އަލީ ވަހީދު

އަލީ ވަހީދު ޕާސްޕޯޓް ހިފެއްޓުމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމައިފި އެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ ނޮވެމްބަރު 18، 2020 ގައެވެ.

ދައުވާކޮށްފައި ވަނިކޮށް ސިއްހީ ކަމެއްގައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކުރުމަށް، އޭރު ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ހަސަން ސައީދު އެންގެވުމާ ގުޅިގެން އަލީ ވަހީދު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އެނބުރި މިދިޔަ ޖުލައި 11 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ހުންނެވީ ރާއްޖެ އިން ބޭރުގައެވެ.

އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގައި ހެކިބަސް ދޭން ތިބި ގިނަ ބަޔަކު މައްސަލަ ނަގަން ބޭނުންވާތީ ދައުލަތުން އެ މައްސަލަތައް އަނބުރާ ގެންދިއުމުންނެވެ. ނަމަވެސް އޭރު ދައުލަތުން އޮތީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މިމައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވާފައިވާއިރު ދައުލަތުން ބުނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދުނީ އޭނާގެ މައްޗަށް ކުރިން ކޮށްފައިވާ ދައުވާތަކާ ގުޅިގެން ކަމަށާއި ނަމަވެސް ދައުވާތައް އަނބުރާ ގެންގޮސްފައިވާތީ ޕާސްޕޯޓް ހިފަހައްޓަން އެދުނު މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އަޑުއެހުން ނިންމާލީ ލިޔުމުން ވަކި އެއްޗެއް އަންގާނެ ކަމަށް އެންގުމަށްފަހު އެވެ.

އަލީ ވަހީދު ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން އެދުނު މައްސަލައިގައި އަލީ ކޯޓަށް ހާޒިރު ވާން އެންގުމުން އޭނާ އެގޮތަށް އަމަލުކުރައްވާފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމާ ސުޕްރީމް ކޯޓުން ވަނީ ދެ މަހާއި 12 ދުވަހަށް އަލީ ޖަލަށް ލުމަށްވެސް ކުރިން ހުކުމްކޮށްފަ އެވެ. ނަމަވެސް މި ހުކުމްވެސް ސުޕްރީމް ކޯޓުން ފަހުން ބާތިލްކުރި އެވެ.