ރައީސް މުހައްމަދު ނަޝީދު

ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،246 ރުފިޔާ

Nov 10, 2021
6

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި 21 ދުވަހު ހުންނެވިއިރު ކޮންމެ ދުވަހަކަށް 33،246 ރުފިޔާ ދައުލަތުން ހަރަދުކޮށްފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް -- 21 ދުވަހަށް ނަޝީދު ހުންނެވީ ހޮޓެލް ޖެންގަ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އަވަސްއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހޮޓެލް ޖެންގައި ނަޝީދު ހުންނެވި 21 ދުވަހަށް ޖުމްލަ 698،168 ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ. އެ ހަރަދު 21 ދުވަހަށް ބައިކޮށްލުމުން ދުވާލަކަށް 33،246 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޖަރުމަނާއި އިނގިރޭސިވިލާތުން ސިއްހާ ފަރުވާ ހޯއްދެވުމަށް ކުރި ހަރަދުވެސް ފިނޭންސް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ނަޝީދު އިނގިރޭސިވިލާތުގައި ބޭސް ފަރުވާ ހޯއްދެވުމަށް ދައުލަތުން ވަނީ ތިން ތާރީހެއްގައި ހަރަދުކޮށްފަ އެވެ. އެގޮތުން ފުރަތަމަ ފަހަރު 28،348 ޕައުންޑް ނުވަތަ 610،601 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ދެވަނަ ފަހަރު 15،000 ޕައުންޑް ނުވަތަ 319،767 ރުފިޔާ އަދި ތިންވަނަ ފަހަރު 27،450 ޕައުންޑް ނުވަތަ 570،172 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެންވެ އިނގިރޭސިިވިލާތުން ރައީސް ނަޝީދު ހޯއްދެވި ސިއްހީ ފަރުވާ އަށް އެކަނި ވެސް ދައުލަތުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ރައީސް ނަޝީދު ޖަރުމަނުން ހޯއްދެވި ފަރުވާއަށް 9،000 ޔޫރޯ ނުވަތަ 164،601 ރުފިޔާ ވެސް ހަރަރުދުކޮށްފައިވެ އެވެ. އެހެންކަމުން ރައީސް ނަޝީދު އިނގިރޭސިވިލާތާއި ޖަރުމަނުން ހޯއްދެވި ސިއްހީ ފަރުވާ އަށް ދައުލަތުން ޖުމްލަ 1.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތު ތަކުގެ ތެރޭގައި ހަމަލާއަށް ފަހު މިދިޔަ ދުވަސްތަކުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ދަތުރުފަތުރަށް ކުރި ހަރަދު ހިމަނާފައެއް ނުވެ އެވެ. ހިއްސާކުރި މައުލޫމާތަށް އެކަނި ބަލާއިރު ބޭސްފަރުވާއާއި ހޮޓެލް ޖެންގައި ހުންނެވުމަށް އެކަނިވެސް ދައުލަތުން ވަނީ ރައީސް ނަޝީދަށް 2.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވީ ދައުލަތުގެ ސަލާމަތީ ހިދުމަތްދޭ އިދާރާތަކާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެމަނިކުފާނު އެތަނުގައި ހުންނެވުމަށް ލަފާ ދިނުމުންނެވެ.

ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށްފަހު ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލެންޑަށް ވަޑައިގެންނެވި ގޮތަށް އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސާފައިވާ ގެކޮޅު. މ. މުރައިދޫގެ މަރާމާތުކޮށް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ސިފައިންގެ ސިފްކޯ އިން ކުރަމުންދާ މަރާމާތުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ބުނެފަ އެވެ. އަދި މަޖިލީހުން މިހާރު ވަނީ މުރައިދޫގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ އޮނިގަނޑު ވެސް ފާސްކޮށްފަ އެވެ. އެހެންކަމުން ރައީސް ނަޝީދު މާލެ ވަޑައިގަތުމަށްފަހު ދެން ހުންނަވާނީ މުރައިދޫގޭގައި ކަމަށް ބެލެވެ އެވެ.