިސްނޭހާ ބޮޑު ކުއްޖަކަށްވެފަ. އެންމެންނަކީ ހެޔޮ އެދޭނޭ ބައެއް ވެސް ނޫން. އެއްލޭ ހިނގާ، އާއިލާގެ ތެރޭގައި ވެސް ތިމާގެ ދުޝްމިނަކު ހުރެދާނެ. ނީރާ، މަންމައަކީ ހަގީގަތުގައި މި ރަށަށް ބީރައްޓެއްސެއް. މަންމަގެ އުފަން ރަށަކީ ފުވައްމުލަށް، މި ރަށު މީހަކީ އީހާނުގެ ބައްޕަ. އިރުފާނުއާ ހެދި މޮޔަވެގެން އޭނާގެ ފަހަތުން މިރަށަށް އައީ. އޭރު މަންމަގެ އުމުރުން އެންމެ އަށާރަ އަހަރު. އާއިލާ ދެކޮޅުވީމަ އެމީހުން ވެސް ދޫކޮށްލީ އިރުފާނަށް ޓަކައި. އިރުފާނުގެ އާއިލާ މީހުން ގަޔާވާ ކަމަކަށް އަހަރެމެންގެ ގުޅުންނުވޭ. އެހެންވިޔަސް އަހަރެމެން ކައިވެނި ކުރީ. އިރުފާނުގެ އާއިލާ ތެރޭގައި އުޅެވެން ނެތީމަ އޭނާ މިރަށުން ބިމެއް ނެގީ. އަމިއްލަ ގޭގައި ދިރިއުޅުމުގެ ވިސްނުމުގަ. އެވަގުތު އަހަރެމެންގެ ނަސީބު ވެސް ރަނގަޅީ، އިރުފާނު ނެގި ބިމާ އެއްވަރުގެ ގެއަކާ ބަދަލުކުރަން ބޭނުންވެގެން މީހަކު އައީ، އޭނާގެ ގެ ހުރީ ހަދާ ނިމި ދިރިއުޅޭން ފަށަންވެފައި، އިރުފާނު އެ ހުށަހެޅުން ގަބޫލުކުރީ، ދަރިފުޅުގެ އުފަން މަންމައާ ބައްދަލުވީ އޭގެ ފަހުގަ. އަހަރެމެން ތިބޭ ގޭގެ ކުރިމަތީ ހުރި މުސްކުޅި ގެއަކީ ނަސްރާ ބައްޕަގެ ގޭ. އިލްޔާސް ނޫނީ އެކަކުވެސް އޭނާގެ ނެތް. ހުރިހާކަމެއް ބަލަހައްޓައި ދެމުން އައީ އިލްޔާސް. އަވަށްޓެރީންގެ ތެރެއިން ހިތްހެޔޮކަމާއެކު އަނގައިން ބުނީ ނަސްރާ. އޭރު އޭނާއާއި ރިޔާޒު އުޅުނީ ރައްޓެހިވެގެން. އެ ދެމީހުންގެ ގުޅުން ފެށުނީ ސްކޫލު ދުވަސްވަރު، އެކަމަކު ރިޔާޒުގެ އާއިލާއަކީ ވަރަށް ނުފޫޒުގަދަ ބޮޑާބައެއް. ރިޔާޒާއި ނަސްރާއާ ދެމެދު އޮތް ގުޅުމުގެ ވާހަކަ އާއިލާއާ ހަމައަށް ރިޔާޒު ގެންދިޔަ. ރިޔާޒުގެ އާއިލާގެ ފުރަތަމަ ހިތްހަމަނުޖެހުން ފެށުނީ އެހިސާބުން. ނަސްރާގެ ފުށުން އެމީހުންނަށް ވާނޭ ފައިދާއެއް ނެތް. އިތުރަށް ކިޔެވުމުގެ ނަމުގައި އާއިލާއިން އުޅުނީ ރިޔާޒު ރާއްޖޭން ބޭރަށް ފޮނުވާލަން. އެކަމަކު ރިޔާޒު އަބަދުވެސް ނަސްރާއާ މެދު ވިސްނާ. އޭނާގެ އަމާޒަކީ ނަސްރާއާ ކައިވެނިކުރުން. ދިރިއުޅުމެއްފެށުން. އެހެންވެ ރިސޯޓަކުން ވަޒީފާ ހޯދައިގެން ފުރައިގެން ދިޔައީ. އާއިލާއަށް ވެސް އެނގުނީ އެންމެފަހު ވަގުތު. އެކަމުގެ ނުރުހުން