ރައްޔިތުންގެ މަޖިލިސް

ފިންގަޕްރިންޓާ ގުޅޭ ޑޭޓާ ބޭހެއް ހަދަަން ހުށަހަޅައިފި

މީހުންގެ އައިޑެންޓިޓީ ވެރިފައިކުރެވޭ ގޮތަށް ފިންގަޕްރިންޓާ ގުޅޭ ޑޭޓާ ބޭހެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ އިންފޮމޭޝަން، ޓެކްނޮލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި ރާއްޖެ އޮތް ހާލަތު ދެނެގަންނަަން ހެދި އެސެސްމަންޓަށް ފަހު ގައުމީ ތަަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓުގަ އެވެ.

އައިސީޓީގެ ދާއިރާއާ ގުޅޭ އެެސެސްމަންޓު ހެދީ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން އެދިވަޑައިގަތުމަކާ ގުޅިގެންނެވެ.

އައިސީޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ވަގުތު ދިވެހިރާއްޖޭގައި އިންފޮމޭޝަން، ޓެކްނޯލޮޖީ، ކޮމިއުނިކޭޝަން އަދި ސައިންސްގެ ރޮނގުން މަސައްކަތްތައް ކުރެވެމުންދަނީ ގައުމަށް އެންމެ ފައިދާހުރި ގޮތެއްގައި ނޫން ކަމަށެވެ. އަދި އެ ދާއިރާ ރަނގަޅުކުރަން ގިނަ ކަންތައްތަކެއް ކުރުމަށް ލަފާދީފައިވެ އެވެ.

އެގޮތުން ތަފާތު ހިދުމަތްތައް ހޯދަންދާ އިރު އައިޑީ ކާޑު ހުށަހަޅަން ޖެހުމާއި އަދި އެ ކާޑުގެ ކޮޕީ ހައްދަންޖެހުމުގެ މައްސަލަ ފާހަގަކޮށްފައިވެ އެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ބަޔޮމެޓްރިކް ނިޒާމަކަށް ބަދަލުކޮށް ޕަބްލިކް އިންފްރާސްޓަކްޗާގެ ތެރެއަށް ޑިޖިޓަލް ސެޓްފިކެޓް ވަނުމުގެ މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ. އަދި ވާކް ޕަމިޓް ވިޒާ ހޯލްޑަރެއް ކަމުގައި ވިޔަސް ފިންގަ ޕްރިންޓުން އެ މީހެއްގެ ތަފުސީލު އެނގުން މުހިންމު ކަމަަށެވެ.

އެހެންކަމުން ހިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކޮށް މީހާގެ ސިފައާއި، އިނގިލީގެ ނިޝާނުން އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ ގޮތަށް އޮންނަ ސެންޓްރަލް ޑޭޓާ ބޭސް ނިޒާމެއް ގާއިމުކުރުމަށް ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅައިފައިވެ އެވެ.

ރިޕޯޓުގައި ހިމެނޭ އިތުރު ހުށަހެޅުންތައް

  • ކޮމިއުނިކޭޝަންގެ ދާއިރާއިން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއެކު، އަލަށް އުފެދިފައިވާ ޒަމާނީ އެކި ޚިދުމަތްތައް ދިވެހިރާއްޖެއަށް ގެނައުމަށް ބާރުއަޅައި، އެކަންކަމާ ގުޅިގެން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އެންމެހާ އިޞްލާޙްތައް ގެނައުމަށް؛
  • އައިސީޓީގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ޗީފް ޓެކްނޯލޮޖީ އޮފިސަރާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ކަމާގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އިންފޮމޭޝަން، ޓެކްނޮލޮޖީ ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގެ އިމްޕްލިމެންޓޭޝަން ޕްލޭނެއް އެކުލަވާލައި ނިންމުމަށް.