ގަރާޖެއް ނެތި ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކޮށްދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ނިންމި ނިންމުމަކީ މަޖިލީހުގައި ހިމެނޭ މަޖިލީހުގައި އޮތް ވެރިކަން ކުރާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ފެއިލްވުމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ފާސްކުރި ކުރުމަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ގަރާޖު ސިޓީގެ އިސްލާހަށް ތާއިދުކުރެއްވި ނަމަވެސް ބޮންޑޭ ވަނީ އެ އިސްލާހާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ.
އޭނާ ވިދާޅުވީ ކޮރަަޕްޝަނުގެ ތެރެއިން ގަރާޖު ސިޓީ ވިއްކި މީހުން އެނގޭ ކަމަށާއި އެ ފައިސާ ދިޔަ ތަންތަންވެސް އެނގޭ ކަމަށެވެ. އެހެން ކަމުން މީހުންނަށް ފިޔަވަޅު އަޅައި ހައްޔަރު ކުރަން އޭނާ ގޮވާލެއްވިއެވެ. އަދި މައްސަލައިގެ ހައްލު އެނގި އެކަން ނުކޮށް ގަރާޖު ސިޓީ ދޫކޮށް ދަފްތަރެއް އެކުލަވާލުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވިއެވެ.
ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެ އިސްލާހަށް އެމްޑީޕީގެ މެމްބަރުން ވޯޓު ދީ ފާސްކުރުމުން ބޮންޑެ މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
"އަޅުގަނޑެމެން މިއަށް ވޯޓު ދީފިއްޔާ ފެއިލް ވީ. 65 މެމްބަރުން ފެއިލްވީ. ގެއަށް ދާންވީ،" ރަޝީދު ވިދާޅުވި އެވެ.
ބޮންޑެ ވަނީ އެވަރުގެ ބޮޑު ނިންމުމެއް ނިންމާއިރު މާލެ ރައްޔިތުންގެ ބަހަކީ ކޮބައިތޯ ބަލާފައިނުވާތީވެސް ކަންބޮޑުވުން ފާޅުކޮށް ފާޑު ވިދާޅުވެފައެވެ.