ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފްރޭމް ކޮށްގެން ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދުގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ، ޝަރީއަތުގެ މަރުހަލާ ތަކުގައި އަމަލު ކޮށްފައި ވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށްގެން ކަމަށެވެ. އަލީ ވަހީދު ފްރޭމު ކޮށްފައިވާ ކަމަށްވެސް ވަކީލުން ފާހަގަ ކުރައްވާފައިވެ އެވެ.
އެ ބަޔާނުގައި ވަކީލުން ވަނީ ދައުލަތުން އަލީ ވަހީދާ މެދު ބޭއިންސާފުން އަމަލު ކުރިކަން ޔަގީން ކޮށްދިނުމަށްޓަކައި ނުވަ ކަމެއް ފާހަގަ ކުރައްވާފަ އެވެ.
ފުރަތަމަ ކަމަކަށް ފާހަގަ ކުރައްވާފައި ވަނީ އަލީ ވަހީދު ވަޒީރު ކަމުގައި ހުންނަވަނިކޮށް ކުށެއްގެ ތުހުމަތު ކުރުމަށް ފަހު ވަޒީރު ކަމުން ވަކި ކުރެއްވީ ކުރެވުނު ތުހަމަތު ތަހުގީގު ނުކޮށް އަދި ޖަވާބުދާރީވުމަށް ފުރުސަތު ނުދެއްވުމެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ތުހުމަތުކުރާ ކުށް ސާފު ކޮށްދީފައި ނުވާ ކަމަށާއި ޕީޖީން އުފުލި ދައުވާ ތަކާ މެދު ތަހުގީގުގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވެސް ބުނެ އެވެ.
އަލީ ވަހީދުގެ މައްޗަށް ދައުވާކުރީ އެ މައްސަލަތައް ސާބިތުވާ ވަރަށް އުންސުރުތައް ފުރިހަމަ ނުކޮށް ސިޔާސީ މަގުސަދެއްގައި ކަމަށާއި މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީ ހުށަހެޅީ ވެސް ބިރު ދެއްކުމަށް ކަމަށް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ގާނޫނުއާސާސީ އާއި ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތަށް ލިބެންޖެހޭ މައުލޫމާތާއި ހައްގުތައް އަލީ ވަހީދަށް ސިއްރު ކޮށްފައިވާ ކަމާއި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ނަމަވެސް ޝަރީއަތް ސިއްރު ކޮށްފައިވާ ކަންވެސް ފާހަގަ ކުރެއެވެ. އަލީ ވަހީދުގެ މައްސަލައިގައި ޕީޖީ އޮފީހުން ކޯޓުތަކާއި މީޑިއާ ތަކަށް ދޮގު މައުލޫމާތު ދީގެން އޮޅުވާލާފައިވާ ކަމާއި އަދި ނުހައްގުން އަލީ ވަހީދަށް އަދަބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.
އަލީ ވަހީދުގެ ދިފާއުގައި ގާނޫނީ ވަކީލުން ބަޔާނެއް ނެރެފައި މިވަނީ ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާ އަށް އެންގުމުން ކޯޓަށް ހާޒިރުވެވަޑައި ނުގެންނެވި މައްސަލާގައި އަލީ ދެމަސް ދުވަހާއި 12 ދުވަހަށް ޖަލަށްލުމަށް އެ ކޯޓުން ހުކުމް އިއްވާފައި ވަނިކޮށެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން މައްސަލަ ބޭރު ކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.