މަސައްކަތް ކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ ރިޕޯޓް މަޝްވަރާ ކުރުމަށްޓަކައި އަންނަ ހަފުތާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް އެމަނިކުފާނު އެކުލަވާލެއްވި ބޯޑުން ތައްޔާރުކުރި ރިޕޯޓް އެމަނިކުފާނަށް ލިނިވަޑައިގެންފައިވާ ކަމަށެވެ. އަންނަ ހަފުތާ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް އެ ރިޕޯޓް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އަޅުގަނޑަށް ލިބިއްޖެ. ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނަން." ރައީސްގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ތައްޔާރުކުރި "އެޖެންޑާ 19" ގެ ލެޖިސްލެޓިވް އެޖެންޑާގައި ވެސް މިނިމަމް ވޭޖް ކަނޑައެޅުން ހިމެނެ އެވެ. އެ ކަރުދާހުގައި އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް ކަނޑައެޅިދާނެ އަދަދުތަކެއް ވެސް ހިމެނި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގައި ލަފާ ދޭން ރައީސް އެކުލަވާލި ބޯޑުން ވަނީ ސަރުކާރުގައި ހުރި މައުލޫމާތު އެއްކޮށް، އިތުރަށް ބޭނުންވާ މައުލޫމާތު ހޯދަން ވިޔަފާރިތައް ސާވޭކޮށްފަ އެވެ. އެ ބޯޑުގެ ދިރާސާ ރިޕޯޓާއެކު އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (ޢައިއެލްއޯ) ގެ ދެ ދިރާސާ ރިޕޯޓެއް ވަނީ އެ ބޯޑުން ސަރުކާރަށް ފޮނުވައިފަ އެވެ.
ރިޕޯޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާއީލް މީގެ ކުރިން ވިދާޅުވީ ސަރުކާރުގެ ކެބިނެޓްގައި މަޝްވަރކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް މިނިމަމް ވޭޖް ކަނޑައަޅަން ބިލެއް ހުށަހެޅޭނެ ކަމަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފަށަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގަ އެވެ.