ބޮލީވުޑް

ޕަދްމާ ޝްރީ އަކީ ދެކޮޅު މީހުން މޫނުމަތީގައި ޖެހި ތަފާލެއް: ކަންގަނާ

އިންޑިޔާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ގައުމަށް ކޮށްދޭ ތަފާތު ހިދުމަތްތައް ފާހަގަ ކުރުމުގެ ގޮތުން ދޭ އެވޯޑުތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ ގަދަރުވެރި އެވޯޑުކަމަށްވާ "ޕަދްމާ ޝްރީ" މިއަހަރު ލިބުނު ފަންނާންގެ ތެރޭގައި ބަތަލާ ކަންގަނާ ރަނާވަތު ހިމެނެ އެވެ. ކަންގަނާއަކީ ހިންދީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަރަށް ރުޅިއަންނަ ބަތަލާ އެކެވެ. އަދި ކަންގަނާ ވެސް އޭނާއާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ވަރަށް ގަދަޔަށް ބަހުގެ ހަމަލާތައް ފޮނުވަ އެވެ.

ޕަދްމާ ޝްރީ ލިބުމުން ވެސް ކަންގަނާ ވެސް އޭނާ އާ ދިމާކޮށްލައިގެން އުޅޭ މީހުންނަށް ރައްދު ދީފަ އެވެ. އޭނާ ބުނި ގޮތުގައި މި އެވޯޑަކީ އޭނާ ޖަޖްކޮށް އޭނާއާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ މޫނުގައި ޖެހި ވަރުގަދަ ތަފާލެކެވެ.

"ފައިސާއަށް ވުރެ ގިނަ ދުޝްމަނުން އަހަރެންނަށް ލިބިފައިވޭ. އަހަންނަށް ގައުމުގެ ކަންތައްތަކަށް ހޭލުންތެރި ވެވެން ފެށުމުން ގައުމުގައި ހިނގާ ގޯސް ކަންތައްތައްތަކަށް އަޑު އުފުލަން ފެށީ. ނޭނގެ އަހަންނާ ދެކޮޅަށް މިހާތަނަށް މީހުން މައްސަލަ ޖައްސާފައިވާ އަދަދެއް ވެސް. އަހަރެންނާ މީހުން ސުވާލު ކުރޭ ތި ގޮތަށް އަނގަ ގަދަކޮށްގެން ކޯޗެއްހޭ ކަލެޔަށް ލިބެނީ. މިއަދު އެމީހުންނަށް އެ ސުވާލުގެ ޖަވާބު ލިބިއްޖެ. އަހަންނާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ އަނގަތައް މިއަދު މިލިބުނު ޕަދްމާ ޝްރީ އާއެކު ބަންދުވާނެ،" އެވޯޑާ ހަވާލު ވުމަށް ފަހު ކަންގަނާ އިންސްޓަގްރާމްގައި ޝެއާ ކުރި ވީޑިއޯއެއްގައި ބުނެފައި ވެއެވެ.

ކަންގަނާ އާ ޕަދްމާ ޝްރީ ހަވާލު ކޮށްދެއްވީ އިންޑިޔާގެ ރައީސްގެ ޚާއްސަ ގެކޮޅު، ރަޝްތުރަޕަތީ ބަވަންގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ރާމް ނާތު ކޯވިންދް އެވެ.

މިފަހަރު އެވޯޑު ލިބުނު އިތުރު ފަންނާނުންގެ ތެރޭގައި ކަންގަނާ އާ އެންމެ އިދިކޮޅު ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް ހިމެނެ އެވެ. އަދި ފިލްމު ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ވެސް މިފަހަރު ޕަދްމާ ޝްރީ ލިބިފައި ވެއެވެ.