ދުނިޔެ

ރަޝިއާ ޔުކްރޭން ހިސޯރުކުރާނެ ކަމަގެ ހެއްކަކީ ކޮބާ: ޒީލިއަންސްކީ

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައި މުޅި ގައުމު ހިސޯރު ކުރަން އުޅޭ ކަމަށް ބުނެ އެމެރިކާ އާއި ޔޫރަޕްގެ ބޮލިރަވަތައް ހުއްޓުމެއް ނެތި ތަޅުވަމުން ގެންދާއިރު ހަމަބުއްދިއަށް ވިސްނޭ ވަރުގެ ހެއްކެއް ދެއްކިފައި ނެތް ކަމަށް ޔުކްރޭންގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މުޚާތަބު ކުރައްވައި ޒީލިއަންސްކީ އެދިވަޑައިގަތީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރާނެކަން ސާބިތު ހެއްކާއެކު ދެއްކެވުމަށެވެ.

"ޔުކްރޭނަށް ރަޝިއާ އަރާނެ ކަމަށް ތިޔަ ބޭފުޅުން ވަރަށް ސާބިތުކަމާއެކު އެބަ ވިދާޅުވޭ،" ޒީލިއަންސްކީ ވިދާޅުވި އެވެ. "ތިޔަ ވިދާޅުވާ ވަރުގެ ހެކިތަކެއް ހުރި ނަމަ ކީއްވެތޯ ޔުކްރާނާ ހިއްސާ ނުކުރައްވާ ތިޔަ ތިއްބެވީ"

ޒީލިއަންސީ ވިދާޅުވި ގޮތުން އަބަދުވެސް އިވެނީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރާނެ ވާހަކަ އެވެ. އޭނާ ވިދާޅުވީ ރަޝިއާގެ އަމަލުތައް ހުރީ ޔުކްރޭނަށް ނުރައްކަ ވެދާނެ ގޮތަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ތާރީޚް ކަނޑައަޅައި މިވެނި ދުވަހެއްގައި ރަޝިއާ ސިފައި ޔުކްރޭނަށް އަަރައިގަންނާނެ ކަމަށް ބުނަން ދައްކާނެ ހެއްކެއް ޔުކްރޭނަށް ފެންނަށް ނެތް ކަމަށެވެ.

ޒީލިއަންސްކީ ވިދާޅުވީ ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމަށް އަދި ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އެެހެން ނަމަވެސް މަޝްރަހުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒީލިއަންސްކީ ވިދާޅުވި ގޮތުން އެކި ދިމަދިމާއިން ޔުކްރޭނަށް މައުލޫމާތު ލިބެ އެވެ. އަދި ޔުކްރޭންގައި އިންޓެލިޖެންސް ޔުނިޓެއް އޮންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރަން ރާވަމުން ގެންދާކަން އެއިން ބަޔަކަށް އެނގިފައި ނެތްއިރު، އެހެން ބަޔަކަށް އެނގުމުން އަންތަރީސްވެ ވަޑައިގެން ހުންނެވި ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުން އެމެރިކާގެ ބޭނުމަކީ ކޮންމެވެސް އެއްޗެކޭ ކިޔައިންގެން މަސްލަހަތު ގެއްލުވާލުމެވެ. އޭނާ ވިދާޅުވީ ޔުކްރޭނާ މެދު ރަޝިއާ ސަރުކާރުން ވަކި ގޮތެއް ނިންމާފައި ނެތްއިރު ވަކި ތާރީޚެއްގައި ހަމަލާދޭނެ ކަމަށް ބުނުމަކީ ކޮސްކަމެއް ކަމަށެވެ.