ރާއްޖޭގެ ޒުވާނުންގެ ހިމެނޭ ވަފުދެއް އިންޑިއާއަށް ދަތުރު ކުރަން ހަމަޖައްސައިފި އެވެ. މާދަމާއިން ފެށިގެން މިމަހުގެ 17 އަށް 14 ޒުވާނަކު އިންޑިއާއަށް ކުރާ މި ދަތުރަކީ އިންޑިޔާ އާއި ރާއްޖޭގެ އިންޓަނެޝަނަލް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ (އައިއީވައިޕީ) ދަށުން އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރޒް އެންޑް ސްޕޯޓްސް އިން ރޭވި ދަތުރެކެވެ.
މި ވަފްދު މިއަ ވަނީ އިންޑިއާ ހައިކޮމިޝަންގެ ޗާޖް ޑެ އެފެއާޒް ރޯހިތް ރަތިޝް އާއި ބައްދަލު ކޮށްފައެވެ.
ދިވެހި ޒުވާނުންގެ ވަފުދުގެ މިދަތުރުގައި އިންޑިއާގެ ނިއުދިއްލީ އާއި އުދައިޕޫރާއި އާގްރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ޒިޔާރަތް ކުރާނެއެވެ. އެ ގޮތުން އެގްރިކަލްޗާ ޔުނިވާސިޓީ އަކަށް ޒިޔާރަތް ކޮށް ސައިންޓިސްޓުން އަދި ދަރުވަރުންނާއި ބައްދަލުކޮށް ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ބަލައި މައުލޫމާތު ބަދަލު ކުރާނެ އެވެ.
މީގެ އިތުރުން އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރިތަކާއި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ ތައާރަފް ދިނުމާއި ޔުނިވާސިޓީ އެއްގެ ރިސާޗާސް އަދި ސްކޮލާސް އާއި ބައްދަލު ކުރުމާއި
ކުޑަކުދިންގެ ހިމާޔަތާއި އަންހެނުން ބާރުވެރި ކުރަން ހިންގާ އެންޖީއޯގެ މެމްބަރުންނާއި ބައްދަލު ކުރުމާއި ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީހާއި ކްލަބް ހައުސަސް އަށް ޒިޔާރަތް ކުރާނެ އެވެ.
މި ވަފްދު ރާއްޖޭއާއި ގުޅޭގޮތުންނާއި ޒުވާނުންނާއި ޒުވާން ކްލަބްތަކުގެ ޕްރެޒެންޓޭޝަންއެއް ހުށަހަޅައި އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބަލައި ތާރީހީ ތަންތަނަށްވެސް ޒިޔާރަތްކުރާނެ އެވެ.
ޒުވާނުން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކޮށްފައިވާ ކަންކަން
- ޓީޗަރުންނާއި ޒުވާނުން ތަމްރީނު ކުރަން އައިސީޓީ ތަމްރީނު ޕްރޮގްރާމް
- ވޮކޭޝަނަލް ޓްރެއިނިންގް ހިންގަން އިންޑިއާ-މޯލްޑިވްސް ޓެކްނޮލޮޖީ އެޑަޕްޓޭޝަން ޕްރޮގްރާމް ފޯ އެޑިއުކޭޝަން ސެކްޓާ
- އިސީސީއާރް ސްކޮލާޝިޕް 39 ފުރުސަތު ކޮންމެ އަހަރަކު
- 67 ރަށެއްގައި ކުޑަކުދިންގެ ޕާކު އަދި 61 ރަށުގައި އައުޓް ޓޯ ޖިމް
- ކުޅިވަރު ތަރައްގީ ކުރުމަށް ތަންތަން ބިނާ ކުރުން
- ހުޅުމާލޭގެ ކްރިކެޓް ސްޓޭޑިއަމް
މީގެ ކުރިން 2018 ގައި ވެސް އައިއީވައިޕީ ގެ ދަށުން ވަނީ ދިވެހި ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކޮށްފަ އެވެ. އިންޑިއާ އާއި ރާއްޖެއަކީ ކުޅިވަރާއި ،ތަޢުލީމާއި، ޒުވާނުން އަދި ސަގާފީ ކަންކަމުގައި ގުޅުން ރަނގަޅު ދެ ގައުމެވެ.