ކްރިމިނަލް ކޯޓް

ހަތިމަށް ކުޅުޖެހި މީހާގެ ބަންދަށް 10 ދުވަސް

އިބްރާހީމީ މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖެހި ހަސަން ޒިޔާދުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

އުމުރުން 40 އަހަރުގެ މި މީހާ އަކީ ތަކުރާރުކޮށް މިސްކިތަށް ކުޑަކަމު ގޮސްގެން ދެފަހަރެއްގެ މަތިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެކެވެ.

އޭގެ ފަހުން އިބްރާހިމީ މިސްކިތަށް އަރާ ހަތިމަށް ކުޅުޖެހުމުން 40 އަހަރުގެ ޒިޔާދު ފުލުހުންނާއި ހަވާލުކުރީ މިސްކިތުގައި ތިބި މީހުންނެވެ. އޭނާގެ ބަންދު މުރާޖާ ކުރުމަށް އިއްޔެ ކޯޓަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ހަތިމަށް ކުޅު ޖެހިކަމަށް އިއުތިރާވެފަ އެވެ.

ގާޒީ ވަނީ، އޭނާ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށާއި އަދި ކުށުގެ ރެކޯޑު އޮތް މީހަކަށް ވާތީ ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފަ އެވެ. 10 ދުވަސް ވުމުން އަނެއްކާވެސް ބަންދު މުރާޖައާ ކުރާނެ އެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޒިޔާދަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް ޖެންޑާ މިނިސްޓްރީ އިން އިއްޔެ ބުނެފައި ވަނީ އެ މިނިސްޓްރީ އިން ބެލި ބެލުމަށް އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށެވެ.