އަލީ ވަހީދު

އަލީގެ ޣައިރު ހާޒިރުގައި ޕާސްޕޯޓް ދޫކުރި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓު

May 9, 2021
2

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އޭނާގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އަލީ ވަހީދުގެ އެޑްރެހާއި އީމެއިލް ކަމަށް ބުނެ ޖަހާފައިވާ އެއްވެސް އެއްޗަކުން އޭނާ އާއި މުއާމަލާތު ކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކި ތަނެއް ވެސް ދައުލަތަށް އޮޅުންފިލުވައި ދެވިފައި ނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެކަން މުރާޖައާކުރުުމަށްފަހު އެވެ. ސުޕްރީމް ކޯޓުން މައްސަލަ އެގޮތަށް ނިންމީ ޝަރީއަތުގެ މަޖިލީހެއް ބާއްވައިގެން ނޫނެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ދައުލަތާ ދެކޮޅަށް މިއަދު އައިސްފައި މިވަނީ ޖިނާއީ ދައުވާތަކުގައި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމަކާ ވެސް ހަވާލާ ދިނުމަށްފަހު އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ކުރި މައިގަނޑު ޝަކުވާ އަކީ ދައުވާތަކެއް ކޮށްފައިވާ ކަން އެނގިވަޑައިގެން ހުންނަވާ، އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތީ އޭނާއާ ގުޅޭނެ އެއްވެސް މައުލޫމާތެއް ނުދީ ކަމެވެ. އޭނާގެ މައްސަލަ އަށް ޖާމިނުވެފައިވާ ބޭފުޅާ އަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އަލީ ވަހީދުގެ މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭ ނަމަ އެއީ އަނިޔާ ލިބުނު މީހުންގެ ހައްގު ގެއްލި އިންސާފަށް ހުރަސް އެޅިގެން ދާނެ ކަމެއް ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީ އަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.

އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ.

އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެ އަމުރު ނެރުއްވީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވުމުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން މީޑިއާގައި ރިޕޯޓް ކޮށްފައިވީ ނަމަވެސް ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ. ހަތަރު މަސް ކަމަށް ބުނެފައިވަނީ އަސްއަދު ޖާމިނުވެފައިވާ ލިޔުމުގައި ކަމަށްވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިއުމުން ޝަރީއަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން އެނގިފައި އޮތަސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ ހަތަރު މަސް ކަމަށް އޮތީ އަލީ ވަހީދު ފުރައިގެން ދިޔައިރު އޭނާއާ ޖާމިނުވެފައިވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވި ލިޔުންތަކުގައި ކަމަށެވެ.

ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓްގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން އަމުރު ނެރުނު މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ދައުލަތުން އެ އަމުރު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅީ އަމުރު ނެރުނުތާ 48 ގަޑިއިރު ފަހުންނެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާ މެދު އެހިސާބުން ޕީޖީ އޮފީހުން ސުވާލު އުފެއްދި އެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ ފެބްރުއަރީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.

އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާގެ މައްޗަށް ގިނަ ދަައުވާތަކެއް އުފުލާފައިވެ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިހާރު ދަނީ ބަލަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާމެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.