ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަލީގެ މައްސަލަ ފޮނުވާލީ ފަހުން ހުށަހެޅޭ ގޮތަށް

Oct 5, 2022

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލީ އެ މައްސަލަ ފަހުން ކޯޓަށް ހުށަހެޅޭ ގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

އަލީ ވަހީދަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ އޭނާ ރާއްޖޭގައި ނެތުމުންނާއި ކޯޓަށް ހާޒިރުނުކުރެވިގެން މައްސަލަ މިވަގުތަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުންނެވެ.

ކޯޓުން މި ފިޔަވަޅު އެޅީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން ދައުވާ ލިބޭ މީހާ ފަހުންވެސް ކޯޓަށް ހާޒިރުކުރެވޭ ގޮތް ވެއްޖެނަމަ އަލުން މައްސަލަ ކޯޓަށް ހުށަހެޅޭނެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ މައްސަލަ ފޮނުވާލުމަކީ ކޯޓުގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާލީ މިދިޔަ ހޯމަ ދުވަހު ކަމަށްވެސް ވިދާޅުވި އެވެ.

"މައްސަލަތައް ފޮނުވާލާފައި ހުރީ މި އޮފީހުން އެ މައްސަލަތައް އަލުން ކޯޓަށް ހުށަހަޅަން ބޭނުންވުމުން އެކަން ކުރެވޭ ގޮތަށް،" ޝަފީއު ވިދާޅުވި އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. ދައުވާތައް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަލީ ވަހީދަށް ކުރާ ދައުވާތަކަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް އިންކާރު ކުރައްވަމުންނެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،" އަލީ ވަހީދު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ދައުވާކުރުމާ އެކު ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ސިއްހީ ފަރުވާ ހޯއްދެވުމަށް ކޯޓުގެ ހުއްދައާއި އެކު އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަަ އެވެ. އޭގެފަހުން އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކުރުމަށްފަހު އެވެ. އެކަން ކުރީ އޭނާ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުގަ އެެވެ. އެކަމަކު އަލީ ވަހީދު ވަޑައިނުގަތުމުން ކޯޓުން ވަނީ އަސްއަދަށް ވެސް ފިޔަވަޅު އަޅާފަ އެވެ. އެގޮތުން އޭނާ 15 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި އެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން ސުޕްރީމް ކޯޓުން ވެސް މީގެކުރިން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމާ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމެއް ކޮށްފަ އެެވެ.