މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކު ބްލެކްމެއިލް ކުރި ތިން މީހަކު ހައްޔަރުކޮށްފި

ދިވެހި ޒުވާން ފިރިހެނަކަށް ބިރު ދައްކާ ބަރަހަނާކޮށް ވީޑިއޯ ކުރުމަށް ފަހު އޭނާ ބްލެކް މެއިލްކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މާލޭގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކާ ބަރަހަނާ ކުރުމަށް ފަހު ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ މައްސަލައެއް ރޭ އެ ހިދުމަތަށް ހުށައެޅުނު ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސް މައްސަލަ ހުށައަޅާފައިވަނީ ރޭ މެންދަމު 3:49 ގައެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ދިވެހި ފިރިހެނުންނެވެ.

މައްސަލައިގެ އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.