މޯލްޑިވް އިންޓަނޭޝަލް އާބިޓްރޭޝަން ސެންޓަރު

އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްފި

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އާބިޓްރޭޝަން މައްސަލަތައް ހުށަހެޅޭ ގޮތަށް އެމްއައިއޭސީގެ ހިދުމަތްތައް ފޯރުކޮށްދޭން މިހާރު ފަށައިފައިވީ ނަމަވެސް ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ މިއަދު އެވެ.

ކްރޮސްރޯޑްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

އާބިޓްރޭޝަން ސެންޓަރު އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވިޔަފާރިއެއް ކުރިއަރާ ތަރައްގީ ވާނީ ވިޔަފާރީގެ މައިދާނުގައި ދިމާވާ އެންމެހޭ މައްސަލަތަކަށް އަވަސް ހައްލެއް ލިބިދޭނެ ނިޒާމެއް އިންތިޒާމް ކުރެވިގެން ކަމަށެވެ. ޝަރުއީ ނިޒާމްގެ އިތުރުން ގާނޫނީ ރައްކާތެރިކަމަށް ހިމާޔަތް ލިބިދޭ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެވޭ ފުރުސަތުތައް ހުޅުވައިލައިގެން ކަމަށެވެ.

ރާއްޖޭގެ ވިޔަފާރިތައް ތަރައްގީވަމުންދާ ގޮތަށް ބަލާއިރު، އާބިޓްރޭޝަން ސެންޓަރެއް ރާއްޖެއަށް ވަރަށް މުހިއްމު ކަމުގައިވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ނިޒާމު ތަރުތީބު ވެފައިވާ ގޮތަށް ބަލާއިރު ކޯޓުތަކާއި އާބިޓްރޭޝަން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ އާބިޓްރޭޝަންގެ ފައިދާއެއް ނުކުރާނެ ކަމަށެވެ. އަދި ވިޔަފާރީގެ މައްސަލަތައް އާބިޓްރޭޝަން އަދި ކޯޓުތަކުން ބެލިކަމުގައިވިޔަސް، އެހެން ގައުމުތަކުން ނެރޭ އާބިޓްރަލް ރިޕޯޓްތަކާ އަދި ކޯޓުތަކުން ނެރޭ ހުކުމްތައް ބަލައި ދިރާސާކޮށް އެކަން ކުރާ ގޮތް ރަގަޅަށް ދަސްކުރުމަށް ފަނޑިޔާރުންނާއި އާބިޓްރޭޓަރުންނަށް ގޮވައިލެއްވި އެވެ.

"...އަދި ވަކިން ހާއްސަކޮށް އާބިޓްރޭޝަނާއި އާބިޓްރޭޝަން ގާނޫނުން ހައިކޯޓަށް މަތިކޮށްފައި ހުރި ކަންތައްތަކަށް ބަލާއިރު ހައިކޯޓުގެ ފަނޑިޔާރުން މިކަންކަން ދިރާސާ ކުރައްވާ ބައްލަވާ ދަސްކުރައްވަން ވެސް ޖެހޭނެ،" މުއުތަސިމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއައިއޭސީގެ ޗެއާޕާސަން މުހައްމަދު ޝަހުދީ އަންވަރު ވިދާޅުވީ 2013 ވަނަ އަހަރު އާބިޓްރޭޝަންގެ ގާނޫނު ވުޖޫދަށް އައި ނަމަވެސް އޭގެ ފަހުން އައި ފަސް އަހަރު މާބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ނަމަވެސް ބޮޑެތި ގޮންޖެހުންތަކަކާ އެކީ 2019 ވަނަ އަހަރު އަނެއްކާވެސް މަސައްކަތް ފަށައިގަނެވުނު ކަމަށް ވިދާޅުވި އެވެ.

ޝަހުދީ ވިދާޅުވީ މިވަގުތު ތަމްރީނު ލިބިފައިވާ ދިވެހި އާބިޓްރޭޓަރުން އެ ސެންޓަރުގައި ނެތް ނަމަވެސް 220 ދިވެހިންނަށް މިހާރު ތަމްރީނު ދެމުން އަންނަ ކަމަށެވެ. މި ތަމްރީނުތަކަށްފަހު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެމީހުން ވެގެންދާނީ ރާއްޖޭގައި އަދި އިންޓަނޭޝަނަލް ސެންޓަރުތަކުގައި ވެސް ވަކާލާތުކުރެވޭ ފަދަ އާބިޓެރޭޓަރުންނަށް ކަމަށް ޝަހުދީ ވިދާޅުވި އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ އެހެން ސެންޓަރުތަކާ ވާދަކުރެވޭ ފެންވަރަށް ރާއްޖޭގެ އާބިޓްރޭޝަބް ސެންޓަރުގެ އުސޫލުތައް ބަދަލުކޮށް އަދި މައްސަލަ ހުށަހަޅައި އިދާރީ ގޮތުން ކުރާ ހުރިހާ ކަމެއް އިލެކްޓްރޯނިކް ކޭސް މެނޭޖްމެންޓް ސިސްޓަމެއްގެ ތެރެއިން ކުރަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ބޭރުގެ ކޮންސަލްޓެންޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް ރަސްމީކޮށް ފަށަން މިދިޔަ އަހަރުވެސް މަސައްކަތް ކުރި އެވެ. ރަސްމީ ޖަލްސާއަށް ބޭރުގެ ކަމާ ގުޅޭ ބޭފުޅުންނަށް ދައުވަތުދީ، ރާއްޖެ ވަޑައިގެން ތިއްބަވަނިކޮށް މާލެއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނި ލޮކްޑައުން ކުރުމުން އެ ޖަލްސާ ކެންސަލް ކުރީ އެވެ.

އެމްއައިއޭސީގެ އާބިޓްރޭޓަރުންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން 54 ބޭފުޅަކު މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އާބިޓްރޭޓަރުންގެ ޕްރައިމަރީ ޕެނަލްގައި ޖުމްލަ 50 ބޭފުޅުން ހިމެނޭއިރު ސެކަންޑަރީ ޕެނަލްގައި ހަތަރު ބޭފުޅުން ހިމެނެ އެވެ. މި ލިސްޓުގައި ހިމެނޭ ހަމައެކަނި ދިވެއްސަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އެވެ.