ބޮލީވުޑް

ވިކީ އާއި ކެޓުރީނާއަށް އަގުބޮޑު ހަދިޔާތަކެއް

ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިފްގެ ކައިވެނީގެ ހަދިޔާގެ ގޮތުގައި ފިލްމީ ތަރިން ވަރަށް އަގުބޮޑު ތަކެތި ދެމުންދާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ރާޖަސްތާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކައިވެނިކުރުމަށްފަހު ވިކީ އާއި ކެޓުރީނާ މިހާރު ވަނީ މުމްބައިގައި އެމީހުން އުޅެން ތައްޔާރުކުރި އާ ގޭގައި ދިރިއުޅެން ފަށާފަ އެވެ. އަދި ހަނީމޫނަށް ފުރުމުގެ ކުރިން ގިނަ އަދަދެއްގެ އަގުބޮޑު ހަދިޔާތައް މިހާރު އެމީހުންނަށް ލިބެމުންދާ ކަމަށްވެ އެވެ.

އެގޮތުން އެންމެ އަގު ބޮޑު ހަދިޔާއެއް ދިން ކަމަށް ވަނީ ކެޓުރީނާގެ އެންމެ ގާތް އެކުވެރިޔާ އަދި ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނެވެ.

ސަލްމާންގެ އިތުރުން އޭނާގެ އާއިލާގެ ހުރިހާ މީހުންނާ ވެސް ކެޓުރީނާ ގާތް ގުޅުމެއް އޮވެ އެވެ. އަދި ސަލްމާނަކީ އަބަދުވެސް އަގު ބޮޑު ހަދިޔާތައް މީހުންނަށްދޭ ވަރަށް ދީލަތި މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އޭނާ ކެޓުރީނާ އަށް ހަދިޔާ ކުރި ކަމަށް ވަނީ ރޭންގް ރޯވާ ކާރެކެވެ. މި ކާރުގެ އަގު އިންޑިއާގެ ތިން ކްރޯޑު ރުޕީސް އަށް އަރަ އެވެ.

ކެޓުރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ވެސް ވަރަށް އަގު ބޮޑު ހަދިޔާއެއް އޭނާއަށް ދިން ކަމަށް ޚަބަރުތައް ބުނެ އެވެ. ކެޓުރީނާ އަށް ރަންބީރު ދިން ކަމަށް ވަނީ 2.7 ކްރޯޑު ރުޕީސްގެ އަގުހުރި އަލިމަހުގެ ހާރެއް (ޑައިމަންޑް ނެކްލެސް) އެކެވެ.

އެތައް ފިލްމެއްގައި ކެޓުރީނާއާ އެކު މަސައްކަތްކޮށްފައިވާ ޝާހް ރުކް ޚާން ދިނީ 1.5 ލައްކަ ރުޕީސްގެ އަގުހުރި ޕެއިންޓިން ތަކެކެވެ.

ކެޓުރީނާގެ "ބޭންގް ބޭންގް"ގެ ކޯސްޓާ ރިތިކް ރޯޝަން ވެސް މި ދެމަފިރިންނަށް ވަރަށް ރަނގަޅު ހަދިޔާއެއް ދިން ކަމަށްވެ އެވެ. ކެޓުރީނާގެ އިތުރުން ވިކީ އާއި ރިތިކްގެ ވެސް ގާތް ގުޅުމެއް އޮވެ އެވެ. އެހެންކަމުން ރިތިކް ހަދިޔާކުރީ ފަހުގެ އަގުބޮޑު ސައިކަލެކެވެ.

ބޮލީވުޑް ބަތަލާއިންގެ ތެރެއިން ކެޓުރީނާއާ އެންމެ ގާތް އެއް ބަތަލާ ކަމަށްވާ އާލިއާ ބަޓް ދިނީ އެތައް ލައްކަ ރުޕީސް އެއްގެ އަގުހުރި ޕާފިއުމް ބާސްކެޓެކެވެ.