ކުރިއަށް އޮތް ދެ އަހަރު ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަން ޖެހޭނީ މި ފަސް އަހަރަށްވީ ވައުދުތައް ފުއްދާ ނިންމުމަށް ކަމަށާ ކޮވިޑް-19 އިން ގެއްލުނު ދިގު މުއްދަތަކީ ބަހަނާއެއްގެ ގޮތުގައި ބެލެން ނެތް ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓް ހުށައެޅީ އެ މިސްރާބަށް ވާސިލުވުމުގެ އަމާޒުގައި ކަމަށެވެ. ރައީސް ވިދާޅުވީ ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ސަރުކާރުގެ އޮތީ އެންމެ މަސްއޫލިއްޔަތެއް ކަމަށާ އެއީ ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުން އެންމެން ސަލާމަތްވުމުގެ މަސައްކަތް ކަމަށެވެ.
ބައްޔާ ދެކޮޅަށް ކުރެެވުނު މަސައްކަތުން ރާއްޖެއަކީ މިއަދު އާބާދީގެ އެންމެ ބޮޑު ބަޔަކަށް ވެކްސިން ޖަހާފައިވާ އެއް ގައުމު ކަމަށާ ދިވެހި އިގްތިސާދު ހުޅުވާލެވި މަސައްކަތް ފެށި އައު އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް އޮތް ދެ އަހަރުގެ ފޯކަސް ހުރީ ވައުދުތައް ފުއްދާ ނިންމުމަށް ކަމަށެވެ. އެ ގޮތުން ތިލަމާލެ ކަނެކްޓިވީގެ މަސައްކަތް ހުއްޓުމެއްނެތި ހިނގާނެ ކަމަށާ ހައިސްޕީޑް ފެރީ ނެޓްވޯކްގެ ހަރުފަތްތައް ދާނީ ގިރާ ކުރަމުން ކަމަށެވެ. އަދި ދަތުރުފަތުރުގެ ވިއުގައިގެ އަގު ރައްޔިތުންނަށް ލާހިކު ކުރުމަށްޓަކައި އެކަށީގެންވާ ސަބްސިޑީ ސަރުކާރުން ދެމުންދާނެ ކަމަށެވެ. އަދި އިއާދަ ކުރަނި ހަކަތައާ އެކުއެކީ ކަރަންޓްގެ އިތުބާރު ބޮޑު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ތަރައްގީގެ ކަންކަން ހުއްޓުމެއްނެތި މި ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހޭނީ މި ފަސް އަހަރަށްވީ ވައުދުތައް ފުއްދާ ނިންމުމަށް. 2022 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށައެޅީ އެ މިސްރާބަށް ވާސިލުވުމުގެ އަމާޒުގައި. ކޮވިޑް-19 އިން ގެއްލުނު ދިގު މުއްދަތަކީ ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ނެތްއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވީ މީގެ ތިން އަހަރު ކުރީންވެސް އެމަނިކުފާނު ދަންނަވާފައިވާ ފަދައިން ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެން ކަމަށާ އެ އަމާޒަށް ވާސިލްވުމަށް މިދިޔަ ތިން އަހަރުތެރޭ ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ މަސައްކަތް ހިންގަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަން ޖެހޭ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ގެންދާ ކަމަށެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އޭ-ލެވެލްއަށް ކިޔެވޭނެ ގޮތް ހަމަޖެއްސުމާއި ހިލޭ ޑިގްރީއަށް ލިޔެވުމުގެ ފުރުސަތު ތަނަވަސްކޮށް ދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ސްޓޫޑެންޓް ލޯން ފުޅާކޮށް ކޮވިޑާއެކު ސުކޫލުތައް ބަންދުވީއިރު ރާއްޖެ ހިމެނިފައިވަނީ އެންމެ އަވަހަށް ސުކޫލުތައް ހުޅުވުނު 10 ގައުުމުގެ ތެރޭގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތާއި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އިސްލާމް ދީނާއި މިނިވަން ކަމަށް ދޫނުދެވޭނެ
ރައީސް އިތުރަށް ވިދާޅުވީ ވަކި ފަރުދެއް ވަކި ރަށެއް ތަފާތު ނުކޮށް ސަރުކާރުން ދޭންޖެހޭ ހިދުމަތް ހަމަހަކޮށް ފޯރުކޮށް ދިނުމަކީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އަމާޒު ކަމަށެވެ. އަދި ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި ދުލާއި ގަލަމުގެ މިނިވަންކަން ރާއްޖޭގައި އޮންނާނެ ކަމަށެވެ.