ވެސް އަމާޒުވީ ނަސްރާއާ. އޭރު އަހަރެން ހިތަށް އެރި އިރުފާނުގެ އާއިލާގެ ނުރުހުން ނުވޭ އެއްވެސް އެއްޗަކަށް، އެމީހުން އަހަންނަށް ފުރައްސާރަކުރަމުން ގޭދޮށަކަށް ނާދޭ. އެކަމަކު ރިޔާޒުގެ އާއިލާ އެއާ އިދިކޮޅު، އިރުއަރާ އޮއްސޭއިރު ނަސްރާއާއި ރިޔާޒުގެ ވާހަކަ ނުދައްކާ މީހަކު މުޅި ހިސާބުގަ ވެސް ނޫޅޭނެ. ލަދުގަންނަވަރަށް އެއްޗެހި ގޮވާލާއިރު މީހުންނަށް އިވުނަސް ފަރުވާލެއްނެތް ފަދަ. ނަސްރާ ބަލިވާން ފެށީ ދެން. އަބަދުވެސް ކޮންމެވެސް ކަމެއް ދިމާވެގެން އޭނާ އުޅޭނީ. ރިޔާޒަށް އޭނާގެ އާއިލާ މީހުން ނަސްރާއާ ދިމާކުރާކަން އެނގޭ. ފައިސާކޮޅެއް އެއްކުރެވުނީމަ ރިޔާޒު ރަށަށް އައިސް އަވަހަށް ނަސްރާއާ ކައިވެނިކުރީ. އެކަމަކު ދެން އެ ދެމަފިރިންނާ ކުރިމަތީ އަނެއްކާވެސް އާ އިމްތިހާނެއް. ނަސްރާ ބަލިވެ އިނދޭ، އެކަމަކު ތިން މަސް ވާންވާއިރަށް ބައިގެންދަނީ. އޭނާ ބަދަލުވާން ފެށީ ދެން. އަޅުކަމަށް އިސްކަންދޭންފެށި. ހެދުން އެޅުން ބަދަލުކޮށް ބުރުގާ އަޅާއި ނިވާވި. ބަސްމަދުވި. އަހަންނަށް އީހާނު ލިބި، އެކުއްޖާއަށް ހަތަރު އަހަރު ފުރުނު ފަހުން ނަސްރާ އަނެއްކާ ވެސްބަލިވެ އިނީ. އޭރު އަހަރެންގެ ކައިވެނި ވެސް ރޫޅިއްޖެ. އީހާނު އެހާ ކުޑަ، އިރުފާނު އަހަރެމެންނަށް އަޅައެއްނުލާ، ރަށަކީ އަހަރެންގެ ރަށެއްނޫން، އެންމެންވެސް ދައްކަނީ އަހަރެންގެ ކުށް، އެހެންވެ އެނބުރި ރަށަށްދާން އުޅުނިން. އެކަމަކު އަހަރެންގެ އަމިއްލަ އާއިލާ އަހަރެން ބާކީކޮށްލީ. އެވަގުތު އެހީވީ ނަސްރާއާއި ރިޔާޒު. އަހަރެންގެ ކައިރިއަށް ނަސްރާ ގެނައީ ރިޔާޒު އެދިގެން. އޭނާ ރިސޯޓުގައި މަސައްކަތްކުރާއިރު، ވަޒީފާ ދޫކޮށްލާފައި އަނބިމީހާގެ ގާތުގައި ނުހުރެވޭނެތީ، ނަސްރާ ބަލިވެ އިންއިރު ޑަކްޓަރުން އޮތީ އެއްވެސް މަސައްކަތެއް ނުކޮށް އަރާމުކުރަން ބުނެފަ..."

ވާހަކަ ހުއްޓާލާފައި ނީރާގެ ކޯތާފަތުގައި ލަމްހާ އަތްތިލަ ޖައްސާލިއެވެ. ލުއި ހިނިތުންވުމެއް ލަމްހާގެ ތުންފަތުގައި ވިއެވެ. މާޒީގެ ތެރޭ ނަގާފައިވާ އުފާވެރި ހަނދާންތަކެއްގެ ފޮޓޯގަނޑަކަށް ލަމްހާ ބަލަން އިން ފަދައެވެ. މަޑުމަޑުން ނީރާގެ ކޯތާފަތުގައި ފިރުމާލާފައި ލަމްހާ އަތް ތިރިކޮށްލައި ވާހަކަދައްކަން ފެށިއެވެ.

