ހަބަރު

"ރާއްޖޭގެ އޭވިއޭޝަން ސިނާއަތް ދެ ގުނައަށް ފުޅާވެއްޖެ"

  • ނުސީދާ ގޮތުން ޖީޑީޕީގައި 50 ޕަސެންޓް ހިއްސާ
  • ސަލާމަތީ ކަންކަން ހުރީ ދުނިޔޭގެ ފެންވަރަށް
  • ބޯޓުތަކުގެ އަދަދު 79 އަކަށް އަރާފައިވޭ

ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއިން ހޯދި ކުރިއެރުމާ އެކު، ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގައި އެ ސިނާއަތުގެ ހިއްސާ 50 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ މަދަނީ އުނދުހުންތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޒަމީރު ދެއްވި ހިތޯބެއްގައި ވިދާޅުވީ، އޭވިއޭޝަން ސިނާއަތުން ޖީޑީޕީއަށް ސީދާ ކުރާ ހިއްސާ އަކީ އަށް ޕަސެންޓްގައި ކަމަށެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް އަންނަނީ އެކި އެއާލައިންތަކުން ކަމަށްވާ އިރު، ޖީޑީޕީގެ 50 ޕަސެންޓް ހިއްސާ އަކީ ނުސީދާ ގޮތުން އޭވިއޭޝަންގެ ސިނާއަތް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިވިލޭވިއޭޝަން ޖަމްއިއްޔާ، އައިކާއޯ އިން ގަބޫލު ކުރާ މިންގަނޑަށް ރާއްޖޭގެ އޭވިއޭޝަންގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކުރެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން އޭވިއޭޝަންގެ ދާއިރާގައި ރާއްޖެ އޮތީ އެ ޝިނާއަތް ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭވިއޭޝަންގެ ދާއިރާ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގެ ހަރުފަތަށް ދިޔުމަށް އަދި ރާއްޖެއިން ކުރަން ޖެހޭ ކަންކަން ހުރިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"އައިކާއޯ ގެ މިންގަނޑުތަކާ އަޅާބަލާއިރު ވައިގެ ދަތުރުތަކުގެ ސަލާމަތީ ރައްކާތެރިކަމާއި، އިގްތިސޯދީ ގޮތުން ދިވެހިރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ސިނާއަތް ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާ ކަން ފާހަގަ ކުރަމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބޭރުގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވުރެ، އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓުގެ އަދަދު ފަސް އަހަރު ތެރޭގައި ދެގުނައަށް އިތުރުވެފައިވާ އިރު، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ 79 އަކަށް މި ވަނީ އަރައިފަ އެވެ.

އޭވިއޭޝަން އިންޑަސްޓްރީގެ ކުރިއެރުމަށް މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ލޯކަލް ދަތުރުފަތުރުގެ ދާއިރާ ފުޅާކޮށް، ދަތުރުތަކުގެ ސަލާމާތީ ކަންކަން ވަރުގަދަކުރެވޭނެ ފުރިހަމަ ސިޔާސަތެއް ގާއިމްކުރުން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އޭވިއޭޝަން ސިނާޢަތަށް ލިބިފައިވާ ކުރިއެރުމާއި، ކުރިއަރަމުން އަންނަ މިންވަރު ދެމެހެއްޓުމަށްޓަކައި ދައުލަތިގެ ހުރިހާ މުއައްސަސާއެއް ހިމެނޭ ގޮތަށް "ސޭފްޓީ މެނޭޖްމެންޓް ސިސްޓަމް" އެއް ގާއިމް ކުރުމުގެ މަސައްކަތްވަނީ ފަށައިފަ އެވެ. އަދި ވިދާޅުވީ، އޮޕަރޭޝަންސް އަދި ފްލައިޓް ކްރޫ ލައިސަންސިން ގަވާއިދު ހަރުދަނާ ކުރުމާއި ޕަސިންޖަރުންގެ ހައްގުތަކާ ބެހޭ ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތާރީހަށް ބަލާއިރު ރާއްޖެއިން ހޯދާފައިވާ އެކި ކާމިޔާބީ ފާހަގަކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، 2014 ވަނަ އަހަރު އައިކާއޯއިން ކުރި އޯޑިޓްގެ ނަތީޖާ ދައްކާގޮތުން ދިވެހިރާއްޖެއަކީ ވައިގެ ދަތުރު ފަތުރުގެ ދާއިރާއިން ކުރިއަރާފައިވާ ނުވަތަ "މެޗުއަރ" ގައުމުތަކުގެ ފަންތީގައި ހިމެނޭ ދައުލަތެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން ދެން މަސައްކަތް ކުރާނީ، އޭވިއޭޝަން ދާއިރާގެ ސަލާމަތްތެރިކަން ޔަގީންކުރުމަށް "ކޮމްޕްލަޔަންސް ބޭސްޑް އެޕްރޯޗް" ފަހަނަ އަޅައި ގޮސް "ޕާފޯމަންސް ބޭސްޑް އެޕްރޯޗް" ބޭނުން ކުރުމަށް ކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.