ޔުކްރޭންގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރީ އެއާޕޯޓްތަކަށް ރަޝިއާ ހަމަލާ ދޭން ފާށައިފި ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާގެ މިނިސްޓްރީ އޮފް ޑިފެންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެމުން ގެންދާ ހަމަލާތަކުން އާންމުންނަށް އެއްވެސް ގެއްލުމެއް ނުވާނެ އެެވެ. ހަމާތައް ދެނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ސީދާ ބޭނުންވާ ތަންތަނަށެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ ޔުކްރޭނަށް މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ރަޝިއާގެ ކަންބޮޑުވުންތަކަށް ޔުކްރޭން އަޅާނުލުމުގެ ނަތީޖާ ކަމަށެވެ. އަދި ދޮންބާސްގައި އާންމު ހާލަތު ގަތުލުއާންމަކަށް ބަދަލުވަމުން ދިޔައިރު ވެސް ޔުކްރޭން ސަރުކާރުން ސުލްހަ އިޚުތިޔާރު ނުކުރުމުގެ ނަތީޖާ ކަމަށެވެ.
ދޮންބާސް ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ޑޮނެސްކާއި ލުހާންސްކްގެ ލީޑަރުންނާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވެސް ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ޔުކްރޭންގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދެ އެވެ. އަދި ވައިގެ ތެރެއިން ފައިޓަރު ޖެޓްތައް އުދުހޭތަން ވެސް ފެނެ އެވެ.
ރަޝިއާގެ މި އަމަލު މުޅި ދުނިޔެ ކަހަލަ ގޮތަކަށް ވަނީ ކުށްވެރި ކޮށްފަ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕް ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ރަޝިއާއަށް ހިރިނުލެވޭ ވަރު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރަޝިއާ ބުނާ ގޮން ދަތިކުރަން އަޅާ ކޮންމެ ކޮންމެ ފިޔަވަޅަކުން އެމެރިކާ އެދޭވަރުގެ ނަތީޖާއެއް ނުނިކުންނާނެ އެވެ.