މޯލްޑިވް އިންޓަނޭޝަލް އާބިޓްރޭޝަން ސެންޓަރު

އާބިޓްރޭޓަރުން ކަނޑައަޅައި އެމްއައިއޭސީ ރަސްމީކޮށް ފަށަނީ

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ)ގެ މަސައްކަތްތަކަށް ނަގާނެ ފީއާއި، އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ފަހު ސެންޓަރުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިގަތުމަށް ތައްޔާރު ވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްއައިއޭސީގެ ޗެއާމަން މުހައްމަދު ޝަހުދީ އަންވަރު ވިދާޅުވީ އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތްތައް ފަށަން، މައްސަލަތައް ހުށަހެޅޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން އޮންލައިން ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް މުވައްޒަފުން ވެސް ތަމްރީން ކޮށްފައިވާ ކަމަށެވެ.

އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް ރަސްމީކޮށް ފަށަން މިދިޔަ އަހަރުވެސް މަސައްކަތް ކުރި އެވެ. ރަސްމީ ޖަލްސާއަށް ބޭރުގެ ކަމާ ގުޅޭ ބޭފުޅުންނަށް ދައުވަތުދީ، ރާއްޖެ ވަޑައިގެން ތިއްބަވަނިކޮށް މާލެއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނި ލޮކްޑައުން ކުރުމުން އެ ޖަލްސާ ކެންސަލް ކުރީ އެވެ. އެހެންވެ އެމްއައިއޭސީގެ މަސައްކަތްތައް ރަސްމީކޮށް ފަށަން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އެމްއައިއޭސީގެ އާބިޓްރޭޓަރުންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން 54 ބޭފުޅަކު މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އާބިޓްރޭޓަރުންގެ ޕްރައިމަރީ ޕެނަލްގައި ޖުމްލަ 50 ބޭފުޅުން ހިމެނޭއިރު ސެކަންޑަރީ ޕެނަލްގައި ހަތަރު ބޭފުޅުން ހިމެނެ އެވެ. މި ލިސްޓުގައި ހިމެނޭ ހަމައެކަނި ދިވެއްސަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އެވެ.

އާބިޓްރޭޓަރުންނަށް ވުމަށް އެމްއައިއޭސީ އަށް ހުށަހެޅުމަކީ އާންމުކޮށް ހުޅުވާލާފައި އޮންނަ ފުރުސަތެކެވެ. އާބިޓްރޭޓަރުންގެ ގޮތުގައި ބޭފުޅުން ކަނޑައަޅަނީ އެމްއައިއޭސީގެ ބޯޑުންނެވެ.

"މިވަގުތަށް އަޅުގަނޑުމެންގެ ޕްރައިމަރީ ޕެނަލްގައި އާބިޓްރޭޓަރެއްގެ ގޮތުގައި ދިވެއްސަކު ނެތް. އެހެން ނަމަވެސް މިއީ އަދި އެއްކޮށް ބަންދުވި ފުރުސަތެއް ނޫން،" ޝަހުދީ ވިދާޅުވި އެވެ.

އެމްއައިއޭސީގައި ކުރިއަށް ގެންދާ އާބިޓްރޭޝަނާ ގުޅޭ އަޑުއެހުންތަކަށް ނަގާނެ ފީ އާއި އާބިޓްރޭޓަރުންނަށް ފީ ދައްކާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި މިހާރު ވަނީ އެ އުސޫލު ވެސް އާންމު ކޮށްފަ އެވެ. އެގޮތުން އެމްއައިއޭސީގައި ކުރިއަށް ގެންދާ އާބިޓްރޭޝަންގައި ހިމެނޭ ޕާޓީ ތަކަކީ ދިވެހި ޕާޓީ ތަކެއް ކަމަށްވާނަމަ ރަޖިސްޓްރޭޝަން ފީ އާއި އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި އެއްވެސް އެއްޗެއް ނެގުމަށް ނިންމާފައެއް ނުވެ އެވެ. އެކަމަކު ބޭރު ޕާޓީއެއް ހިމެނޭނަމަ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500 އެމެރިކާ ޑޮލަރު އަދި އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި 1500 އެމެރިކާ ޑޮލަރު ނަގާނެ އެވެ. ދިވެހި ޕާޓީތައް ހިމެނޭ އަޑުއެހުމެއް ނަމަ ރޫމް ފީގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ނަގަން ނިންމާފައިވާއިރު ބޭރު ޕާޓީއެއް ހިމެނޭ ކަމަށްވާނަމަ ރޫމް ފީގެ ގޮތުގައި ދުވާލަކަށް 33 ޑޮލަރު ނަގާނެ އެވެ.

މިވަގުތަށް އަޅުގަނޑުމެންގެ ޕްރައިމަރީ ޕެނަލްގައި އާބިޓްރޭޓަރެއްގެ ގޮތުގައި ދިވެއްސަކު ނެތް. އެހެން ނަމަވެސް މިއީ އަދި އެއްކޮށް ބަންދުވި ފުރުސަތެއް ނޫން
މުހައްމަދު ޝަހުދީ އަންވަރު | އެމްއައިއޭސީގެ ޗެއާމަން

އެމްއައިއޭސީގައި ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން ދިވެހި ޕާޓީތައް ހިމެނޭ އާބިޓްރޭޝަންގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ތިއްބަވާ އާބިޓްރޭޓަރުންނަށް އެ ބޭފުޅުން ކުރިއަށް ގެންދަވާ ކޮންމެ މައްސަލަ އަކަށް 50،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ފީއެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ބޭރުގެ ޕާޓީއެއް ހިމެނޭ އިންޓަނޭޝަނަލް އާބިޓްރޭޝަނެއް ނަމަ މައްސަލަ ކުރިއަށް ގެންދަން ތިއްބަވާ އާބިޓްރޭޓަރުންނަށް ފީ ދިނުމަށް ނިންމާފައި ވަނީ އެ ބޭފުޅުން ކުރިއަށް ގެންދަވާ މައްސަލައެއްގެ ކުޑަބޮޑު މިނަށް ބަލައި ކަނޑައެޅޭ ވަކި ޕަސެންޓެކެވެ.

އެމްއައިއޭސީގެ ބޯޑަށް ވެސް މިހާރު ވަނީ ބޭފުޅުން އައްޔަން ކޮށްފަ އެވެ. އެގޮތުން ޝަހުދީގެ އިތުރުން ބޯޑުގައި ތިއްބަވަނީ ސަފާ ޝަރީފާއި ހުސައިން ސިރާޖެވެ. ބޯޑަށް ލަފާ ދިނުމަށް 10 މެންބަރުންގެ ދާއިމީ ކޮމިޓީއެއް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.

އެމްއައިއޭސީ އުފައްދާފައިވަނީ ޖުލައި 3، 2013 ގައި ތަސްދީގު ކުރައްވާފައިވާ އާބިޓްރޭޝަނުގެ ގާނޫނުގެ ދަށުންނެވެ. އާބިޓްރޭޝަނުގެ ގާނޫނަކީ، ގާނޫނު ގަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް އާބިޓްރޭޝަނުގެ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލު ކުރުމަށް މަގުފަހި ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެކެވެ.