ސަރަޙައްދީ އަދި ކުދި ޖަޒީރާ ގައުމުތަކުގެ ވޭޖްތަކާ އަޅާކިޔާއިރު ރާއްޖޭގައި ކަނޑައަޅާފައިވަނީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވެއްޖެ އެވެ.
ހަމްދާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ މުސާރަ ކަނޑައަޅައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދުއެކަން އިއުލާންކުރައްވާފައި ވަނިކޮށެވެ.
ރާއްޖޭގައި މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައި އިއުލާންކޮށްފައިވަނީ 4،500 ރުފިޔާ އެވެ.
ރާއްޖޭގައި ކަނޑައަޅާފައިވާ މިނިމަމް ވޭޖަކީ ތަނަވަސް އަދަދެއް ކަން ހާމަކޮށްދެއްވުމުގެ ގޮތުން ހަމްދާން ވަނީ ޖަޒީރާ ބައެއް ގައުމުތަކާއި، ތަރައްގީވެފައިވާ ބައެއް ގައުމުތަކާއި އަދި ސަރަހައްދީ ބައެއް ގައުމު ތަކުގެ ވޭޖު ހިމެނޭ ލިޔުމެއް ވެސް ޓްވިޓާގައި ހާމަކުރައްވާފަ އެވެ.
ހަމްދާން ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ސަރުކާރުން ކޮށްފައިވާނީ މަސައްކަތްތެރީންނާއި ވަޒީފާ ދޭ ފަރާތްތަކާ އެކު ކުރެވުނު ގިނަ މަޝްވަރާތަކަކަށް ފަހު ލިބުނު ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ހުރިހާ ފަރާތެއްގެވެސް ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
މިނިމަމް ވޭޖް ތަންފީޒުވުމުން އެންމެ ބޮޑު ހެޔޮ ބަދަލެއް ފެނިގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ކަމުގައި ހަމްދާން ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ ތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިނިމަމް ވޭޖުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި، ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެ،" ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސިޔާސަތަކީ ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔާތްކުރުމަށާއި ނުޙައްގު، ދަށް އުޖޫރަ މަސައްކަތްތެރިންނަށް ދިނުމުގެ މައްސަލައަށް އެކަށޭނަ ހައްލެއް ލިއްބައިދޭނެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.
މިނިމަމް ވޭޖު މިއަދު ކަނޑައެޅި ނަމަވެސް އެންމެ ކުދި ނުވަތަ މައިކްރޯ ފަންތީގެ ވިޔަފާރިތަކާއި ބިދޭސީ މަސައްކަތްތެރިން މިވަގުތަށް ވަނީ އިސްތިސްނާކޮށްފަ އެވެ. ޕްރައިވެޓް ސެކްޓަރަށް މިނިމަމް ވޭޖް ތަންފީޒު ކުރެވޭނީ ވިޔަފާރިތަކުގެ ކުޑަބޮޑުމިނަށް ނުވަތަ ބިޒްނަސް ކްލެސިފިކޭޝަނަށް ބަލައި ތަފާތުކުރެވިގެން ކަމުގައި ހަމްދާން ވިދާޅުވި އެވެ.
"ކުދި ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެހެން ގައުމުތަކުންވެސް އަމަލުކުރާ އުސޫލުން ގަޑިއަކަށްޖެހޭ މިންވަރު ކަނޑައެޅިފައި އޮތުމުން، މިނިމަމް ވޭޖަށް އަމަލުކުރުމުގައި ވިޔަފާރިތަކަށް ފަސޭހަވެގެންދާނެ،" ހަމްދާން ވިދާޅުވި އެވެ.