ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލަންކާ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Nov 10, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސްރީލަންކާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕްރައިމް މިނިސްޓާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ.

ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭ ގޮތަށް ފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސް ސޯލިހް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާ ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާ ތަކުގައި ޚިޔާލު ބަދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައިވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފަ އެވެ.

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.