ބޮލީވުޑް

އަވަހަށް ކައިވެނިކުރަން ކެޓުރީނާ ކެތްމަދުވެފައި

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަ މިދިޔަ އޮގަސްޓް މަހުން ފެށިގެން ވަރަށް ބާރަށް ދަނީ ދެކެވެމުންނެވެ. ނަމަވެސް މިހާތަނަށް ކެޓުރީނާގެ ޓީމުން ވެސް އަދި ވިކީގެ ޓީމުން ވެސް އަންނަނީ މިއީ ދޮގެއް ކަމަށް ބުނަމުންނެވެ. ނަމަވެސް މިދިޔަ މަހު ވިކީ އާއި ކެޓުރީނާ ސެލެބްރިޓީ މެނޭޖަރު ރޭޝްމާ ޝެޓީގެ އޮފީހަށް ވަންނަނިކޮށް ފެނުނު ހިސާބުން އިންޑީއާގެ މީޑިއާ ތަކުން އަނެއްކާ ވެސް ވަނީ މި ދެ މީހުންގެ ކައިވެންޏާ ގުޅޭ ޚަބަރުތައް ލިޔަން ފަށާފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވިކީ އާއި ކެޓުރީނާގެ ކައިވެނީގެ ރަސްމިއްޔާތުތައް ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އަދި ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ތިން ދުވަސް މަތިން އެކި ކަހަލަ އިވެންޓްތައް ބޭއްވުމަށް ފަހު ޑިސެމްބަރު 9 ވަނަ ދުވަހު ސިކްސް ސެންސަސް ފޯޓް ބަވާރާ ރިސޯޓުގަ އެވެ.

ބޮލީވުޑްލައިފްގައިވާ ޚަބަރެއް ބުނާ ގޮތުގައި ވިކީ އަސްލު ބޭނުން ވަނީ 2022 ގެ މޭ މަހު ކައިވެނިކުރާށެވެ. އެއީ އޭނާގެ ޝޫޓިންގް ޝެޑިއުލް އޮތް ގޮތުން ވަގުތު ހުސް ނުކުރެވޭނެތީ އެވެ. ނަމަވެސް ކެޓުރީނާ ބޭނުން ވަނީ 2021 ގެ ޑިސެމްބަރު މަހު ކައިވެނި ކުރާށެވެ. އެއަށް ވުރެ ފަސް ކުރާކަށް ކެޓުރީނާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. ކެޓުރީނާ އަށް ވިސްނައި ދޭން ވިކީ ވަރަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް ކެޓުރީނާ ހުރީ ގޮތް ދޫކުރާ ގޮތަށް ނޫން ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

"ކައިވެންޏަށް ކެޓުރީނާ ވަނީ މާ ކުރިން ޕްލޭން ކޮށްފައި. ކައިވެނި ބާއްވާނެ ތަނާއި އަޅާނެ ހެދުންތަކާއި ހުރިހާ ކަމެއް ހުރީ ދުރާލާ ފުރިހަމަ ކޮށްފައި. ކެޓުރީނާ ބޭނުންވީ ރާޖިސްތާން ވެޑިން އެއް. ވިކީ އެދޭ ގޮތަށް މޭ މަހު ރާޖަސްތާނުގައި ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވޭ ވަރަށް ވުރެ އެ ރަށް މާ ހޫނުވާނެ،" މި ޚަބަރުގައި ލިޔެފައި ވެއެވެ.

އަނެއްކޮޅުން ކެޓުރީނާ ބޭނުން ވަނީ އައުޓްޑޯ ވެޑިން އެކެވެ. ދުވާލުގެ ގަޑިތަކާއި އިރު އޮއްސޭ ގަޑީގަ އާއި ރޭގަނޑުގެ ވަގުތުތަކުގައި ތަފާސް ރަސްމިއްޔާތުތައް ބާއްވާ ގޮތަށެވެ. ރާޖަސްތާނުގައި މިކަން ކުރަން އެންމެ ރަނގަޅީ އެ ދުވަސްވަރު އެވެ. ސަބަބަކީ އެ ރަށަށް އެންމެ ފިނި މޫސުން އަންނާނީ އެ ދުވަސްވަރު ކަމަށް ވާތީ އެވެ.