ކުޑަކުދިން

ކުށުގެ ވެށީގައި ގިނައީ ރޫޅިފައިވާ އާއިލާތަކުގެ ކުދިން

އާއިލާތައް ރޫޅުމުގެ ސަބަބުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންގެ ނިސްބަތް ކުރީ އަހަރުތަކާ އަޅާބަލާއިރު ގިނަވަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޑީޖޭޖޭއަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހަޅާގައިވާ މައްސަލަތަކާއި ގުޅިގެން އާންމުކުރި ރިޕޯޓެއްގައި ބުނީ ކުށުގެ ވެށީގައި އުޅޭ ކުދިން 37 ޕަސެންޓް ނިސްބަތް ވަނީ ރޫޅިފައިވާ އާއިލާތަކަށް ކަމަށެވެ. 20 ޕަސެންޓް ނިސްބަތް ވަނީ ގުޅިފައިވާ އާއިލާތަކުގެ ކުދިންނެވެ. އަދި ޑީޖޭޖޭއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ 14 ޕަސެންޓް ކުދިންނަކީ ޝަރުއީ ބައްޕަ ނެތް ކުދިންނެވެ.

ޑީޖޭޖޭގެ ރިޕޯޓު ބުނާގޮތުގައި 23 ޕަސެންޓް ކުދިންގެ އާއިލީ މައުލޫމާތު ހޯދިފައެއް ނުވެ އެވެ.

ރިޕޯޓުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، ޝަރުއީ ބައްޕަ ނެތް ކުދިން ކުށުގެ ވެށީގައި އުޅޭކަން ފާހަގަކޮށްފައިވާއިރު، ކައިވެނި ރޫޅިފައިވާ އާއިލާތަކުގެ ކުދިން ކުށުގެ ވެށީގައި ގިނަކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2011 އިން 2018 ގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެންމެ ގިނައިން ޑީޖޭޖޭއަށް ހުށަހަޅާފައި ވަނީ ގުޅިފައިވާ އާއިލާތަކުގެ ކުދިން ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"ބައެއް ކުދިންގެ އާއިލީ ހާލަތަށް ބަލާއިރު މައިންބަފައިން ކުށްކުރުމާއި ކުށުގެ ވެށީގައި އުޅުމާއި، މަސްތުމާތަކެއްޗާއި ބަނގުރާ ބޭނުންކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ކުރުމާއި، ހަށިވިއްކުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވެއެވެ. މީގެ އިތުރުން އާއިލީ ހާލަތުގެ ސަބަބުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބުމާއި، ކުދިންނާމެދު ބޮޑެތި އިހުމާލުވުމާއި، އަޅާލުން ކުޑަވުމާއި، ޢާއިލާ ރޫޅުމާއި މައިންބަފައިން ނިޔާވުމާއި އަދި ޝަރުއީ ބައްޕަ ނެތުން ހިމެނެއެވެ،" ޑީޖޭޖޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑީޖޭޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ދެން އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތުގައި ޝާމިލްވާ ކުދިންނަކީ އެކި ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ ކުދިންނެވެ. 37 ޕަސެންޓް މި އާބާދީއަށް ނިސްބަތްވާއިރު އެންމެ ގިނަ ކުދިން ސްކޫލާ ވަކިވެފައި ވަނީ ގްރޭޑް ނުވަޔަކުންނެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޑީޖޭޖޭއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އެގޮތުން 88 ކުއްޖެއްގެ މައްސަލަ މުޅި ޖުމްލަ މި މުއްދަތުގައި ޑީޖޭޖޭއަށް ވަނީ ހުށަހަޅާފަ އެވެ. އޭގެތެރެއިން އަލަށް ކުށްކޮށްގެން 40 ކުއްޖެއްގެ މައްސަލަ ވަނީ ހުށަހެޅިފަ އެވެ.

ރިޕޯޓު ބުނާގޮތުގައި އެންމެ ގިނައިން ޑީޖޭޖޭއަށް ހުށަހަޅާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުން، މަސްތުވާތަކެތި އަތުގައި ބެހެއްޓުން، މުދަލަށް ގެއްލުން ދިނުމާއި ޖެހުމާއި އަދި މާރާމާރީ ފަދަ މައްސަލަތަކެވެ. ގަސްދުގައި މީހަކު މެރުމުގެ ދެ މައްސަލައެއް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ޑިޕާޓްމެންޓަށް ވަނީ ހުށަހަޅާފަ އެވެ.

އަންހެން ކުދިންގެ އެންމެ ގިނައީ ކައިވެންޏާ ނުލައި ބަލިވެ އިނުމުގެ މައްސަލަތަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި އަދި ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުމުގެ މައްސަލަތަކެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ސަރަހައްދަށް ބަލާއިރު، އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ އަތޮޅުތެރެއިންނެވެ. އޭގެ ތެރެއިން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ ޏ، ށ އަދި ފ އޮތޮޅުން ކަމަށް ވެސް ޑީޖޭޖޭގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންގެ 49 މައްސަލައެއް އެ ޑިޕާޓްމެންޓަށް ވަނީ ހުށަހަޅާފަ އެވެ.