އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ސްކީމެއް އަންނަ އަހަރު ތައާރަފު ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒރު ވިދާޅުވީ ކޮވިޑުގައި ވަޒީފާއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ގާތްގަނޑަކަށް 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ދޫކޮށްފައިވާނެ ކަމަށެވެ. އޭގެ ސަބަބުން މިއަދު ރާއްޖޭގެ އިގްތިސާދު އަރައިގަތުމަށް ފަސޭހަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އިންޝުއަރެންސް ބެނެފިޓް ސްކީމެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ. އަންނަ އަހަރު އެ ސްކީމް ފަށަނީ ވޯލްޑް ބޭންކުގެ އެހީގައި ފަށާ ކަމެއް ކަމަށެވެ.
"އެ ޕްރޮގްރާމް ފަށާ އިރު އެންމެ ފުރަތަމަ ޕައިލޮޓް ޕްރޮޖެކްޓެއް ކުރިއަށް ގެންދާނީ. ނަތީޖާ އަށް ބަލައި، އެ ޕްރޮޖެކްޓު މުޅި ރާއްޖެ އަށް ފުޅާކުރާނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ސްކީމާއި ގުޅޭ ދިރާސާތައް މިހާރު ވޯލްޑް ބޭންކުން ހަދާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވޫ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކަތެރިކަމުގެ ގާނޫނަކާއި އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގާނޫނު މަސައްކަތާއި ގުޅޭގޮތުން އެޓާނީ ޖެނެރަލް އާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ ދެ ބިލު މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.