ލައިފްސްޓައިލް

ކުނިކޮތަޅެއް ކަމަށް ހިތާ 16،000 ޔޫރޯ ކުނިގޮނޑަށް އުކާލައިފި

އެންމެ ރުފިޔާއެއް ގެއްލުނަސް އަހަރެމެންގެ ތެރެއިން ބައެއް މީހުން އެކަމާ ދެރަވެގެން އުޅެ އެވެ. އަދި 500 ވަރަކަށް ރުފިޔާ ގެއްލިއްޖެނަމަ ހިތް ކުދިކުދި ވާނެ އެވެ. އެހެންވީމާ ގްރީސްގެ މި މީހާއަށް ވާނެ ގޮތް ކޮންމެ މީހަކަށް ވެސް އިހްސާސް ކޮށްލަން ވަރަށް ފަސޭހަ ވާނެ އެވެ. ސަބަބަކީ ކުނި ކޮތަޅެއް ކަމަށް ހިތާ އެމީހާއަށް އެއްލާލެވުނީ އެތައް ލައްކަ ރުފިޔާއެއްގެ އަގުހުރި ފައިސާ ކަމަށް ވާތީ އެވެ.

މިއީ ގްރީސްގެ ވިޔަފާރިވެރިއަކަށް ދާދިފަހުން ދިމާވި ކަމެކެވެ. އޭނާ ފައިސާ އަޅައިގެން އުޅުނު ކޮތަޅެއް އޮޅިގެން ކުނިކަމަށް ހިތާ ޑަސްޓްބިން އަށް އެއްލާލެވުނީ އެވެ.

ގްރީކްގެ ރަށެއް ކަމަށްވާ ލިމޯސްގައި ދިރިއުޅޭ މި މީހާ މިދިޔަ ހޯމަ ދުވަހު އޭނާގެ ފިހާރައަށް ދާން ގެއިން ނުކުތީ އެއް އަތުން ފައިސާ ކޮތަޅެއް އަނެއް އަތުން ކުނި ކޮތަޅެއް ހިފައިގެންނެވެ. އޮފީހަށް ދަމުން ކުނިކޮތަޅު ޑަސްޓްބިނަށް ލާފައި ދިއުމަށެވެ. ފައިސާ ކޮތަޅުގައި 16،000 ޔޫރޯ ހުއްޓެވެ.

އެމީހާގެ އެއް އަތުގައި އޮތީ ފައިސާ ކޮތަޅުކަން އޭނާއަކަށް ހަނދާނެއް ނެތެވެ. ދެ ކޮތަޅުވެސް ގެންގޮސް ޑަސްޓްބިނަށް ލާފައި އެމީހާ ފިހާރައަށް ދިޔައީ އެވެ. ކުނިކޮތަޅާއެކު ފައިސާ ކޮތަޅުވެސް ޑަސްޓްބިނަށް އެއްލާލެވުނީކަން އެމީހާއަށް އިހްސާސްވީ ފިހާރައަށް ވަދެފަ އެވެ.

އެމީހާ ހާސްވެގެން ހަދާނެގޮތް ހުސްވެގެން ބޭރަށް ނުކުމެ މަގުމަތިން ދިމާވި ތިން ޕޮލިސް އޮފިސަރުން ކައިރީ މި ވާހަކަ ބުނުމުން އެމީހުން އޭނާ ގޮވައިގެން އެ ޑަސްޓްބިން ހުރި ތަނަށް ދިޔައިރު ޑަސްޓްބިން ނަގާ ޓްރަކް އައިސް އެ ނަގައިގެން ގެންގޮއްސި އެވެ. ފުލުހުން ވަރަށް މަސައްކަތުން އެ ޑަސްޓްބިން ނެގި ވެހިކަލް ހޯދައި އެ ވެހިކަލް ދަތުރުކުރަމުންދިޔަ މަގުން އޭގެ ފަހަތުން ދުއްވަން ފެށި އެވެ.

ކުނިތައް ރޯކޮށް ނައްތާލާ ކުނިގޮނޑަށް އެ ޓްރަކްގައި ހުރި ކުނި އޮއްސާލުމުގެ ކުރިން ފުލުހުން އެމީހާ ގޮވައިގެން އެ ތަނަށް ދިޔަ އެވެ. އަދި އެ ޓްރަކްގައި ހުރި ހުރިހާ ކުނިތައް އެންމެން ވެގެން ހޭވި އެވެ. ނަމަވެސް އެމީހުންގެ މަސައްކަތުން ހޯދުނީ ހަމައެކަނި އޭނާ އެއްލާލި ކުނި ކޮތަޅެވެ. ފައިސާ ކޮތަޅު ނުފެނުނެވެ.

ނަމަވެސް ކުނިކޮތަޅު ފެނުމުން ފައިސާ ކޮތަޅުވެސް އޭގެ ތެރޭގައި އޮންނާނެކަމުގެ ޔަގީންކަމުގައި އެ އެންމެން ވެސް އެ ކުނިތައް ގަޑިއެއްހާއިރު ހޭވި ފަހުން ޔޫރޯ އަޅާފައި ހުރި ކޮތަޅު ވެސް ވަނީ ފެނިފަ އެވެ.