އަލީ ވަހީދު

އަލީގެ ޝަރީއަތް އަންނަ ހަފްތާއަށް ފަސްކޮށްފި

Aug 1, 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އޭނާއަށް ޗިޓް ފޮނުވި މައްސަލައިގެ ޝަރީއަތް އަންނަ ހަފްތާ އަށް ފަސްކޮށްފި އެވެ.

ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ނަމަވެސް ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

މައްސަލައިގެ އަޑުއެހުން ތާވަލްކުރީ މާދަމާ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ގޮތަށެވެ. އެކަމަކު މިހާރު ވަނީ މާދަމާ ބާއްވަން ހަމަޖެއްސި ޝަރީއަތުގެ އަޑުއެހުން އަންނަ ހަފްތާގެ ބުދަ ދުވަހަށް ފަސްކޮށްފަ އެވެ. މާދަމާގެ ޝަރީއަތް ފަސްކުރި ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެެވެ.

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.

އަލީ ވަހީދު ފުރީ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެ މައްސަލަ އަށް ޖާމިނު ކުރުމަށްފަހު އެވެ.