ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން ޔޫކޭ ގޮފީގެ މެމްބަރުންނަށް އިދިކޮޅު މަޖިލިސް މެންބަރުން ޝަކުވާ ހުށަހަޅުއްވައިފި އެވެ.
އިދިކޮޅުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ކޮމަންވެލްތު ވަފްދުގެ ބޭފުޅުންނަށް ހުށަހެޅުއްވީ އެ ބޭފުޅުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން "ޔޫކޭ މޯލްޑިވްސް ފްރެންޑްޝިޕް" ގްރޫޕްގެ މެންބަރުންނާ އެކު ބައްދަލުވުމަށްފަހު އެވެ. ކޮމަންވެލްތު ވަފްދުގެ ބޭފުޅުން ވަނީ މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލެއްވުމުގެ އިތުރަށް މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ބައްލަވާލައްވާފަ އެވެ.
މި ގުރޫޕްގައި ރާއްޖޭގެ އިދިކޮޅު ޕާޓީތައް ތަމްސީލް ކުރައްވަނީ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ.
ކޮމަންވެލްތުގެ ވަފްދާ ބައްދަލުކުރެއްވުމަށްފަހު މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލުގައި އޮންނަވާތާ 700 އަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުންތަކާއި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ މިންވަރު ކޮމަންވެލްތު ވަފްދާ ހިއްސާ ކުރެއްވި ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނިޔާވެރިކަން ހުއްޓުވަން ޖެހޭ ކަމަށާއި ދައުލަތު ވަކިކުރެވިފައިވާ ބާރުތަކަށް އެމަނިކުފާނު އިހުތިރާމްކުރައްވަން ޖެހޭ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އިދިކޮޅު މެންބަރުން ކޮމަންވެލްތުގެ ސަމާލުކަމަށް ގެނައި އިރު ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ މެންބަރު ކަމުން ވަކިވެފަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން އެގޮތަށް އަމަލުކުރީ އެ ޖަމާއަތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.
ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލާފައިވާއިރު ތުހުމަތުކުރާ އިތުރު މައްސަލަތަކެއްގެ ތަހުގީގު ވެސް ދަނީ ހިނގަމުންނެވެ.