މާލޭ ސިޓީ ކައުންސިލް

ގަރާޖު ސިޓީ އުވާލަން ސިޓީ ކައުންސިލް ދެކޮޅު

Nov 8, 2021

މާލޭގައި ދުއްވުމަށް ރަޖިސްޓްރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދުތައް ބާއްވާނެ ގަރާޖެއް ނެތް ނަމަވެސް ވެހިކަލް ރަޖިސްޓްރީ ކުރެވޭ ގޮތް ހެދުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މާލެ ސިޓީ ކައުންސިލުން ދެކޮޅު ހަދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަނީ ގަރާޖު ސިޓީއަކާ ނުލައި ކާރާއި ޕިކަޕު ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭ ގޮތް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.

އެ އިސްލާހު ހުށަހެޅުއްވީ ގަރާޖު ސިޓީ ބޮޑު އަގުގައި ބައެއް މީހުން ވިއްކަމުން ގެންދާތީ އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އާންމުނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށެވެ.

އެ ބިލް ދިރާސާ ކުރަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީންނެވެ. ކޮމިޓީން މީގެކުރިން ވަނީ އެ އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް ނިންމާފަ އެވެ. އެކަމަކު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ހިމެނޭ ގޮތަށް އެމްޑީޕީގެ ބައެއް މެންބަރުން އެ އިސްލާހަށް ދެކޮޅު ހައްދަވާފައިވާތީ ކޮމިޓީން މިހާރު ގެންދަނީ އެ އިސްލާހު އިތުރަށް ދިރާސާކުރަމުންނެވެ.

ނަޝީދުގެ ހުށަހެޅުމާ މެދު މާލެ ސިޓީ ކައުންސިލްގެ ވިސްނުން ހުރި ގޮތް ބެލުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭ އަކީ ތޮއްޖެހިފައިވާ ތަނަކަށްވާތީ ހަތަރު އުޅަނދުލީ ވެހިކަލްތައް ބާއްވާނެ ތަނެއް ނުދައްކާ އެފަދަ ވެހިކަލްތައް ރަޖިސްޓްރީ ކޮށްދޭން ފަށައިފިނަމަ ނިކުންނާނެ ނުރަނގަޅު ނަތީޖާ ތަކެއް ހުންނާނެ ކަމަށެވެ. އަދި އެކަމަށް ވިސްނައިވަޑައިގަތުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"ހަގީގަތުގައި ވެހިކަލް ބާއްވާނެ ފިޒިކަލް ސްޕޭސްއެއް އޮތްކަން ކަށަވަރުކުރުން މުހިންމު،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގައި ޒިންމާތަކެއް ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާތީ ގަރާޖު ސިޓީ އުވަލައިފިނަމަ ވެހިކަލްގެ އަދަދު ކަނޑައެޅުމުގައި އުދަނގޫ އެތައް ކަމެއް ކުރިމަތިވާނެ ކަމަށެވެ.

މާލޭގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތައް އަބަދުވެސް ރަޖިސްޓްރީކޮށްދެނީ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. ކުރިން އެ މަސައްކަތް ކުރީ ޓްރާސްޓްޕޯޓް މިނިސްޓްރީން ކަމަށްވީ ނަމަވެސް މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ.