ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް މުރާޖައާކުރުމަށްފަހު ރޯދައިގެ ކުރިން އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓްގައި ހުރި މައްސަލަތައް ގިނަ ކަމުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރެއްވީ އެ މައްސަލަތައް ހައްލުކުރާށެވެ. ސަރުކާރުން މަސައްކަތް ކުރަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެއްވެސް ރައްޔިތަކަށް ހައްގުން ލިބިފައިވާ ފްލެޓެއް އޮތް ނަމަ އެ ފްލެޓެއް އޭގެ ހައްގުވެރިންނަށް ދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"ރޯދައިގެ ކުރިއަށް [ފްލެޓް ލިސްޓް] އިރާދަކުރެއްވިއްޔާ އިއުލާން ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ [ލިސްޓް އިއުލާން ކުރެވޭނެ] ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަކަރާއި ހީލަތުން ފްލެޓް ހޯދި މީހުން މިސަރުކާރުން ނެރޭ ލިސްޓުގައި ނުހިމެނޭނެ ކަމަށެވެ. އަދި އޭސީސީ އިން މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރާ މީހުންނަށްވެސް ފްލެޓް ނުލިބޭނެ ކަމަށް ދޭހަވާ ގޮތަށް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ.
"ނުގަވައިދުން ދޮގު ހަދައިގެން މަކަރު ހަދައިގެން ފޯޖު ކޮށްގެން މީހަކު ފްލެޓެއް، ގޯއްޗެއް ހޯދާފައި އޮތިއްޔާ އެ މީހަކު އަތުން ކެންސަލް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް މުރާޖައާކުރުމަށްފަހު އެ ލިސްޓް ނެރޭނެ ކަމަށް ބުނެ މިސަރުކާރުން މީގެކުރިންވެސް އެތައް ފަހަރަކު ތާރީހުތަކެއް ދީފައިވެ އެވެ. ނަމަވެސް އެފަދަ ތާރީހަކު ލިސްޓް ނެރެވިފައެއް ނުވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓް، ކުރީ ސަރުކާރުގައި ނޮވެމްބަރު ހަތަރެއް، 2023 ގައި އާންމުކުރި އެވެ. އެ ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅި އެވެ.
އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ބުނީ ފްލެޓް ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.
ޝަރުތު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށާއި އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.