އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފައްޓަވާނެ ކަމަށާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާ ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ގައުމު ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުން ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅު ގައެވެ. ރައީސް ސޯލިހް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތައް ރާއްޖެއަށްވެސް ކުރާނެ ކަމަށާ އެއީ ގަބޫލު ކުރަން ޖެހޭނެ ހަގީގަތެއް ކަމަށެވެ. '
ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ބައެއް ދިމަދިމާއިން ފަތުރަމުން ދަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ ދެ އަހަރުގެ ތެރޭގައި 70 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަަމަށާ ދައުލަތުގެ ބަޖެޓަށްވެސް 35 ބިލިއަން ރުފިޔާ ނުވަދެދިޔަ ކަމަށެވެ.
ލޯން ނަގަން މަޖުބޫރުވީ އެކަމުގެ ސަބަބުން ކަމަށާ ލޯނު ނެގީ އިގްތިސާދު ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް ކަަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ.
"އެކަމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުމުގެ ތެރެއަށް ގޮސް ހާސްކަމުގެ ތެރެއަށް އެބަދޭ. ބައެއް މީހުން މިފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމަށް ކަމުގައި ފާހަގަކުރަންޖެހޭ. ނަމަވެސް މިއީ ސިޔާސީ ކޮށްގެން ދައްކައިގެން ވާނެ ވާހަކަތަކެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފައްޓަވާނެ ކަމަށެވެ. އަދި ނަގާފައިވާ ލޯނުތަކާއެކު ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ތިލަމާލެ ބްރިޖް މަޝްރޫއު އާއި ގުޅިފަޅު ޕޯޓްގެ މަޝްރޫއު ފަދަ މަޝްރޫއުތަކަކީ ލޯން ހަމަޖެހިފައިވާ މަޝްރޫއުތަކަށްވާތީ އެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާނެ ކަމަށެވެ.
އިތުރު އާ ބޮޑު މަޝްރޫއެއް އަލުން ސޮއިކޮށްގެން އަލުން ލޯނު ނަގައިގެން މިވަގުތު ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް. މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާއެކުގައި މަޝްރޫއުތައް ކުރިއަށް ދާނެ. ފާސްކުރި 2022 ވަނަ އަހަރުގެ ބަޖެޓްގައި ނެޓް ފައިނޭސިންގެ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ. އެ ފައިސާ އިތުރަށް ހޯދަން ޖެހޭ. އޭގެ ތެރެއިން 7.9 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ސެކިއާކުރެވިފައި އެބަހުރި. އިތުރަށް މި ބޭނުންވަނީ ދެ ބިލިއަން ރުފިޔާ ހޯދަން. އެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. ސުވާލަކީ އެ ނުލިބިއްޖެއްޔާ ދެން ހަދާނީ ކިހިނެތްތޯ. އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ ބައެއް މަޝްރޫއުތައް ހުއްޓާލުން. ހަރަދުތައް ކުޑަކުރުން، ކޮށްފައި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުންއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސް މިއަދުވެސް ވިދާޅުވީ ދައުލަތުގެ އިގްތިސާދީ މިސްރާބު ހުރީ ރަނގަޅަށް ކަމަށާ ދަރަނި ނުދެއްކި ދައުލަތް ބަނގުރޫޓް ނުވާނެ ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ދަރަނި އުފެދި ބޮޑުވަމުން ދިޔަ ގޮތުގެ ތަފްސީލު ރައީސް ވަނީ ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ 2012 ގެ ނިޔަލަށް ދައުލަތުގެ ދަރަނި ހުރީ 17 ބިލިއަންގައި ކަމަށާ 2013 ގައި ރައީސް ވަހީދުގެ ވެރިކަން ނިމުނުއިރު ދަރަނި 23 ބިލިއަނަށް އިތުރުވި ކަމަށެވެ.
އަދި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު އެ އަދަދު ހުރީ 62 ބިލިއަން ރުފިޔާގައި ކަަމަށެވެ. ކުރީ ސަރުކާރުން އެކަނި 39 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ މިހާތަނަށް އުފެއްދީ 37 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް އަދި ނެތް ކަމަށާ އެންމެ އަވަހަށް ދެން ބޮޑު އަދަދެއް ދައްކަން އޮތީ 2026 ވަނަ އަހަރު ކަމަށެވެ. އެހާތަނަށް އެކަމަށް ތައްޔާރުވެވޭނެ ކަމަށް ވިދާޅުވިއެވެ.