ވަކި ރައްޔިތަކު ނުވަތަ ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ އޮންނާނެ އެއްޗަކީ އެންމެންގެ ލާބަ އާއި ގައުމީ މަސްލަހަތު ކަމަށެވެ. ހާސް ފަހަރު ގޮތްދޫކޮށް ރައްޔިތުން އެދޭ ގޮތަށް ދީލާލުމަށްވުރެ ވަކި މޮޅު ކަމެއް ޖުމްހޫރީ ވެރިކަމަކުން ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް މުޅި ގައުމުގެ މަސްލަހަތާއި އެންމެންގެ ލާބައާއި ގައުމިއްޔަތުގެ ރުކުންތަކުގައި ބަދަލުނުވާނެ އަދި ގުނޑުވާ ނުލެވޭނެ ކަންކަން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހުރިހާ އެންމެންނަކީ އެއް ވިސްނުމެއްގައި އެއް މަގަކުން ހިނގާނެ އެއް ފިކުރެއްގެ ބައެއް ނޫން. ނުހުރޭ އެތައް ކަމަކާ އަހަން ބޭނުން ނުވާ އެތައް އަޑަކާ ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް އަބަދުވެސް މުޖްތަމައުގައި ހިނގާނެ. ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ އެ ހުރިހާ ބައިތައް ހިމެނިގެން. ގަދައަޅާ ހިފަހައްޓަން ޖެހެނީ ހަަމައެކަނި ގައުމިއްޔަތުގެ ބަހާތަށް. އެއީ މާތްވެގެންވާ އިސްލާމް ދީނާއި މިނިވަންކަމާއި ސިޔާދަތާ ތާރީހާއި އާދަކާދައާ ބަހާ ސަގާފަތް. އެއީ ހުރަސް ނުކުރެވޭނެ ރޮނގު. އެއީ ދޫނުދެވޭނެ ތަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިތްދޭނޭ އެތަށް ނަމަކާއި ކަމެއްގެ ތެރޭންވެސް އަލުން އަނބުރާ މަންޒިލު ހޯދާ ބަޔަކަށް ދިވެހިންވާ ކަމަށާ ފާއިތުވެދިޔަ ތިން އަހަރު ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރަށް ކުރަން ޖެހުނު ހާއްސަ ކަންތައްތަކެއް ހުރި ކަމަށެވެ. އެއީ ޑިމޮކްރަސީ އިއާދަކޮށް ހިފެހެއްޓުމާއި ގިނަ ޕާޓީތައް އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ ހަތުރުވެރިކަމާއި އަދާވަތްތެރިކަން ނޫންކަން ދައްކައި ދިނުން ކަމަށެވެ.
އެންމެ ބޮޑު ހަދިޔާއަކީ މިނިވަން ވޭޖް
ރައީސްގެ ތަގުރީރުގައި ވިދާޅުވީ މި ޖުމްހޫރީ ދުވަހު ގެނެސްދޭ އެންމެ ބޮޑު ހަދިޔާއަކީ އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ސަރުކާރުން ކަނޑައެޅި ކަނޑައެޅުން ކަމަށެވެ. މަސައްކަތްތެރިއަކަށް ދޭންޖެހޭ އެންމެ ބޮޑު ހައްގަކީ އޭނާގެ ހައްގު އުޖޫރަ ކަމަށާ ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ މަސައްކަތްތެރިންނަށް ހައްގު ލިއްބައިދީގެން ކަމަށްވެސް ވިދާޅުވިއެވެ.
މިނިމަމް ވޭޖް ތަންފީޒުވުމުން އޭގެ ހެޔޮ ބަދަލު ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ ކަމަށާ އެންމެ ބޮޑު ބަދަލެއް ނުވަތަ ރަނގަޅެއް ފެނިގެންދާނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ތެރެއިން ގިނަ ބަޔަކަށް އެ ބަދަލުގެ ފައިދާ ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިނިމަމް ވޭޖްގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރެވިފައިވަނީ ގިނަ މަޝްވަރާތަކަކަށް ފަހު. މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އެތަކެއް މަޝްވަރާއާ ހުށައެޅުންތައް ހުރި. މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަޒީފާ ދޭ ފަރާތާ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މަސްލަހަތާއި ހައްގުތަކަށް ސަރުކާރުން ވިސްނި. އެކަށީގެންވާ މުސާރަ ކަނޑައަޅާއިރު ވިޔަފާރިތައް ފުނޑި ބަނގުރޫޓްވިޔަ ނުދިނުމަށްވެސް ސަރުކާރުން ވިސްނި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަޒީފާ ނެތް މީހުންނަށް ފަސޭހަކަމާއެކު ވަޒީފާ ހޯދޭނެ މަގެއް އޮންނަން ޖެހޭ ކަމަށާ އެކަމަށް ސަރުކާރުގެ ސިޔާސަތު އެބައޮތް ކަމަށެވެ. އެ ގޮތުން ޖޮބް ސެންޓަރުގެ އޮފީސްތައް އަތޮޅުތެރޭގައި ގާއިމު ކުރުމަށް ބަޖެޓް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.