"ނަސްރާގެ އެތައް ހާސް ދުޢާއެއްގެ ޖަވާބު ދަރިފުޅަކީ. ނަސްރާއަށް އެކަނި ތެދުވެ އުޅެލެވެންދެން ތި ދެމައިން އަހަންނާއެކު އުޅުނު. ގެއަށް ބަދަލުވީ އޭގެ ފަހުގަ. ދަރިފުޅު ބަލަން ރިޔާޒުގެ އާއިލާ މީހުން އައި. އެކަމަކު އެމީހުން ގެއަށް ވަންނާކަށް ރިޔާޒު ހުއްދައެއް ނުދިން. ގެއަށް ބަދަލުވުމާއެކު އަނެއްކާވެސް ނަސްރާ ބަލިވާންފެށީ. ނީރާ ގިނައިން ހުންނަނީ އަހަރެން ކައިރީ. އޭރު އަހަންނަކަށް ވެސް ނޭނގޭ ކީއްވެކަމެއް... ކަންތައްތައް ގޯސްވެ ހައްދުފަހަނަ އަޅާފައިވަނިކޮށް ނަސްރާ ކިޔާދިނީ. ރިޔާޒުގެ އާއިލާއިން އޭގެ ދެމަފިރިންނަށް ސިހުރު ހަދާކަން. ރުޤުޔާކުރަން ފަށައިގެން އެމީހުން އެބުނާ ދުވަހެއް ހަމައެއްނުކުރެވުނު. ރަށުގައި ރިޔާޒު ވެސް ހުރެގެން ނޫނީ އެކަން ކުރިއަށް ގެންދެވޭކަށްނެތް. އެތައް ގޮތަކުން އެކަމަށް ވެސް ހުރަސްއެޅުނީ. ނަސްރާ ބުނިގޮތުން އޭނާ ބަލިވެއިން ކޮންމެ ފަހަރަކު އޭނާގެ ބަނޑުގައި ކޮޅުފައިން ޖަހާތީ ރިޔާޒުގެ މަންމަ ހުވަފެނުން ފެންނަކަމަށްވޭ. ބައިގެންދަނީ އޭގެފަހުގައި ކަމަށް. ދަރިއަކު ލިބުނީ ﷲ އެކަމަށް އިރާދަކުރެއްވީތީ، އެމީހުން ގުޅުން ބަދަހިކުރަން މަސައްކަތްކުރީ ވެސް ދެމަފިރިންގެ ދެމެދަށް ވަންނަންވެގެން. ރިޔާޒުގެ މަސައްކަތަށް ވެސް ބުރޫއެރީ. ވަޒީފާ ދޫކޮށްލައި ރަށުގައި ހުރެގެން ފައިސާ ލިބޭނެ ގޮތެއްނެތް. އޭރު ތަނުގައި އެކުގައި އުޅޭ މުވައްޒަފުންނާއި ވެރީންގެ ހިތްހަމަނުޖެހުމާއި ރުޅި އަމާޒުވެ، ކުރިއެރުމެއްނުލިބި ތާށިވެފައި ހުރީ. ވަޒީފާއިން ވަކިކުރާނޭ ސަބަބެއް ނުލިބިފައި ތިބޭހެން. އެހެންނޫނަސް ﷲ އެކަމަށް އިރާދަނުކުރައްވާތީ ވަޒީފާގައި އޭނާ ހުރިއްޔޭ ބުނުން ރަނގަޅުވާނީ. ރިޔާޒަށް ލިބޭ ނިކަމެތިކަމަކީ ނަސްރާއާއި ނީރާއަށް ދެވޭ އަނިޔާއެއް. އޭރު އަހަރެން ވެސް ރަށުގައި އަމިއްލަ މަސައްކަތެއް ފަށައިފިން. އަހަރެން ނިކަމެތިވީ ދުވަހު އަހަންނާއި އީހާނުދެކެ ނަސްރާއާއި ރިޔާޒުވީ ލޯބީގެ ބަދަލު ދޭން ގަސްދުކުރީން. ރަނގަޅު ރާގީއެއް ނުލިބުނަސް ނަސްރާ އަމިއްލައަށް ހޯދެން ހުރި ރައްކާތެރިކަން ހޯދަމުން އައީ. ނަސްރާއަށް ވެސް ތަޤުދީރުގައި ލިޔެވިފައިވަނީ ކީކޭކަމެއް