އަހުމަދު ސިޔާމް މުހައްމަދު

ސިޔާމުގެ ހަމަލާތައް އެޑިޔުކޭޝަން މިނިސްޓަރަށް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މާބޮޑަށް ވެސް ސިޔާސީވެފައިވާ ކަމަށް ވިދާޅުވެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިނިސްޓަރަށް ފާޑުވިދާޅުވެ ސިޔާމް ވާހަކަދެއްކެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަަރަށް ލަފާކުރާ ބަޖެޓް ބަހުސްގަ އެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންނާ މެދު އޮންނަން ޖެހޭ އޯގާތެރިކަން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައެއް ފަހަރު ނުގެންގުޅުއްވާ ކަމަށެވެ.

އެގޮތުން ސިޔާމް ނިސްބަތްވާ ދާއިރާގެ ރައްޔިތުންނާއި ކައުންސިލަރުން މިނިސްޓަރާ ބައްދަލުކުރަން ދިއުމުން ވަގުތު ނެތް ކަމަށް ވިދާޅުވެ ބައްދަލުނުކުރައްވާ ކަމަށް ތުހުމަތުކުރެއްވި އެވެ.

"މިއީ ވަރަށް ދެރަކަމެއް. މިއީ ޖެހޭނެ ރައީސްކަމަށް އަދި ވަޒީރުކަމުގައި ހުންނަކަމުގައި ވަންޔާ ޖެހޭ ރާއްޖޭގެ ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުކުރަން. އަދި ބައެއް ރަށްރަށުގެ ޕްރިންސިޕަލުންނަށް ޓަކައި ފޮނުވާފައި ހުރީ ޕޮލިޓިކަލް އެކްޓިވިސްޓުން. ހާއްސަކޮށް އަޅުގަނޑުގެ މީދޫ ދާއިރާގައި،" ސިޔާމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތައުލީމާ ގުޅޭ ކަންކަމުގައި ރަށްރަށަށް ފޮނުވަން ޖެހޭނީ ގާބިލު އަދި ކިޔަވައިގެން ތިބި ރަނގަޅު މީހުން ކަމަށެވެ.

"އެކްޓިވިސްޓަކަަށް މަގުމަތީގައި އުޅޭ މީހާ ފޮނުވީމަކާ އަޅުގަނޑުމެންނަކަށް ސިޔާސީ ގޮތަކުން ފައިދާއެއް ވެސް ނުލިބޭނެ،" ސިޔާމް ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ސިޔާސީ ވެފައިވާ ކަމަށް ތުހުމަތުކުރެއްވިއިރު އެކަމަނާ މީގެ ކުރިން ވަނީ ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ސިޔާސީ ނުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.