ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރާއްޖޭގެ ދެވަނަ އެއާޕޯޓް ހަަބަކަށް ހަދަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.
ސިޔާމް އެފަދައިން ގޮވާލެއްވީ އަންނަ އަހަރަށް ލަަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ގިނަ ރިސޯޓުތަކެއް ވެސް ހިންގަމުންދާ ސިޔާމް ވިދާޅުވީ މާފަރު އެއާޕޯޓާއެކު ރާއްޖޭގައި ހަަތަރު އިންޓަނޭޝަނަލް އެއާޕޯޓު އޮތް ނަމަވެސް ދުބާއީ ސިންގަޕޫރު ފަދަ ތަންތަނުން އަންނަ ފްލައިޓުތައް އެއާޕޯޓުތަކަށް ނުޖެއްސިގެން ދެގަޑި އިރު ވަރު މަތީގައި އުދުހެން ޖެހޭ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެކަން އެހެން ދިމާވާ ބޭރު އޮޕަރޭޓަރުންނާއި އެޖެންޓުންގެ ފަރާތުން ވެސް ބޮޑެތި ޝަކުވާތައް ލިބޭކަން ސިޔާމް ފާހަގަކުރެއްވި އެވެ.
"އެނގިލައްވާތީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި އެއާލައިން މީހުން ބުނާގޮތުން މަތީގައި އެނބުރެމުންދާން ޖެހޭނެ ތިން ގަޑިއިރާ ހަތަރު ގަޑިއިރާ ދޭތެރޭގައި. އެއީ ސިންގަޕޫރުން މިތަނަށް ދާހާވަރު. އެފަދަ ހާލަަތަކަށް ދިޔައިއްޔާ އެއާލައިނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވެގެން ދާނެ. ޓިކެޓްތަކުގެ އަގު ބޮޑުވެގެން ހިނގައިދާނެ. އަދި ރާއްޖެއާ މެދު އޮންނަ ކޮންފިޑެންސް ނެތިގެން ހިނގައިދާނެ." ސިޔާމް ވިދާޅުވި އެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމަށް މާފަރު ރާއްޖޭގެ ދެވަނަ އެއާޕޯޓު ހަބަކަށް ހެދުމަށް ސިޔާމް ގޮވާލެއްވި އެވެ.
"މާފަރު އެއާޕޯޓް ދެވަނަ ހަބަކަށް ހައްދައިދޭށޭ. އެހެން ނޫން ނަމަ އަޅުގަނޑުމެން މި ބޭނުންވާ ދުވެލީގައި ފަތުރުވެރިކަން ކުރިއަށް ނުވެސް ދާނެ. އެހެންވެ އަޅުގަނޑު ބޭނުންވާ ކަމެއް މިއީ ކުރަން،" ސިޔާމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް އަމާޒުކޮށްގެން މާފަރުގައި އެއާޕޯޓެއް ހެދި ނަމަވެސް އެތަނުގެ ބޭނުން އަދި އެންމެ އެދެވޭ ގޮތަކަށް ނުކުރެވޭ ކަމަށް ނ. އަތޮޅުގެ ބައެއް އެހެން ރައްޔިތުން ވެސް ބުނެ އެވެ.