މޯލްޑިވްސް ޕޮލިސް ސާވިސް

ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޮތް ތިން މީހުން ދޫކޮށްލައިފި

ދިވެހި ޒުވާން ފިރިހެނަކަށް ބިރު ދައްކާ ބަރަހަނާކޮށް ވީޑިއޯ ކުރުމަށް ފަހު އޭނާ ބްލެކް މެއިލްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންވެސް ދޫކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މާލޭގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކާ ބަރަހަނާ ކުރުމަށް ފަހު ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ މައްސަލައެއް ރޭ އެ ހިދުމަތަށް ހުށައެޅުނު ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސް މައްސަލަ ހުށައަޅާފައިވަނީ ރޭ މެންދަމު 3:49 ގައެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ދިވެހި ފިރިހެނުންނެވެ.

ނަމަވެސް ދެންމެ ފުލުހުން ބުނި ގޮތުން އެ ތިން މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލީ މައްސަލަ ހުށައެޅި މީހާ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށްވެސް ބުންޏެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ހިންގާ ކަމަށް ބުންޏެވެ.