ރައްޔިތުންގެ މަޖިލިސް

ފިންގަޕްރިންޓްގެ ޑޭޓާ ބޭހެއް ހަދަަން ފާސްކޮށްފި

މީހުންގެ އައިޑެންޓިޓީ ވެރިފައި ކުރެވޭ ގޮތަށް ފިންގަޕްރިންޓާ ގުޅޭ ޑޭޓާ ބޭހެއް ގާއިމު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

މަޖިލީހުގެ އެ ނިންމުން ފާސްކުރީ އިންފޮމޭޝަން، ޓެކްނޮލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި ރާއްޖެ އޮތް ހާލަތު ދެނެގަންނަަން ހެދި އެސެސްމަންޓަށް ފަހު ގައުމީ ތަަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި އެގޮތަށް ލަފާ ދީފައި އޮތުމުން ނެވެ.

ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން އެދިވަޑައިގަތުމަކާ ގުޅިގެން އެކުލަވާލި އެސެސްމަންޓްގެ ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އައިސީޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ވަގުތު ރާއްޖޭގައި އިންފޮމޭޝަން، ޓެކްނޯލޮޖީ، ކޮމިއުނިކޭޝަން އަދި ސައިންސްގެ ރޮނގުން މަސައްކަތްތައް ކުރަމުންދަނީ ގައުމަށް އެންމެ ފައިދާހުރި ގޮތަކު ނޫނެވެ. އެ ދާއިރާ ރަނގަޅުކުރަން ގިނަ ލަފާތަކެއް ދީފައި ވެއެވެ.

އެގޮތުން ތަފާތު ހިދުމަތް ހޯދަންދާ އިރު އައިޑީ ކާޑު ހުށަހަޅަން ޖެހުމާއި އަދި އެ ކާޑުގެ ކޮޕީ ހައްދަން ޖެހުމުގެ މައްސަލަ ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ބަދަލުގައި ބަޔޮމެޓްރިކް ނިޒާމަކަށް ބަދަލުކޮށް ޕަބްލިކް އިންފްރާސްޓަކްޗާގެ ތެރެއަށް ޑިޖިޓަލް ސެޓްފިކެޓް ވަނުމުގެ މުހިއްމުކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ވޯކް ޕަމިޓް ވިޒާ ހޯލްޑަރެއް ކަމުގައި ވިޔަސް ފިންގަ ޕްރިންޓުން އެ މީހެއްގެ ތަފުސީލު އެނގުން މުހިންމު ކަމަށް ފާހަގަކޮށްފައި ވެއެވެ.

އަދި ހިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކޮށް މީހާގެ ސިފައާއި، އިނގިލީގެ ނިޝާނުން އެމީހާގެ އައިޑެންޓިޓީ ވެރިފައި ކުރެވޭ ގޮތަށް އޮންނަ ސެންޓްރަލް ޑޭޓާ ބޭސް ނިޒާމެއް ގާއިމުކުރުމަށް ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅައިފައިވެ އެވެ.