އައިޖީއެމްއެޗް

އަޖީއެމްއެޗް ގައި އެމްއާރްއައި ހަދަން ދިގު ކިޔޫ އެއް!

  • 300 އަށް ވުރެ ގިނަ އެޕޮއިންޓްމަންޓް ހަދާފައިވޭ
  • މިހާތަނަށް ހެދީ 20 ސްކޭން
  • ދުވާލަކު ހެއްދެނީ 10 ވަރަކަށް ސްކޭން

އައިޖީއެމްއެޗްގައި އެމްއާރްއައި މެޝިނެއް ގެނެސް، ހިދުމަތް ދޭން ފެށި ފަހުން މިވީ ތިން ހަފުތާގެ ތެރޭގައި 300 އަށްވުރެ ގިނަ މީހުން ސްކޭން ހަނދަން އެޕޮއިންޓްމަންޓް ހައްދާފައިވާ ކަމަށް ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ސަރުކާރުން 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައިޖީއެމްއެޗްގައި އެމްއާރުއައި މެޝިނެއް ބަހައްޓައި، އެޕޮއިންޓްމަންޓަށް ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ ދުވަސްކޮޅެއް ކުރިން އެޕޮއިންޓްމަންޓަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވައިލި ނަމަވެސް އެމްއާރްއައި މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިދުމަތް ދިނުން ލަސްކުރުމަށްފަހު ސްކޭން ހައްދަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރު މުހައްމަދު މައުސޫމް ވިދާޅުވީ، އެމްއާރްއައިގެ ހިދުމަތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް ވެއިޓިން ލިސްޓުގައި 300 އަށްވުރެ ގިނަ މީހުން ނަންނޯޓު ކޮށްފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އެމްއާރްއައި މެޝިނުގެ އިލެކްޓްރޯނިކް ބޯޑަކަށް ދިމާވި މައްސަލަޔަކާ ގުޅިގެން ހިދުމަތް މެދުކެމޑުނު މައްސަލަޔާ ބެހޭގޮތުން މައުސޫމް ވިދާޅުވީ، އެ މައްސަލަ ދިމާވި ދުވަހު ރާއްޖެއިން ބޭރަށް މީހުން ފޮނުވައިގެން އެ މައްސަލަ ހައްލުކުރަން ބޭނުންވާ ސްޕެއާ ހޯދި ކަމަށެވެ. އަދި މިހާރު މެޝިންގެ މައްސަލަ ހައްލުކޮށް އެކަން ޔަގީން ކޮށްފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

އެމްއާރްއައި މެޝިނުގެ ހިދުމަތްދޭން ފެށިތާ ދެ ދުވަސް ވެފައިވާއިރު މިހާތަނަށް "15 ވަރަކަށް މީހުންނަށް 20 ސްކޭން ހަދާފައިވާނެ" ކަމަށް މައުސޫމް ވިދާޅުވި އެވެ. އެ މެޝިނުން ދުވާލަކަށް ހެއްދެނީ 10 ސްކޭން އެވެ.

"ސްކޭން ވެއިޓިން ލިސްޓުގައި މިހާރުވެސް އެބައުޅޭ 300 އަށްވުރެ ގިނަ މީހުން. އެއަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވަމުންދާނީ. އަޅުގަނޑުމެން މީހުންނަށް ގުޅަމުން މިދަނީ މިހާރުވެސް އެމީހެއްގެ ނަންބަރު ކައިރިވަމުންދާ ވަރަކަށް. ސްކޭން ހަދަންވާ ދުވަހުގެ ދެތިން ދުވަސް ކުރިން މި ގުޅަނީ. އަތޮޅުތެރެއިން މާލެއަށް އަންނަން ބޭނުން މީހުންނަށް ވެސް ސްކޭން ހައްދަންވާ ދުވަހަށް އާދެވޭނީ އެގޮތަށް ގުޅީމަ ކަމަށް ގަބޫލުކުރެވޭތީ އެގޮތަށް މި ހަދަނީ،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ޗުއްޓީތެރޭގައި އަތޮޅުތެރޭގެ ގިނަ ބަޔަކު މާލެއަށް އައިސް ހޮސްޕިޓަލުން ހިދުމަތް ހޯދާ ދުވަސްވަރަކީ، ހިދުމަތުގެ ފެންވަރާއި ސްޕީޑާމެދު އާންމުންގެ ޝަކުވާ އާދަޔާ ހިލާފަށް އިތުރުވާ ދުވަސް ވަރެކެވެ. އެފަދަ ޝަކުވާތަށް މަދުކޮށް ހޮސްޕިޓަލްގެ ހިދުމަތް އަވަސްކުރަން ސްކައުޓް އެސޯސިއޭޝަނާއެކު އައިޖީއެމްއެޗުން މިހާރު ފަށާފައިވާ މަސައްކަތްތަށް އިޝާރާތްކުރައްވައި މައުސޫމް ވިދާޅުވީ، އައިޖީއެމްއެޗަށް އަންނަ ބަލިމީހުންނަށް ސްކައުޓް ކުދިން އެހީތެރިކަން ފޯރުކޮށްދެމުންދާތީ، އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު އާންމުންގެ ފަރާތުން ލިބޭ ޝަކުވާ ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.