އެމެރިކާގެ ކެލިފޯނިއާގެ ދެ އަންހެނަކު ވިހައި އެތައް ދުވަހެއް ވަންދެން އެއީ އަމިއްލަ ދަރިން ކަމަށް ހިތާ ގެންގުޅެފި އެވެ. މިގޮތަށް ދިމާވީ މި މީހުން ދަރިން ނުލިބިގެން ފަރުވާ ހޯދި ފާޓިލިޓީ ކްލިނިކުން އެމީހުންގެ ދަރިފަނި އޮޅިފައި ވާތީ އެވެ.
މި ދެ އަންހެނުންނަށް އެމީހުން ގެންގުޅެމުންދަނީ އަސްލު ދަރިފުޅު ނޫންކަން އެނގުމުން މިހާރު ވަނީ ދެ ދަރިން ބަދަލު ކޮށްފައި ކަމަށް މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވެއެވެ.
ދެފްނާ ކާޑިނޭލް ވިހެއީ 2019 ގައެވެ. އޭނާ ބުނި ގޮތުގައި އޭނާ އާއި ފިރިމީހާ އެލްކްޒެންޑާ އަށް ފުރަތަމައިނުން ވެސް އެއީ އެމީހުންގެ ދަރިފުޅު ނޫން ކަމާ މެދު ޝައްކުވި އެވެ. އެއީ އެމީހުންގެ ގައިގެ ހަމަށް ވުރެ ކުއްޖާގެ ހަންގަނޑު މާ އަނދިރިވީމަ އެވެ. އެމީހުންގެ މި ޝައްކުތައް އޮއްބާލައިގެން އަޅާނުލާ އެމީހުން ތިބީ އެ ތުއްތު ކުއްޖާއަށް އެމީހުންގެ ހިތުގައި އުފެދުނު ވަރުގަދަ ލޯތްބެއްގެ ސަބަބުންނާއި އައިވީއެފް ހަދައިދިން ކްލިނިކަށާއި އެތާގެ ޑޮކްޓަރުންނަށް އިތުބާރު ކޮށްފައި ކަމަށް ދެފްނާ ބުންޏެވެ.
ދެފްނާ ބުނި ގޮތުގައި ވިހޭތާ އެތައް މަހެއް ފަހުން ކުއްލިއަކަށް އޭނާ ވިހެއީ އޭނާގެ އަމިއްލަ ދަރިފުޅު ނޫން ކަމާއި އޭނާގެ ދަރިފުޅު ވިހެއީ އެހެން މީހެއްގެ ބަނޑުންކަން އެނގުމުން ވަރަށް ހިތްދަތި އިހްސާސްތަކެއް ކުރެވުނެވެ.
"އަހަރެންގެ ޖަޒުބާތުތައް ކޮޅުންލި. ބިރުގަނެ ރުޅިވެސް އައި. އަދި މަކަރު ހަދާ އޮޅުވާލާފައިވާ ކަމުގެ އިހްސާސް ކުރެވި ހިތް ހަލާކުވި،" އިންފާޓިލިޓީ ކްލިނިކާ ދެކޮޅަށް ދައުވާކުރަން ނިންމައި ބޭއްވި ނިއުސް ކޮންފަރެންސްގައި ދެފްނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަމިއްލަ ދަރިފުޅު ބަނޑުގައި ބާއްވައިގެން ބޮޑުކޮށް ވިހެއުމުގެ ފުރުސަތު އޭނާ އަތުން ވަނީ ވަގަށް ނަގާފަ އެވެ. ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު ދަރިފުޅާ ގާތް ގުޅުމެއް އުފައްދައި ދަރިފުޅުގެ އިހްސާސްތައް ދެނެގަންނާނެ ފުރުސަތުން އޭނާ ވަނީ މަހްރޫމް ވެފަ އެވެ. އެހެންވެ ކްލިނިކާއި ކްލިނިކުގެ އިސް ޑޮކްޓަރާ ދެކޮޅަށް ދައުވާ ކުރަން އެމީހުން ނިންމީކަމަށް ދެފްނާ ބުންޏެވެ.
ދަރިން އޮޅުނު އަނެއް ދެމަފިރިން ވެސް ކްލިނިކާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވަމުންދާ ކަމަށް އެމީހުންގެ ގާނޫނީ ވަކީލު ބުނެފައި ވެއެވެ.
މި ދައުވާގައި ބުނަނީ އެ ކްލިނިކުން އައިވީއެފް ހަދައިދިން ޑޮކްޓަރަށް އޮޅިގެން ދެފްނާ އާއި އޭނާގެ ފިރިމީހާގެ ދަރިފަނި (އެމްބްރިޔޯ) އަނެއް ދެމަފިރިންގެ ތެރެއިން އަންހެންމީހާ ރަހިމަށް ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ. މި އެމްބްރިޔޯގައި ހިމެނެނީ ދެފްނާގެ ބިހާއި އޭނާގެ ފިރިމީހާގެ ސްޕާމެވެ. އައިވީއެފް ހަދައި ދެފްނޭގެ ރަހިމަށް ޓްރާންސްފާ ކުރީ އަނެއް ދެމަފިރިންގެ ދަރިފަންޏެވެ.
މިގޮތަށް އޮޅިފައި ތިބެ ދެ އަންހެނުން ވެސް ވިހެއީ ދެ އަންހެން ކުދިންނެވެ. މި ކުދިން އުފަންވެފައި ވަނީ 2019 ގެ ސެޕްޓެމްބަރު މަހު އެވެ. މި މީހުންނަށް ނޭނގި ތިބެ ވިހައި، ތިން މަސް ވަންދެން ބެލީ އަނެކަކުގެ ދަރިފުޅެވެ. ދެ މީހުންގެ ދަރިން އޮޅިފައިވާކަން އެނގުނީ ވިހޭތާ ތިން މަސް ފަހުން ޑީއެންއޭ ޓެސްޓް ހެދީމަ އެވެ. އެންމެފަހުން ޖެނުއަރީ 2020ގައި ދެ ކުދިން ވަނީ ބަދަލުކޮށް އެކުދިންގެ އަސްލު މައިންބަފައިންނާ ހަވާލުވެފަ އެވެ.
އައިވީއެފް ކްލިނިކު ތަކުން ހެދޭ ގޯސްތަކުން މިގޮތަށް ދަރިން ބަދަލުވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ.
ދެފްނާ ބުނި ގޮތުގައި އޭނާގެ ބައޮލޮޖިކަލް ދަރިފުޅު ދެކެ ވާހާ ލޯބި އަނެއް ކުއްޖާ ދެކެ ވެސް އޭނާ އާއި އާއިލާއަށް ވަނީ ވެވިފަ އެވެ. އެހެންވެ އެ ކުއްޖާ އޭނާގެ މައިންބަފައިންނާ ހަވާލުކުރުން ވެސް އެމީހުންނަށް ވީ ވަރަށް ހިތްދަތި ކަމަކަށެވެ.