ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ އާ ސަފީރު ރާއްޖެ ވަޑައިގެންފި

Nov 10, 2021

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުނޫ މަހާވަރު ރާއްޖެ ވަޑައިގެންފި އެވެ.

ސަފީރު މުނޫ މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވާ، މަގާމުގެ ރަސްމީ މަސައްކަތްތައް ފެއްޓެވުމަށެވެ.

ރާއްޖޭގައި ހުންނަވާ ސަފީރު ކަމަށް މުނޫ އައްޔަންކުރެއްވި މިދިޔަ ސެޕްޓެމްބަރު 15ގައެވެ. ނަމަވެސް އޭނާ އަށް މަގާމުގެ ފަތްކޮޅު އެރުވީ މިދިޔަ ބުރާސްފތި ދުވަހު އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދު އެވެ.

ސަފީރު މުނޫގެ އެންމެ މުހިއްމު އެއް މަސައްކަތަކަށް ވާތީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަވަސް ކުރުވުމެވެ.

ރާއްޖޭގައި ހުންނަވާ ސަފީރަކަށް މުނޫ މަހާވަރު އައްޔަންކުރަން ނިންމާފައިވާ ކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.

އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މުނޫ މަހާވަރު ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުން ފެށިގެންނެވެ.

ބައެއް ގައުމުތަކުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ތަކުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ މުނޫ މަހާވަރު އޮމާންގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގައެވެ.

އިންޑިއާ ސަފީރުގެ ގޮތުގައި ރާއްޖޭގައި އެންމެ ފަހުން ހުންނެވީ ސަންޖޭ ސުދިރު އެވެ. ޔޫއޭއީގައި ހުންނަވާ އިންޑިއާ ސަފީރަކަށް ސަންޖޭ ސުދިރު އައްޔަންކުރެއްވުމާ ގުޅިގެން މިދިޔަ މަހުގެ ތިންވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ފުރާވަޑައިގެންފަ އެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ އެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. ހާއްސަކޮށް އެންމެ ފަހުން ރާއްޖޭގައި ހުންނެވި އިންޑިއާ ސަފީރު ސަންޖޭ ސުދީރުގެ ސަފީރުކަމުގައި ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ އިން ވަރަށް ބޮޑަށް އަތްގަދަކޮށް ދިވެހިންގެ މިނިވަންކަން ގެއްލިގެންދާ ފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ސިޔާސީ ބޭފުޅުންނާއި ދިވެހި އެތައް ރައްޔިތުންނެއްގެ ފާޑުކިޔުން ވެސް އިންޑިއާ އަށް މިހާރު ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށްވެސް ދިވެހިންގެ އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.