އަލީ ވަހީދު

އަލީ ހާޒިރު ނުވުމުން ޝަރީއަތް ކެންސަލް

Nov 8, 2021
1

ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް މިއަދަށް ތާވަލްކުރި ކުރީގެ ޓޫރިޒަމް އަލީ ވަހީދު ޝަރީއަތަށް އޭނާ ހާޒިރުނުވުމުން ޝަރީއަތް ކެންސަލް ކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދަން މަސައްކަތް ކުރީ ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް މީގެކުރިން އޮންލައިންކޮށް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިއުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅި މައްސަލާގައި ގޮތްތަކެއް ނިންމުމާ ގުޅޭ އަޑުއެހުމެކެވެ.

މިއަދު ހެނދުނަށް ތާވަލް ކުރި އަޑުއެހުމަށް އަލީ ވަހީދު ކޯޓަށް ހާޒިރުވާން އަންގާފައި އޮތް ނަމަވެސް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ޝަރީއަތް ކެންސަލް ކުރީ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. މިމައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ވެސް ކޯޓުން ބުނެފައެއް ނުވެ އެވެ.

އަލީ ވަހީދާ ގުޅޭ މި މައްސަލައިގައި ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ އޭނާގެ މައްޗަށް ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ. އެ ހުކުމްކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމަށް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ އެވެ. ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަކަށް ނުގެންދެ އެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

އަލީ ވަހީދާ ގުޅޭ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.