ލައިފްސްޓައިލް

ސަލާންޖަހަން އުޅުނު 50 ކުދިން އެޑޮޕްޓްކޮށްފި

ހަޔާތުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް ބައެއް މީހުން އަނެކުންނަށް އެހީވުމުގައި ލާމާސީލު މިސާލު ދައްކަ އެވެ. އަމިއްލަ އެދުމެއް ނެތި މިފަދަ މީހުން ކުރާ މަސައްކަތްތަކުގައި ވާހަކަ އަހާފައި ބައެއް މީހުންގެ ހިތަށް އަސަރުކޮށް ލޮލުން ކަރުނަ އޮހޮރެ އެވެ.

މިއީ ވެސް އެފަދަ ނަމޫނާ ޓީޗަރުންތަކެއްގެ ވާހަކަ އެވެ. އިންޑިޔާގެ މަގުތަކުގައި ސަލާން ޖަހަން އުޅުނު 50 އެއްހާ ކުދިން އެޑޮޕްޓްކޮށް އެކުދިންނަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތުގެ ޒިންމާ އާ ހަވާލުވި ހަތަރު ޓީޗަރެއްގެ ވާހަކަ އެވެ.

އަޖްމީރުގެ ސްކޫލެއްގެ ހިސާބު ޓީޗަރަކަށް އުޅޭ ސުނިލް ޖޯސް އާއި އޭނާ އުފައްދާފައިވާ އުއްޑަން ސޮސައިޓީ ކިޔާ ޖަމާއަތެއްގައި ހިމެނޭ ޓީޗަރުންތަކެއް ވެގެން 50 ކުދިން އެޑޮޕްޓްކުރުމުގެ އިތުރުން ސަރުކާރު ސްކޫލަކުން އެކުދިންނަށް ކިޔެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މި ކުދިން މަގުމަތިން ނަގައިގެން ގެނެސް ބޯހިޔާވަހިކަން ދިނުމުގެ އިތުރުން އެކުދިންގެ ކެއިން ބުއިމާއި ތައުލީމަށް ކުރަން ޖެހޭ ހުރިހާ ޚަރަދަކާ މިހާރު ހަވާލުވެފައިވަނީ ޖޯސް އާއި އޭނާގެ އެކުވެރިން އުފައްދާފައިވަނީ ސޮސައިޓީންނެވެ.

މި ކުދިންނަށް ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދައިދިނުމުގެ އިތުރުން ކުދިން ސްކޫލަށް ދަތުރުކުރާނެ ބަހުގެ އިންތިޒާމް ވެސް ހަމަޖެއްސީ ޖޯސް އެވެ. މި ކުދިން ދިރިއުޅޭ ތަނުން ކުދިން ނަގައިގެން ސްކޫލަށް ގެންގޮސްދިނުމުގެ އިތުރުން މެންދުރު ކެއުން ވެސް ސްކޫލުން ކުދިންނަށް ލިބޭނެ އިންތިޒާމް ޖޯސް އާއި އޭނާގެ ޓީމުން ވަނީ ހަމަޖައްސާފަ އެވެ.

ސްކޫލް ނިމުމުން ކުދިން ބަލާ ބަސް އާދެ އެވެ. އަދި އެ ހުރިހާ ކުދިން ބަހުގައި ގެންދަނީ ޖޯސްގެ ގެއަށެވެ. އެ ގޭގައި ކުދިންނަށް އިތުރަށް ކިޔަވައި ދިނުމަށްފަހު ރޭގަނޑުގެ ކެއުމުގެ އިންތިޒާމްތައް ވެސް ޖޯސް ވަނީ ހަމަޖައްސާފަ އެވެ.

މި ކުދިންގެ ހުރިހާ އިރެއްގެ ކެއުމާއި އަންނައުނުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ޖޯސްއަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ލިބޭ މުސާރައިންނެވެ.

ޖޯސްގެ އުއްޑަން ސޮސައިޓީގައި ޖުމްލަ ހަތަރު ޓީޗަރުން ބައިވެރިވެ އެވެ. މިއީ ތައުލީމު އުނގެނޭނެ ފަދައެއް ނެތް ފަގީރު ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތުގެ މަގްސަދަކީ މަގުމަތީގައި ސަލާން ޖަހަން އުޅޭ ކުދިން މަގުތަކުން ނަގައި އެ ކުދިންނަށް ކިޔެވުމުގައި މަސްއޫލުވެގެން އުޅެވޭ ކަހަލަ މާހައުލެއް ހޯދައިދިނުމެވެ.

މި ސޮސައިޓީގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ވެސް ބައިވެރިވެ އެވެ. ކުދިންގެ ސިއްހީ ހުރިހާ ކަމެއް ބަލަހައްޓަނީ މި ޑޮކްޓަރެވެ.