ދުނިޔެ

ބަންގުލަދޭޝްގެ ބޮޑުވަޒީރު ފްރާންސްގައި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޕެރިހަށް ވަޑައިގެންފި އެވެ. އެކަމަނާގެ މި ދަރުތަކީ ދެ ގައުމުގެ ދިފާއީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ފަސް ދުވަހުގެ މުއްދަތަށް ފަރަންސޭސިވިލާތަށް ކުރައްވާ ދަތުރެކެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ހަސީނާއަށް މަރުހަބާ ދެންނެވީ ރިޔާސީ ގަނޑުވަރު އެލީސީ ޕެލަސްގަ އެވެ. މި ބައްދަލު ކުރެއްވުމުގައި ސަރަޙައްދީ ތަރައްގީ އާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މައުލޫތަކަށް ދެލީޑަރުން މަޝްވަރާ ކުރެއްވި އެވެ.

މިބައްދަލު ވުމަށްފަހު އާންމުކުރި ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން ދިފާއީ ވިޔަފާރި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި ފަރިތަވުމުގައި ބަންގްލަދޭޝްއާ ފަރަންސޭސިވިލާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އާ ޗެޕްޓަރެއް ފެށީ ކަމަށެވެ.

އެބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން ބަންގްލަދޭޝްއާ ފްރާންސުން ގުޅުން ހުރި މަސައްކަތްތަކުގައި ސަރަހައްދީ އަދި ޝައުގުވެރިވާ ގައުމުތަކުގެ މެދުގައި މަޝްވަރާ ސެޝަންތައް ބާއްވާނެ އެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން އަދި ހުޅުވާލެވިފައިވާ ސުލްހަވެރި އަދި އެންމެން ޝާމިލުވާ ވިސްނުމެއް އިންޑޯ-ޕެސިފިކް ސަރަހައްދުގައި ގެންގުޅެން ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޓެރަރިޒަމާ މެދު ދުނިޔޭގެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި އެ ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ ސުލްހައަށް ނުރައްކާކުރާ ކޮންމެ ކަމަކާ ދެކޮޅު ކަމަށެވެ. އަދި ދުނިޔެއިން ޓެރަރިޒްމް ނައްތާލަން ފްރާންސްއާ ބަނގްލަދޭޝް އެއްވިސްނުމަކުން ވިސްނާނެ ކަމަށެވެ.

ބަންގްލަދޭޝްއާ ފްރާންސްއިން ދަނޑުވެރިކަމާއި ޓްރާންސްޕޯޓް އަދި ސާފު ހަކަތަ އަހުލުވެރިވުމަށް ބާރުއަޅާނެ ކަމަށް ބުނެފައިވެ އެވެ. އަދި ތައާރަފުވަމުން އަންނަ އާޓެކްނޮޖީ ބޭނުންހިފުމުގައި ދެގައުމުން އެއްބާރުލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.