ނޭނގޭ. ނީރާއަށް ހަތް އަހަރު ފުރޭ ދުވަހު ރަށުގައި ހުންނަން ރިޔާޒު ބޭނުންވީ. އެކަމަކު މަސައްކަތުގެ މާހައުލު ދަތިވެފައި އޮތުމުގެ ސަބަބުން އޭނާ ބޭނުންވީ ދުވަހަކަށް ޗުއްޓީއެއް ނުދިން. އޭގެ މާކުރިއަށް ޗުއްޓީ ހަމަޖެހުނީ. އެހެންވިޔަސް އޭނާ ޗުއްޓީ ނަގައިގެން ރަށަށް އައި. ރަށު ފަސްގަނޑަށް އަރައި ގެއަށް ނުވަދެވެނީސް ރިޔާޒުގެ ދައްތަ އައީ. އޭނާގެ ބައްޕައަށް ކަމެއް ދިމާވެގެން. އެގެއަށް ގޮސްފައި އައިސް ނަސްރާ ބުނީ މޭގައި ރިއްސާ ވާހަކަ ރިޔާޒު ބުނިކަމަށް. އެރޭ ދަންވަރު ރިޔާޒު އެނދުގައި ނެތިގެން ނަސްރާ ތެދުވިއިރު ފާހާނާއިން ހޮޑުލާ އަޑު އިވުނީ. ނަސްރާ އެހީމަ ރިޔާޒު ބުނީ ނުގުޅޭ އެއްޗެއް ކެވުނީއޭ. އޭނާ ހަގީގަތެއް ނުބުނި. ނަސްރާއަށް ޝައްކުވެގެން އެހީ މަންމަމެންގެއިން އެއްޗެއް ކެއިންތޯ. ރިޔާޒު އެ ސުވާލަށް ޖަވާބެއް ނުދޭ. ފަތިސް ނަމާދަށް ނަސްރާ ތެދުވިއިރު ރިޔާޒު އޮތީ މަރުވެފަ... ނަސްރާ ދުވަހަކުވެސް އަހަރެން ކައިރީ އެ ނޫނީ ނުރޮއެ. އޭނާ ފުރަތަމަ ފަހަރަށް ކަމަކާ ކުރިމަތިލާން ޖެހިލުންވީތީ އަހަރެން ދުށީން. ނުބުނި ނަމަވެސް އޭނާ ބިރުން އުޅޭކަން އެނގުނު. އޭނާ ހުރިހާ ވާހަކައެއް ކިޔައިނުދޭހެން ވެސް ހީވި. ވެދާނެ އަހަރެން ބިރުގަނެދާނޭތީ ހުރިހާ ހަގީގަތެއް ހާމަނުކުރީހެން. އޭގެ ކުރީން އަހަރެން އަޑު އަހަނީ ސިހުރު ހަދާކަން. ބައެއްގެ ދިރިއުޅުން ހަލާކުވެ ނިމިގެން ދިޔަތަން ދުށީ ފުރަތަމަ ފަހަރަށް. އަހަރެންގެ ކައިރިއަށް ބަދަލުވާން އެތައް ފަހަރަކު ނަސްރާ ކައިރިން އެދުނިން. އިލްޔާސް ކައިރީ ވެސް މިވާހަކަތައް ދެއްކީން. އޭނާ ނަސްރާގެ ދެމައިން ގެންދަން އުޅުނު. އެކަމަކު ނަސްރާ ގަބޫލެއްނުވި. ރިޔާޒުގެ ކުއްލި މަރަށްފަހު ނަސްރާ އެދުނީ އަހަރެންގެ ގާތުގައި ނީރާ ބެހެއްޓުމަށް. ގަދަކަމުން ނަސްރާ ނުގެނެވޭނެކަން އެނގޭ. އޭނާ އަހަންނާ ތި ދަރިފުޅު ހަވާލުކުރީ. ވަރަށް ގިނައިރު އަހަރެންގެ ކައިރީ އެ ދުވަހު އިން ވާހަކަދައްކަން. ނީރާގެ އެކިއެކި ކަންކަން މި މަންމައަށް ކިޔާދިން. ނީރާއަށް ޓަކައި ރައްކާކޮށްފައި ހުރި ފައިސާގެ ތަފްސީލު ވެސް ނަސްރާ ކިޔާދިން. އޭނާ މަރަށް ތައްޔާރުވަނީ ކަމެއް