ލައިފްސްޓައިލް

ކޮތަރު ދެކެ މިހާ ލޯބިވާ ބަޔަކު ދުށިންތަ؟

އޮޅުކޮށްގެން ދޫންޏާއި ޖަނަވާރު ގެންގުޅުމަށް ވަރަށް ގިނަ މީހުން ލޯބިކުރެ އެވެ. ނަމަވެސް އިންޑިޔާގެ އޮޑީޝާގައި ދިރިއުޅޭ މި ތިން ބެއިން ވަރުގެ ދޫނި ސޫފާސޫފި ދެކެ ލޯބިވާ ބަޔަކު އުޅޭނީ ވަރަށް މަދުންނެވެ. މި ތިން ބެއިން އޮޅުކޮށްގެން ގެންގުޅޭ 250 އަށް ވުރެ ގިނަ ކޮތަރަށް ކާންދޭން އެ މީހުން މަހަކު 12،000 ވަރަކަށް ރުޕީސް ޚަރަދު ކުރެ އެވެ. އަދި މި ސޮރުމެންނަށް ޚާއްސަ ގެއެއް ވެސް މި މީހުން އަޅާފައި ވެއެވެ.

ދެންކަނެލްގެ މަހަބީރް ބަޒާރް ކިޔާ ސަރަހައްދެއްގައި ދިރިއުޅޭ މި ތިން ބެއިން ކަމަށްވާ ޝަންކަރް، މަހޭޝް އަދި ޖިތެންދުރަ ސާހޫ އަތުގައި މިހާރު 15 ވައްތަރެއްގެ ކޮތަރު އެބަހުއްޓެވެ. މި ކޮތަރުތަކަކީ އިންޑިޔާގެ އެކި ހިސާބުތަކުން އެ މީހުން ހޯދައިގެން ގެނެސްފައިވާ އެއްޗިއްސެވެ. މި ހުރިހާ ކޮތަރު ދިރިއުޅެނީ އެމީހުންގެ ގޭގަ އެވެ.

ކޮތަރަށް މިހާ ބޮޑު ޚަރަދެއް ކުރާ މި ތިން ބޭންގެ އާއިލާ އަކީ އެހާ މުއްސަނދި ބައެއް ވެސް ނޫނެވެ. ތަށިބަށި ގޭގައި ފޮނުވައިދިނުމުގެ ވިޔަފާރިއެއް އެ އާއިލާއިން ކުރަމުން ދެއެވެ. އެ މީހުން ކޮތަރު ހޯދަނީ އެގޮތަށް ތަށިބަރި ޑެލިވާ ކުރަން އެކި ހިސާބުތަކަށް ގޮސް އުޅޭއިރު އެވެ.
ޝަންކަރް ބުނި ގޮތުގައި އެ މީހުން އޮޅުކޮށްގެން ގޭގައި ކޮތަރު ގެންގުޅެ ގިނަ އަދަދެއްގެ ފައިސާ އެ އެއްޗިއްސަށް ޚަރަދުކުރާކަށް ފުރަތަމަކޮޅު އާއިލާގެ މީހުން ވެސް ގަބޫލެއް ނޫނެވެ. ނަމަވެސް މިހާރު އެ އެންމެން ވެސް ކޮތަރުތައް ދެކެ ވަރަށް ލޯބިވެ، ކޮތަރުތައް ގެންގުޅުމުގައި އެމީހުންނަށް އެހީތެރިވެ އެވެ.

މަހޭޝް ކޮތަރު ހިފައިގެން ގޭގައި އެސޮރުމެން ގެންގުޅެން ފެށީ 1998 ގައެވެ. އެ ތިން ބެއިންގެ ބައްޕަ ޕަރްމަނަންދާ ސާހޫ ބުނި ގޮތުގައި އޭނާގެ ދަރިން ކޮތަރުތައް ބަލަހައްޓައި އެ ސޮރުމެންނަށް ކާންދޭން މަހަކު އެހާ ގިނަ ފައިސާ ޚަރަދުކުރާތީ ފުރަތަމަކޮޅު އޭނާ ވެސް ހިތްހަމައެއް ނުޖެހެ އެވެ.

"ނަމަވެސް މަޑުމަޑުން އަހަރެންނަށް ވެސް ކޮތަރުތައް ދެކެ ލޯބި ވެވިއްޖެ،" ސާހޫ ބުންޏެވެ.