ދުނިޔެ

ނޭޓޯ ސިފައިން ކަޅުކަނޑުގައި، ރަޝިއާއަށް ފާރަ ލަނީ

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ހޯމަ ދުވަހު ވިދާޅުވ ގޮތުގައި ނޭޓޯ ސިފައިން ކަޅުކަނޑުގައި އެ ކުރާ ކަމެއް ކުރަނީ އެމެރިކާ ބުނެގެނެވެ އަދި އެމީހުން އުޅެނީ ރަޝިއާ ހިފަހައްޓައި ނުލެވިގެނެވެ.

ލަވްރޯފް ވިދާޅުވީ ނޭޓޯ ސިފައިން ކަޅުކަނޑުގައި އަސްކަރީ ތަމްރީންތަކެއް ހެދުމުގެ ނަމުގައި ރަޝިއާގެ އިމަށް ވަނުމުގެ ބޭނުމެއް ނެތެވެ. އެމީހުންގެ ހަރަކާތްތައް ރަޝިއާއާ ނޭޓޯއާ ދެމެދު ވެފައި އޮންނަ އެއްބަސްވުންތަކާ ވެސް ޚިލާފެވެ.

"އަޅުގަނޑަށް ދެންނެވޭނީ އެމެރިކާއިން ނޭޓޯ ލައްވާ ގުލާނު ކުރުވަނީ ކަމަށް،" ލަވްރޯފް ނޫސްވެރިންނަށް ވިދާޅުވި އެވެ. ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާއަކީ ރަޝިއާއަށް ވަރަށް ފާރަލާ ހިތްވާ ގައުމެކެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ހަމަ ކުއްލިއަކަށް ނޭޓޯ ސިފައިން ކަޅުކަނޑަށް ނުކުމެ ފަރިތަކުރުންތަކެއް ފަށައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި ކުރާނެ ކަމެއް ނެތް ބަޔަކު އުޅޭނީ އެހެންނެވެ.

އެމެރިކާއިން ދުނިޔޭގެ ކަނޑުތަކުގައި އަސްކަރީ ފަރިތަކުރުންތައް ބާއްވަނީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ގައުމުތަކަށް ފާރަލާން އެމެރިކާއިން ހިންގާ ޖާސޫސީ ހަރަކާތްތަކެއް ކަމަށެވެ.

އެމެރިކާއާ ޔޫރަޕުން މިހާރު އެއުޅެނީ ޔުކްރޭނަށް އަތްގަދަ ނުކުރެވިގެން ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. ޔުކްރޭންއާ ރަޝިއާއާ ދެމެދު ނުތަނަވަސްކަމެއް ހަމަ އުފެދޭއިރަށް އެތަނުގައި ބާގަނޑެއް ހަދައި އެމީހުން ފުންމާލާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޔުކްރޭނަށް ވަސްވާސް ދީގެން ރަޝިއާއާ ދެކޮޅަށް ކޮންމެވެސް ކަމެއް ކުރުވުމަކީ އެމެރިކާއާ ބައިވެރިން އަބަދު ވެސް ކުރާ ކަމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ގޮތުގައި ޔުކްރޭނަށް ފައިދާއެއް ހުރި އެއްވެސް ކަމެއްގައި ޔުކްރޭން މަސްއޫލު ނުކުރުވާނެ ކަމަށެވެ.