އަހަރެން ނުދެނަހުރިން. އެކަމަކު މިހާރު ވިސްނާލުމުން އެކަން އެނގޭ. ނަސްރާ ނެތް ދުވަހަކުން ނީރާގެ މަންމައަށް ވެދޭން އަހަންނަށް ވަސިއްޔަތްކުރި. ރިޔާޒުގެ އާއިލާމީހުންގެ ނުބައި ވާހަކަނުދެއްކުމަށްބުނި. އޭނާ ނެތް ދުވަހެއް އަތުވެއްޖެނަމަ މިރަށްނޫން ތަނެއްގައި ވަޒަންވެރިވުމަށް ނަސްރާ އެދުނު. އޭނާ ދިރިއުޅުނު ގެއަށް ދުވަހަކުވެސް ނީރާއާއި އަހަރެން ނުވަނުމަށް ވަޢުދުކުރުވި. އަދި އެގެއިން ވެލިފުކެއްހާ މިންވަރު ވެސް ނުނަގަން ބުނި. ނީރާ... ސިހުރަކީ ނުބައިވެގެންވާ ޢަމަލެއް. މީހުންގެ ދިރިއުޅުން ހަލާކުކޮށްލައި، ފުރާނަ ދުއްވާލާއިރު އެކަމުގައި ހުރި ނުބައިކަން އެމީހުންނަށް އެނގޭނެ. ދަރިފުޅަށް ކަމެއްވެއްޖެނަމަ ނަސްރާއާ މި މަންމަ ކުރިމަތިލާނީ ކިހިނެއްހޭ ބުނަމުން އައީ މިހެންވެ. ރިޔާޒު މަރުވިތާ ހަތްދުވަސްނުވޭ ނަސްރާގެ މަރާ ކުރިމަތިލާން ޖެހުނީ. ޝައިތާނުންހާ ނުބައި އިންސާނުން އަހަރެމެންގެ ތެރޭގައި އުޅޭ. އަހަރެން އުޅުނުގެ ދޫކޮށްލާފައި ނީރާއާއި އީހާނު ގޮވައިގެން މާލެ އައީ އޭގެ ފަހުގަ. ރިޔާޒުގެ އާއިލާ މީހުންނަށް އެނގޭނެ އޭނާގެ ދަރިއަކު ހުންނަކަން. ތެދަށް ބުނާނަމަ އެމީހުންދެކެ ބިރުން އަހަރެން ނީރާ ގޮވައިގެން ފިލީ. އަހަންނަށް އެކަމުގައި އެހީތެރިވީ އިލްޔާސް. ނީރާއަށް ވެސް އެންމެ ރަނގަޅުވާނީ ނަސްރާ އެދުނު ފަދައިން އަހަރެންގެ ގާތުގައި ހުރުންކަން އިލްޔާސް ވެސް އެއްބަސްވީ. އަހަރެންނަކީ އެ ރަށު މީހަކަށްނުވާއިރު ނަސްރާ ނޫނީ އަހަރެންގެ ކަންކަން އެނގޭނޭ މީހަކު ދެން ނުހުންނާނެ. ނީރާގެ ރަށްވެހިކަން މާލެއަށް ބަދަލުކުރީ ވެސް އެމީހުންގެ ނުފޫޒުން ބޭރުންވާން. މިތަނާ އެއްވެސް ގުޅުމެއް ބާއްވާކަށް މަންމައަށް އެއްބަހެއްނުވެވޭނެ."

ލަމްހާ ލޯ ފުހެލިތަން ފެނުމުން ނީރާ އެނބުރިލިއެވެ. ގޮނޑީގެ ކޮޅަށް ޖެހިލައި ލަމްހާގެ ގައިގާ ނީރާ ބައްދާލިއެވެ. ލަމްހާގެ ވާހަކަތައް އަޑު އެހި ނަމަވެސް ހަގީގަތުގައި އެ ވާހަކަތަކުގެ ސީރިއަސްކަން ނީރާއަށް އިހްސާސެއް ނުކުރެވެއެވެ. އޭނާ ބޮޑުވީ އެފަދަ މަންޒަރުތަކެއް ފެނިގެނެއްނޫނެވެ. އެހެންވިޔަސް ލަމްހާ ދެއްކި ވާހަކަތަކާމެދު ނީރާ ވިސްނިއެވެ. (ނުނިމޭ)